އިންޑިޔާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ދެ ސްޓޭޓެއް ކަމުގައިވާ ކެރެލާއާއި، ކަރްނާޓަކާގައި ފެންބޮޑުވެފައިވާއިރު، މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެވެ. މި ވިއްސާރައިގައި މިހާތަނަށް 184 މީހުން ވަނީ މަރުވެފައެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި، އެންމެ ދެކުނުގެ ސްޓޭޓް ކެރެލާއަކީ ފާއިތު އަހަރުގެ ވިއްސާރަ މޫސުމައިވެސް އެންމެ ގެއްލުންވި އެއް ސްޓޭޓޭވެ. މި ފަހަރުވެސް އެ ސްޓޭޓުގައި އާދަޔާއި ޚިލާފަށް ފެން ބޮޑުވެ، ސްޓޭޓްގެ އެންމެ މުހިއްމު އެއް ވައިގެ ބަނދަރު، ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ތިން ދުވަހަށް ބަންދުކުރަން ޖެހުނެވެ.
"މަދުވެގެން 76 މީހުން މަރުވެއްޖެ. 58 މީހުން ވަނީ ގެއްލިފައި. 32 މީހަކަށް ވަނީ އަނިޔާވެގެން ފަރުވާދީފައި." ކެރެލާގެ ހާލަތު ބަޔާންކުރަމުން ކެރެލާ ފުލުހުންގެ ތަރުޖަމާނު ޕްރަމޯދު ކުމާރު ބުންޏެވެ. އެ ސްޓޭޓްގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރި ޑިސްޓްރިކްޓްތައް ކަމުގައިވާ ވަޔަނާޑް، މަލައްޕޫރަމް އަދި ކޯޅިކޯޑް ގައި 2 ލައްކަ 88 ހާސް މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންދެވިފައެވެ.
ކެރެލާއާ ޖެހިގެން އުތުރަށް އޮތް ކަރްނާޓަކާ ސްޓޭޓްގައި ވެސް ވަނީ ވިއްސާރައިގެ ސަބަބުން 42 މީހުން މަރުވެފައެވެ.
"އަހަރުމެން ވަނީ 3 ލައްކަ 80 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި." ކަރްނާޓަކާ ސްޓޭޓުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
މީގެ އިތުރަށް، ހުޅަނގު އިންޑިޔާގެ ދެ ސްޓޭޓެއް ކަމުގައިވާ މަހާރާޝްޓްރައާއި ގުޖަރާތުގައި ފެންބޮޑުވުމުގެ ސަބަބުން 66 މީހުން ވަނީ މަރުވެފައެވެ.
ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ވެހޭ ވާރެއަކީ އިންޑިޔާގެ ދަނޑުވެރިކަމަށާ، އާންމު ބޭނުމަށް ފެން ލިބޭ އެންމެ މުހިއްމު ވަސީލަތަށް ވިޔަސް، ކޮންމެ އަހަރެއްގެ ވިއްސާރައިގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވިއެވެ.
ފާއިތުވި އަހަރު ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުނު ލިބުނު ކެރެލާގައި އެކަނިވެސް 450 މީހުން މަރުވެފައި ވެއެވެ.