ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ފެހިދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
މިރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފެހިދުވުމުގެ 30 ގަޑިއިރުގެ ދުވުމުގެ އެންމެ ފަހުބުރުގެ ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ކަލާފާނު ސްކޫލުގެ ފަރާތުން އެކަމަނާއަށް ވަނީ "ހަނދާނީ ދިދަ"އެއް އަރުވާފައެވެ.
ކަލާފާނު ސްކޫލުގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި 30 ގަޑިއިރުގެ މި ދުވުން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3 ޖެހިއިރުއެވެ. ދުވުން ފެށުމަށްފަހު އެ ސްކޫލޫގެ އެހާރާއި މިހާރުގެ ދަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން 30 ގަޑިއިރު ހަމަވަންދެން ދުވުން ކުރިޔަށްގެންގޮސްފައި ވެއެވެ. މި ގޮތުން މިރޭ ދުވުން ނިންމުމާ ހަމައަށް އެ ސްކޫލުގެ އެހާރާއި މިހާރުގެ ދެހާހެއްހާ ދަރިވަރުން މިދުވުމުގައި ބައިވެރިވެފައިވެއެވެ.
ފެހިދުވުން ހަރަކާތް 30 ގަޑި އިރަށް މާފަންނު އެކުވެނި ދަނޑުގައި ކުރިޔަށްދިޔައިރު ޚާއްޞަ ހަރަކާތެއްގެ ގޮތުގައި، 'ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާއި ކަސްރަތު' މި ޝިއާރުގެ ދަށުން 'ލިވް ލައިފް'ގެ ނަމުގައި ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މިއީ މީގެ ކުރިން އެއްވެސް ސްކޫލެއްގައި ކުރިޔަށްގެންގޮސްފައި ނުވާ އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެޕްރޫވަލް ލިބިފައިވާ ކަސްރަތު ޕްރޮގްރާމެކެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އެޕްރޫވްކުރާ މިންގަނޑަށް ފެތޭ ކުދިން ތިބި ފުރަތަމަ ސްކޫލަށް ހެދުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ.
ފެހިދުވުން ކުރިޔަށްދިޔައިރު މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޒުންބާގެ ސެޝަންތަކާއި ޞިއްޙީ ކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން ސްޓޯލްތައް ބަހައްޓައިގެން އެސަރަހައްދުގައި ހަރަކާތްތައް ކުރިޔަށްގެންގޮސްފައި ވެއެވެ. ފެހިދުވުން ހަރަކާތުގެ މަޤްޞަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމާއެކު އެ ސްކޫލުގެ ދަރިވަރުންނަކީ އަބަދުވެސް ދުޅަހެޔޮ ދިރިއުޅުމަކަށް މިންހެޔޮ ކާނާއާ ކަސްރަތުގެ މުހިންމުކަން ޤަބޫލުކޮށް އެގޮތަށް އަމަލުކުރާ ބަޔަކަށް ހެދުން ހިމެނެއެވެ.
ޚަބަރު: ރައީސް އޮފީސް