ކުރީގެ ސަރުކާރުން ނަގާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް 2.9 މިލިޔަން ރުފިޔާއަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ޙަވާލު ކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކަޅުވަކަރު މިސްކިތް އަމޭން ކުންފުންޏާ ޙަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިއަދު ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙަންމަދު ތޯރިގްއެވެ. އަމޭން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް މުއްތޮލިބެވެ.
ކަޅުވަކަރު މިސްކިތް އަލުން ބަހެއްޓުމުގެ މަސައްކަތާ ހަވާލުކުރީ 120 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ. ހެރިޓޭޖް މިނިސްޓްރީން ބުނީ އަމޭން ކުންފުންޏާއެކު މިއަދު ސޮއިކުރި އެއްބަސް ވުމުގައިވާ ގޮތުން މިސްކިތުގެ ހަރިންމަ ފާރާއި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަހައްދުގެ ލޭންޑްސްކޭޕިންގްގެ މަސައްކަތް ކުރުމާއި، އެ ޕްލޭނުގައި ވާގޮތަށް އެތަނުގައި ކޮންކްރީޓް ޕޭވްމެންޓެއް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިޔާ ތައްޔާރު ކުރުމުގެ އިތުރުން މިސްކިތަށް ކަރަންޓު ލުމުގެ މަސައްކަތްފަދަ ކަންކަން ހިމެނޭނެ ކަމަށެވެ.
ސަލްޓަންޕާކުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނަގާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އެ މިސްކިތް އެތަނުން ނެގުމަށް ފަހު އެތަނުގައި ހަދާފައި ވަނީ ވިންޓަރތީމް ޕާކެކެވެ. ކަޅުވަކަރު މިސްކިތަކީ ބައިބައި ވަކިން ރޫޅާލެވޭ މިސްކިތެއް ކަމަށްވާތީ އޭރު އެ މިސްކިތުގެ ބައިތައް ހުރީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ބަހައްޓާފައެވެ.
ހެރިޓޭޖް މިނިސްޓްރީން މިވަގުތު ނިންމާފައި ވަނީ ދިރާގު މައި އޮފީސް ކުރިން ހުރި ތަނުގައި ބަހައްޓާށެވެ. އެތަނުގައި އެ މިސްކިތް ބެހެއްޓި ނަމަވެސް އެ މިސްކިތުގައި ބަންގި ނުގޮވަން ވަނީ ނިންމާފައެވެ. ސަބަބަކީ މިސްކިތެއްގެ ކުރިމަތީގައި މިސްކިތެއް ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގިނަ އިލްމްވެރިން ލަފާ ދެއްވާފައިވާތީއެވެ. މި މިސްކިތް އަލުން ބެހެއްޓުމަށް ފަހު ބަންގި ނުގޮވި ނަމަވެސް އެތަނަށް އަރައި ނަމާދު ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ހެރިޓޭޖުން ވަނީ ބުނެފައެވެ.