އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އޭނާގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.
މިގޮތުން، އޭނާ ވަނީ ޓެރޭސާ މޭގެ ސަރުކާރުގައި ހޯސް ސެކްރެޓަރީ (ދާޚިލީ ވަޒީރު) ގެ މަގާމުގައި ހުންނެވި ސާޖިދު ޖާވީދު ޗާންސަލާ އޮފް ދި އެކްސްޗެކާ (މާލީ ވަޒީރު) މަގާމަށް ހަމަޖައްސަވާފައެވެ. އުމުރުފުޅުން 49 އަހަރުގެ ޖާވީދަކީ ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ބޮރިސް ޖޯންސަންއަށް ތާއީދުކުރައްވަން ނިންމެވިއެވެ. އޭނާ ވެވަޑައިގަންނަވާނީ އިނގިރޭސި މާލީ ވަޒީރުކަން ކުރައްވާ މުސްލިމް ފުރަތަމަ ބޭފުޅާ ކަމުގައެވެ. ސާޖިދު ޖާވީދަކީ ޕާކިސްތާނުން އިނގިރޭސިވިލާތަށް ހިޖުރަކުރި ބަސް ޑްރައިވަރެއްގެ ބޭފުޅެކެވެ.
ސާޖިދު ޖާވީދަކީ ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ބޭންކިންގގެ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައި، ގިނަ ބައެއްގެ ރުހުން ހޯއްދަވާފައިވާ ބޭފުޅެކެވެ.
ޖާވީދު ކުރިން ހުންނެވި މަގާގު ކަމުގައިވާ ހޯމް ސެކްރެޓަރީ (ދާޚިލީ ވަޒީރު) ކަމުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ޓެރޭސާ މޭގެ ސަރުކާރުގައި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ޕްރީތީ ޕަޓޭލް އެވެ. އުމުރުފުޅުން 47 އަހަރުގެ ޕްރިތީ ޕަޓޭލްއަކީ ޔޫގެންޑާއިން އިނގިރޭސިވިލާތަށް ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ފޮރިން ސެކްރެޓްރީ (ޚާރިޖީ ވަޒީރު) އަކަށް ހަމަޖައްސަވާފައި ވަނީ ޑޮމިނިކް ރާބް އެވެ. އޭނާއަކީ ކުރީގެ ދެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރު ކަމާއި ބްރެގްޒިޓް ސެކްރެޓަރީ (އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ ކަންތައް ވިލަރެސް ކުރައްވާ ވަޒީރު) ގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) އަކީ ބެން ވެލެސްއެކެވެ. އިނގިރޭސިވިލާތް އީޔޫން ވަކިނުވުމަށް ތާއީދުކުރެއްވި ވެލެސް އަކީ ކުރިން ސެކިއުރިޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މަޝްހޫރު އަސްކަރީ ކޮލެޖު ސޭންޑްހާސްޓުން ތައުލީމު ހާސިލުކުރައްވައިގެން އިނގިރޭސި ސިފައިންގެ ތެރޭގައި އަށް އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ވަޒީރުންގެ މަޖިލީހުގެ މުހިއްމު ވުޒާރާތައް ހަވާލުކުރެއްވި ބައެއް ބޭފުޅު:
- ސްޓީވަން ބާކްލޭ – ބްރެގްޒިޓް ސެކްރެޓަރީ
- ލިޒް ޓްރަސް – އިންޓަނޭޝަނަލް ޓްރޭޑް ސެކްރެޓަރީ
- މެޓް ހޭންކޮކް – ހެލްތު އެންޑް ސޯޝަލް ކެއަރ ސެކްރެޓަރީ
- ޓެރޭސާ ވިލިއާސް – އެންވައިރަންމަންޓް ސެކްރެޓަރީ
- ގެވިން ވިލިއަމްސަން – އެޑިޔުކޭޝަން ސެކްރެޓަރީ
- ރޮބަޓް ބަކްލޭންޑް – ޖަސްޓިސް ސެކްރެޓަރީ
- އަލޯކް ޝަރްމާ – އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ސެކްރެޓަރީ
- ގްރާންޓް ޝެޕްސް – ޓްރާންސްޕޯޓް ސެކްރެޓަރީ
ބޮރިސް ޖޯންސަންގެ ވަޒީރުންގެ މަޖިލީހުގައި ޖުމްލަ 26 ބޭފުޅުން ހިމެނި ވަޑައިގަންނަވާއިރު، މުހިއްމު މަގާމުތައް ދެއްވާފައި ވަނީ އީޔޫން ވަކިވުމާ މެދު އޭނާ ގެންގުޅުއްވާ ސިޔާސަތަށް ތާއީދުކުރައްވާ ބޭފުޅުންނަށްކަން ފާގަހަކުރެވެއެވެ.