އިނގިރޭސިވިލާތުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ސަރ ކިމް ޑެރެކް އިސްތިއުފާދެއްވުމާ ބެހޭގޮތުން އެމެރިކާގެ އެންމެ މަގުބޫލު އެއް ނޫސް ވޮޝިންޓަން ޕޯސްޓުގެ ޚިޔާލު ހާމަކޮށްފިއެވެ.
އެ ނޫހުގެ އިއްޔެގެ އަދަދުގައި "ރައީސު ޓްރަމްޕާ ބެހޭގޮތުން އިނގިރޭސި ސަފީރު (ދެއްކެވި ވާހަކަފުޅު) ރަނގަޅު" މި ސުރުޚީގެ ދަށުން ނޫހުގެ އެޑިޓޯރިއަލް ބޯޑުން ލިޔެފައިވާ ލިޔުމުގައި ވާގޮތުން އިނިގޭސި ސަފީރަކީ ވޮޝިންޓަނުގައި މަތީ ދަރަޖައަކަށް އިހުތިރާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ލީކުވެފައި ޓްރަމްގެ ސަރުކާރާ މެދު ދެކެވަޑައިގަންނަވާ މެދު ވަނީ އޭނާ ދެކެވަޑަގަންނަވާ ގޮތް ބަޔާންކުރައްވައި ލަންޑަނަށް ފޮނުވި ސިއްރު ލިޔުމެކެވެ. އޭގައި ޓްރަމްޕާ ބެހޭގޮތުން ވިދާޅުވީ ތަންކޮޅެއް ހަރުކަށި ވާހަކަފުޅެއް ނަމަވެސް، ވޮޝިންޓަން ޕޯސްޓުން ދެކޭގޮތުގައި އެއީ ތެދު ވާހަކަ ފުޅެކެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި ވައިޓްހައުސްގައި ޓްރަމްޕް ނޫން އެހެން ރައީސަކު ހުންނެވި ނަމަ، ސަފީރުގެ ވާހަކަފުޅަށް ސަމާލުކަން ދެއްވައިގެން އިނގިރޭސިވިލާތް ފަދަ އެކުވެރި ގައުމަކާއެކު އޮތް ގުޅުން ގޯސް ނުކުރެއްވީހެވެ. ރައީސު ޓްރަމްޕް ވަނީ އިނގިރޭސި ސަފީރަށް ފާޅުގައި "ވަރަށް އާދައިގެ ބަހުރުވައިން" ބަހުގެ ހަމަލާދެއްވައި އޭނާ އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރައްވާފައެވެ.
ސަފީރު ޑެރެކް ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރައްވަމުން ވިދާޅުވެފައިވަނީ، ރައީސު ޓްރަމްޕަކީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމާމެދު އިތުބާރު ނުކުރެއްވޭ ބޭފުޅެކެވެ. ވޮޝިންޓަން ޕޯސްޓުން ދެކޭ ގޮތުގައި ޓްރަމްޕް އިނގިރޭސި ސަފީރަށް ދެއްވި ހަމަލާއިންވެސް ވަނީ އެކަން ސާބިތުކޮށްދެއްވާފައެވެ. އަދި ސަފީރު ޑެރެކް އެއީ ކޮން ބޭފެއްކަން ދަންނަ މީހުންނަށް ރަނގަޅަށް އެނގޭނެ ފަދައިން ސަފީރަކީ "ގަމާރެއް" ވެސް ނޫނެވެ. އަދި "ބޮޑު ސޭކެއް" ވެސް ނޫނެވެ.
ރައީސު ޓްރަމްޕަކީ އޭނާއަށް ފާޑުކިޔާ އެއްވެސް މީހަކު ދޫކޮށްލައްވާ ބޭފުޅެއް ނޫނެވެ. އެއީ ހޮލީވުޑްގެ ތަރިއަކަށް ވިޔަސް، އަދި ރަހުމަތްތެރި ގައުމެއްގެ އިސް ބޭފުޅަކަށް ވިޔަސް އޭނާގެ ހަމަލާއިން ސަލާމަތްވެވަޑައިނުގަނެއެވެ.
މި ކަމުގައި ރައީސު ޓްރަމްޕް "ވެއްޓިވަޑައިގަތް ދަށު ދަރަޖައިގެ" ސަބަބުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓެރޭސާ މޭއާއި، ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޮރިސް ޖޮންސަންއާއި، ޑިޕްލޮމެޓިކް ދާއިރާގެ އިސް ބޭފުޅުންނަށްވެސް ވަނީ ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންފައެވެ.