ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކިބަސް ނަގާ ޝަރީއަތުގެ މަޖިލިސް ފެށިގެން ކުރިޔަށް އެބަދެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މިވަގުތު ކުރިޔަށް ދަނީ ޔާމީންގެ ފަރާތުން ދިފާއުގައި ވާހަކަ ދެއްކެވުމެވެ. އެގޮތުން ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ވަނީ ބަޔެއް ނުކުތާތައް ފާހަގަ ކޮށްފައެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން މިހާތަނަށް ފާހަގަކުރި ބަޔެއް ނުކުތާ ތަކުގެ ތެރޭގައި މިޝަރީއަތް ޓީވީން ވަގުތުން ދުރަށް ދައްކަން ކްރިމިނަލް ކޯޓުން ނިންމައިގެން ކުރިޔަށްދާތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ. އެގޮތުން ޓީވީން ލައިވް ކުރަން ކްރިމިނަލް ކޯޓުން ނިންމައިގެން ކުރިޔަށް ގެންދާއިރު އެކަމާބެހޭ ގޮތުން އެ ކޯޓުން ނިންމި ނިންމުމެއް ކޯޓުގެ ވެބްސައިޓުގައިވެސް ނެތް ކަމަށާއި އަދި އެފަދަ ނިންމުމެއް އާންމުންނަށް އެނގިފައި ނެތްކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.
އެކަމަށް ޖަވާބު ދެއްވަމުން ގާޒީ ހައިލަމް ވިދާޅުވީ ޓީވީން ލައިވް ކުރަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ކަމަށާއި އެފަދަ ނިންމުން ތަކަކީ ކޯޓުގެ އެތެރޭގައި ނިންމާ ނިންމުން ތަކެއް ކަމަށެވެ.
ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ދެން ފާހަގަކުރި އަނެއް ނުކުތާއަކީ ފަނޑިޔާރުންގެ ބެންޗެއް ނެތި ގާޒީ ހައިލަމް އެކަނި ޝަރީއަތުގެ މަޖިލީސް ކުރިޔަށް ގެންދާތީއެވެ. އެނުކުތާ ނެންގެވުމުން ގާޒީ ހައިލަމް ވަނީ އެމަނިކުފާނު އެކަނި މައްސަލަ ބައްލަވާތީ އޮތް މައްސަލައަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޔާމީންގެ ދިފާއީ ވަކީލު ވިދާޅުވީ ގާޒީ ހައިލަމްގެ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި ބަލަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ ގާޒީ ސަސްޕެންޑް ކުރުމުގެ ފުރުޞަތެއްވެސް އެބައޮތް ކަމަށެވެ.
ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެމަނިކުފާނުގެ މައްސަލައެއް ބަލަމުން ގެންދާކަން އެނގިވަޑައިގެންފައި ނެތް ކަމަށާއި މި މައްސަލަ ބައްލަވަނީ އެމަނިކުފާނު ކަމަށާއި އެކަން ނިންމާނީ ކޯޓުގެ އިސްގާޒީ ކަމަށެވެ. އެމަނިކުފާނަކީ އިސްގާޒީ ކަމަށާއި މައްސަލަވެސް ބައްލަވަނީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ. އަދި މި ޝަރީއަތް އިންސާފުވެރިކަމާއެކު އެމަނިކުފާނަށް ކުރިޔަށް ގެންދެވޭނެ ކަމާމެދު ޝައްކެތް ނެތް ކަމަށްވެސް ގާޒީ ހައިލަމް ވިދާޅުވިއެވެ.