މިއަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކާއި، ޒަޚަމްވީ މީހުންގެ ތެރެއިން 200 މީހުން ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ މެހުމާނުންގެ ގޮތުގައި މިއަހަރު ހައްޖަށް ގެންދަން ރަސްގެފާނު ނިންމަވައިފިއެވެ.
ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސް އަދި ރަސްގެފާނުގެ މެހުމާނުންގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ ކަންތައް ވިލަރެސްކުރައްވާ ވަޒީރު ޢަބްދުއްލަޠީފު ބިން ޢަބްދުލްޢަޒީޒު އާލުއްޝައިޚް ވިދާޅުވިގޮތުގައި، ކްރައިސްޓްޗާޗު ހަމަލާގެ އަސަރު އެންމެ ބޮޑަށް ކުރި މީހުން މެހުމާނުންގެ ގޮތުގައި ހައްޖަށް ގެންނަވަން ސަލްމާން ރަސްގެފާނު ނިންމެވީ ސައޫދީ އަރަބިއްޔާއިން ޓެރަޒިމާއި، އެކަން ކުރާ މީހުންނާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. އަދި އެ ރަހުމްކުޑަ ހަމަލާއިން އެއާއިލާތަކަށް ކުރި ފުން އަސަރަށް ލުޔެއް ހޯއްދަވައި ދެއްވުމަށެވެ.
މި 200 މީހުންނަށް މެހުމާންދާރީ އަދާކުރެއްވުމަށް ސަލްމާން ރަސްގެފާނު 1 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.
ސައޫދީ އަރަބިއްޔާއިން ނިއުޒީލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުއްރަޙްމާން އައްސުޙައިބާނީ ވަނީ ކްރައިސްޓްޗާޗުން ޙައްޖަށް ފުރާ މީހުންނަށް އެރަށުގެ އައްނޫރު މިސްކިތުގައި މިއަދު ވަދާޢީ ހަފުލާއެއް ބާއްވަވާފައެވެ. އައްނޫރު މިސްކިތަކީ އޮސްޓްރޭލިޔާގެ ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓު ބްރެންޓަން ޓެރަންޓް ބަޑި ހިފައިގެން ވަދެ ގަތުލުއާއްމު ހިންގި އެއް މިސްކިތެވެ. އެ މިސްކިތުގައި 42 މީހުން ޝަހީދުވިއެވެ.
ފާއިތުވި އަހަރު 2 މިލިއަން 3 ލައްކަ 71 ހާސް މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައި ވެއެވެ.