ބޮބް ޑިލަން އާ ގުޅުމުގެ މަސައްކަތް އިނާމު ކޮމިޓީން ހުއްޓާލައިފި

މިއަހަރު އަދަބީ ދާއިރާއިން ނޮބެލް ޕްރައިޒް ލިބުނު ބޮބް ޑިލަން އާ ގުޅުމުގެ މަސައްކަތް ހުއްޓާލައިފި ކަމަށް ސްވިޑިޝް އެކަޑެމީން ބުނެފިއެވެ.

ބޮބް ޑިލަން އަށް ނޮބެލް ޕްރައިޒް ދޭން ނިންމިކަން އިއުލާނު ކުރީ މި ދިޔަ ހަފުތާގެ ތެރޭގައެވެ. އިނާމު ލިބުނުކަން އެނގޭ ވާހަކަވެސް އަދި ލިބުނީތީ ކުރެވުނު އިހުސާސެއްގެ ވާހަކަވެސް ބޮބް ޑިލަން ދެއްކި ކަމެއް އަދި އެނގިފައެއް ނެތެވެ. ސްވިޑިޝް ކޮމިޓީން ވަނީ އޭނާޔާ ގުޅޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެއީ އަންނަ ޑިސެންބަރު މަހު އޮންނަ ރަސްމިއްޔާތަށް ދައުވަތު ދޭށާއި، ރަސްމިއްޔާތު ކުރިއަށް ދާނޭ ގޮތް ކިޔައި ދޭށެވެ.

އެކެޑަމީގެ ޕާމަނަންޓް ސެކްރެޓަރީ ސާރާ ދާނިއަސް ވިދާޅުވެފައިވާ ގޮތުގައި ބޮބަށް ފޮނުވާ އީމެއިލް ތަކަށް ޖަވާބެއް ލިބެއެވެ. އެކަމަކު އިނާމާ ބެހޭ އެއްވެސް ވާހަކައެއް ލިޔެފައެއް ނޯވެއެވެ. އީމެއިލަށް ޖަވާބު ދެނީ އޭނާގެ ބައިވެރިއެކެވެ. ސީދާ އޭނައެއް ނޫނެވެ. އެކަޑެމީން ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުދެއެވެ. ފޯނެއް ނުނަގައެވެ. އެހެންވީމާ އޭނާ އިނާމު ގަބޫލު ކުރިކަމެއްވެސް ނުވަތަ ރަސްމިއްޔާތަށް އަންނާނޭ ކަމެއްވެސް ނޭނގެއެވެ.

އުމުރުން 75 އަހަރު ވެފައިވާ ބޮބް ޑިލަން އަކީ އަދަބިއްޔާތުގެ ދާއިރާއިން ނޮބެލް ޕްރައިޒް ލިބުނު ފުރަތަމަ ލަވަހެދުންތެރިޔާއެވެ. އޭނާއަށް އިނާމު ދޭން ނިންމިކަން އިއުލާނު ކުރި ދުވަހުގެ ރޭ އޭނާ ލަސް ވެގާސްގައި މިއުޒިކް ޝޯއެއް ބޭއްވިއެވެ. އެ ޝޯގައިވެސް އިނާމުގެ ނަންވެސް ނުގަނެއެވެ.

ސާރާ ވިދާޅުވާ ގޮތުގައި ބޮބާ ނުގުޅުނީތީ ކަންބޮޑުވެވަޑައެއް ނުގަނެއެވެ. "އަޅުގަނޑުމެންގެ ފިކުރެއް ބޮޑެއް ނުވެއެވެ. އޭނާ ވަޑައިގަންނަވާނޭ ކަމަށް ހީކުރަމެވެ. އެކަމަކު ވަޑައިނުގަންނަވާން ގަސްތު ކުރައްވައިފިއްޔާ ވަޑައިނުގަންނަވާނެތާއެވެ. ކޮންމެ ގޮތެއް ވިޔަސް ހަފުލާ އޮންނާނެއެވެ. އިނާމަކީ އޭނާގެ ހައްގެކެވެ."

ނޮބެލް އިނާމު ދިނުމުގެ ހަފުލާ އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ސްޓޮކްހޯމްގައެވެ.

ބޮބް ޑިލަނަށް އަދަބިއްޔާތުގެ ދާއިރާއިން ނޮބެލް ޕްރައިޒް ދޭން ނިންމީމާ ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ ލަވަތަކަކީ ދުނިޔޭގެ މަޝްހޫރު ބައެއް ޅެންވެރިންގެ ޅެމުގައި ނުވަތަ ލަޔަހެދުންތެރިންގެ ލަވަތަކުގައި ހުންނަ ފަދަ އަދަބީ ފެންވަރެއް ހުރި ލަވަތަކެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.