މީރާގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓެރެޓެޖިކް ޕްލޭން ތަޢާރަފް ކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެއްވި ސްޓެރެޓެޖިކް ޕްލޭން ތަޢާރަފް ކުރައްވައިފިއެވެ. މީރާއަށް 9 އަހަރުފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ސްޓްރެޓެޖިކް ޕްލޭން ނެރެދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ޙަޞަން ޒަރީރެވެ.

މި ސްޓެރެޓެޖިކް ޕަލޭނަކީވެސް މީރާގެ ވިޝަން އަދި މިޝަންގައި ބަޔާންކޮށްފައިވާ އަމާޒުތަކަށް ވާޞީލް ވުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޢަމަލު ކުރާނެ ގޮތުގެ ޕްލޭނެކެވެ. މިޕްލޭން އެކުލެވިގެން ވަނީ ތިން ފަންކްޝަނަލް ޕްރޮގްރާމާއި ތިން ސަޕޯރޓް ޕްރޮގަރާމްގެ މައްޗަށެވެ. ފަންކްޝަނަލް ޕްރޮގްރާމް ތަކަކީ ޓެކްސް ނިޒާމާއި ޓެކްސް ދައްކާ ފަރާތްތަކާ ސިދާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެކުލަވާލައްވައިފައިވާ ޕްރޮގްރާމް ތަކެވެ. އެ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނެނީ ޓެކްސް ދައްކާ ފަރާތްތައް ހޭލުންތެރި ކުރުވުމާއި ޓެކްސް ނިޒާމު ހިންގުމާއި ޤާނޫނަށް ބޯލެނބުވުމާއި ނުލިބި ހުރި ފައިސާ ހޯދުމެވެ. ފަންކްޝަނަލް ޕްރޮގަރާމްތަކުގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ، ސަޕޯރޓް ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ އިދާރީ ހިންގުމާއި މުވައްޒަފުނާއި އިންފޮމޭޝަން ޓެކްނިލޮޖީ އަދި އެހެނިހެން ފަރާތްތަކާއި މީރާ އާ އޮންނަ ގުޅުމެވެ. ސްޓެރެޓެޖިކް ޕްލޭންގައި ހިމަނައިފައިވަނީ ހަ ޕްރޮގްރާމްގެ ދަށުން މީރާއިން އިސްކަންދޭނެ 13 ސްޓެރެޓެޖީއާއި 27 ކީ ޕާފޯރމަންސް އިންޑިކޭޓަރސް އެވެ. މި ޕްލޭންގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ގާތުން ޚިދުމަތް ދިނުމާއި ޓެކްހުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަން ފެސޭހަކޮށްދިނުމާއި މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކޮށްދިނުމާއި ބައިނަލް އަޤްވާމީ ޓެކްހުގެ ސްޓޭންޑަރޑްތައް މީރާގައި ތަންފީޒު ކުރުން ހިމެނެއެވެ. މީގެ އިތުރުން މަސައްކަތުގެ ޕްރޮސެސްތައް އޮޓޮމޭޓްކޮށް މީރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް މި ޕްލޭންގައި މުހިންމުކަން ދީފައިވާނެކަމަށް ޕްލޭނާ ބެހޭ ގޮތުން މީރާއިން ދެއްވި ކުރު ތަޢާރަފްގައި ބުނެފައިވެއެވެ. މިރާގެ އަމާޒަކީ މޮޕްލޭންގައި ހިމަނާފައިވާ ލަނޑުދަނޑިތައް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރިއަށް އޮތް ފަސް އަހަރުގައި ޙާޞިލް ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.

މީރާގެ ފުރަތަމަ ސްޓެރެޓެޖިކް ޕްލޭން ތަޢާރަފް ކުރެއްވީ 2014 ގައެވެ. ފަސް އަހަރު ގެ މި ޕްލޭންގައިވާ ކަންކަން ކާމިޔާބު ކަމާއެކު ޙާޞިލް ވެފައިވާކަމަށް މީރާ އިން ވަނީ ހާމަކުރައްވައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯރޓްވެސް ވަނީ ނެރެފައެވެ. މި ރިޕޯރޓް ނެރެދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.