މިއަހަރު މިހާތަނަށް 103 ރަށަށް ބޯފެން ފޯރުކޮށްދީފައިވޭ

މިއަހަރު މިހާތަނަށް 103 ރަށަކަށް ބޯފެން ފޯރުކޮށްދީފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުސްތަފާ ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު މިއީ ރެކޯޑު ޢަދަދަކަށްވާނެ ކަމަށެވެ. އެ ރަށްތަކަށްވަނީ ތިން ހާސް އަށް ސަތޭކައެއްހާ ޓަނުގެ ފެން ފޯރުކޮށްދީފައެވެ. އެފެން ފޯރުކޮށްދީފައިވަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޫނު މޫސުމުގައި ފެނަށް ޖެހިގެން ސަރުކާރުން ޢާއްމު ގޮތެއްގައި ފެންފޯރުކޮށްދީފައިވަނީ އަހަރަކު އަށްޑިހަ ވަރަކަށް ރަށަށް ކަމަށެވެ.

ރަށްރަށަށް އެގޮތަށް ފެން ފޯރުކޮށްދިނުމަކީ ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް ޚަރަދު ބޮޑު ކަމެއް ކަމަށްވާތީ އެ ޚަރަދު ކުޑަކޮށް އެހެން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނުގެ މައްސަލަ ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ވޯކުޝޮޕެއް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވޯކްޝޮޕުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރަށްރަށަށް ކުރިމަތިވާ ފެނަށް ޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި ގުދުރަތީ އަދި އެހެނިހެން ކާރިސާތަކަށް ބަލައި ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ. ފެނުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ޤައުމީ ފެންވަރުގައި ތަންފީޒުކުރެވޭނެ ވޯޓަރ ސެކިއުރިޓީ ޕްލޭނެއް ތައްޔާރުކުރުމަށް ވެސް ފަށާފައެވެ.

ކިހާރު ކުރިއަށް މިދާ ރިޔާސީ ފަސްއަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ މައްސަކައްތް ފަށްޓަވައިފައެވެ. މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ  މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ފެނުގެ ވިއުގަ މެދުވެރިކޮށް ފެން ފޯރުކޮށް ދެއްވުމަށް ވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ޗަންޕާ ސެންޓްރަލް ހޮޓެލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕްގެ އަލީގައި، ފެނާއި ނަރުދަމާގެ ދާއިރާގެ ކަމާއިބެހޭ ވުޒާރާތަކުގެ ޚިޔާލުތަކާއި ލަފާގެ މަތިން ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން ވެލިޑޭޓްކުރެވިގެން ދާނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.