އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިޔާގައި ތެޔޮ އުފުލާ ޓޭންކަރެއް ނުވަތަ ބައުޒަރެއް ގޮވުމުގެ ސަބަބުން 60 މީހުން މަރުވެ 75 މީހުން ޒަޚަމްވެއްޖެއެވެ.
ޓެންޒޭނިޔާގެ މެދުތެރޭގައި އޮންނަ މޮރޮގޮރޯގެ ރަށްބޭރުގައި މިހާދިސާ ހިނގާފައި ވަނީ ސައިކަލަކުން ނައްޓާލަން އުޅުމުގެ ތެރޭގައި ބައުޒަރު ފުރޮޅާލައިގެންނެވެ. ޓެންޒޭނިޔާގެ ވިޔަފާރި މަރުކަރު ދާރުއްސާލާމުގެ ހުޅަނގުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އެ ރަށުގެ ރަށް ބޭރުގައި އެ ބައުޒަރު ފުރޮޅާލުމާއެކު އެއިން ޕެޓްރޯލު ނަގަން މީހުން އެއްވިއެވެ. އެ މަސައްކަތުގައި މީހުން އުޅެނިކޮށް އޭގައި އަލިފާން ރޯވެ ގޮވީއެވެ.
"ބޮޑު ގޮވުމެއް ގޮވީ. އެ ގޮވުމުގެ ސަބަބުން މިހާތަނަށް 57 މީހުން މަރުވެއްޖެ. މައިގަނޑު ގޮތެއްގައި މަރުވީ ޓޭންކަރުން ފައިބަމުން ދިޔަ ތެޔޮ ނަގަން މަސައްކަތްކުރި މީހުން." އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ވިލްބްރޮޑް މުޓަފުންގުވާ ވިދާޅުވިއެވެ.
އިންޓަނެޓުގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ތެޔޮ ޓޭންކަރު ގޮވި ސަރަހައްދަށް އޭގެ ބައިތައް ފެތުރިފައި ވާއިރު މުޅި އެ ސަރަހައްދަށް ވަނާ އަނދާފައިވާ މީހުންގެ ހަށިތައް ފެތުރިފައެވެ.
މޮރޮގޮރޯއަކީ ވިޔަފާރީގެ މައި މަރުކަޒު އަދި މައި ބަނދަރު ދާލުއްސަލާމުން ވެރިރަށް ޑޮޑޯމާއަށް މުދަލާއި ތެޔޮ އުފުލާ ލޮރީތައް ހުރަސްކުރާ މައި މަގުގައި އޮންނަ ރަށެކެވެ.
ޒަޚަމްވެފައިވާ ގިނަ ބަޔަކު ވަރަށް ބޮޑަށް ފިހިފައި ވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
"ހާލަތު ވަރަށް ގޯސް. ގިނަ ބަޔަކު މަރުވެއްޖެ. ތެޔޮ ވަގަށް ނުނަގާ މީހުންވެސް މަރުވި. މިއީ ކާރޫބާރު ބޮޑު ތަނަކަށް ވާތީ." ތެޔޮ ޓޭންކަރުގައި ރޯވި މަންޒަރު ދުށް ޑާނިޔާލް ނިގޯގޯ ކިޔާ މީހަކު ރޮއިޓާސްއަށް ކިޔައިދިނެވެ.
އެފްރިކާގައި މިގޮތަށް އެކްސިޑެންޓުވާ ތެޔޮ ލޮރީތައް ގޮވައިގެން މީހުން މަރުވުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. ތެޔޮ ލޮރީތަކުން ފައިބާ ތެޔޮ ނަގަން ފުރާނަ ނުރައްކަލުތެ ތެރެއަށް ވައްޓާލަންވެސް ތައްޔާރަށް ގިނަ ބަޔަކު ތިބޭތީއެވެ.
ފާއިތުވި ޖުލައިމަހު ނައިޖީރިޔާގެ ބެނޫ ސްޓޭޓުގައި އެކްސިޑެންޓުވި ތެޔޮ ލޮރީއަކުން ތެޔޮ ނަގަން އުޅުނު 45 މީހުން މަރުވެފައި ވެއެވެ. މޭ މަހު ނައިޖަރުގެ ވެރިރަށް ނިޔާމޭ ކައިރީގައި ހިނގި މިފަދަ ހާދިސާއެއްގައި 80 މީހުން މަރުވެފައި ވެއެވެ. ޔޫގެންޑާގެ ވެރިރަށް ކެމްޕާލާ ކައިރީގައި ހިނގި މިފަދަ ހާދިސާއެއްގައި 29 މީހުން މަރުވެފައި ވެއެވެ.