ފިއްލަވައިގެން ޓަގު ބޯޓެއްގައި އިންޑިޔާއަށް އެތެރެވެވަޑައިގަންނަވަން އުޅުއްވަނިކޮށް އިންޑިޔާއިން ހިފެހެއްޓުމަށް ފަހު އަނބުރައި ރާއްޖެ ފޮނުވާލައްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހުންނެވި އުޅަނދު އަދިވެސް އޮތީ ރާއްޖެ އައުމުގެ ދަތުރުމަތީގައި ކަމަށާއި އަދި އަދީބު ރާއްޖެ ގެނެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އަދީބު ރާއްޖެ ގެނެސް ދޫނިދޫގައި ބަހައްޓާފައި ހުންނެވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ އަދީބު ހުންނެވި ދިވެހި ސިފައިންގެ އުޅަނދަށް ރާއްޖެ އާދެވޭނެ ވަކި ވަގުތެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. ރާއްޖެ ނާދެވުނަސް އަދީބު މިވަގުތު ހުންނެވީ ދިވެހި ސިފައިންގެ އުޅަނދުގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދީބު މިވަގުތު ހުންނެވި ތަނަކާބެހޭ ގޮތުން ފުލުހުން ވާހަކަ ދެއްކީ އެމަނިކުފާނު ދޫނިދޫއަށް ގެނެސް ބަހައްޓާފައިވާ ކަމަށް ބަޔެއް މީޑިޔާތަކާއި ސޯޝަލްމީޑިޔާގައިވެސް އަޑު ފެތުރުނު ފަހުންނެވެ.
އަދީބު ރާއްޖެ ފޮނުވާލުމުގެ ކުރިން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުންވެސް ވަނީ އަދީބާ ސުވާލުކޮށްފައެވެ. އަދީބު އިންޑިޔާގެ ބަނދަރުގައި ހުންނެވިއިރު އޭނާގެ ބައިނަލް އަގްވާމީ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ އިންޑިޔާގެ ސިޔާސީ ޙިމާޔަތް ލިބޭތޯއެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން ނިންމީ ސިޔާސީ ޙިމާޔަތް އަދީބަށް ނުދީ އަނބުރައި ޓަގުގައި ރާއްޖެ ފޮނުވާލުމަށެވެ.
އިންޑިޔާއިން އަދީބު ފުރުވާލީ އެގައުމަށް ވަޑައިގެންނެވި ޓަގުގައެވެ. ދިވެހި ސިފައިންގެ އުޅަނދަށް އަދީބު ނެންގެވީ އެ ޓަގު ރާއްޖޭގެ ސަރަހައްދަށް ވަނުމުން ކަމަށްވެއެވެ. އަދީބު ހުންނެވި ސިފައިންގެ އުޅަނދު އަދިވެސް ރާއްޖެއަށް ދަތުރު ކުރަމުންދާއިރު ފުލުހުން ވަނީ ރޭގެވަގުތެއްގައި އަދީބުގެ އެޕާޓްމެންޓްވެސް ބަލައި ފާސްކޮށްފައެވެ.