އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކ. މާފުށީ ސްކޫލްގެ ދަރިވަރުންނަށް ފަށައިފި

އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް މިއަދު ހެނދުނު  ކ. މާފުށީ ސްކޫލްގެ ސާނަވީ ދަރިވަރުންނަށް ފަށައިފިއެވެ. ދެދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މިއަދު މައުލޫމާތު ދީފައި ވަނީ މާފުށީ ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށެވެ. މާދަމާ މައުލޫމާތު ދޭނީ ގްރޭޑް ނުވައެއްގެ ދަރިވަރުންނަށެވެ. މި ދެ ގްރޭޑުން ޖުމްލަ 44 ދަރިވަރުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މާފުށީ ސުކޫލުގެ ޕްރިންސިޕަލް އަބްދުއްނާސިރު މުހައްމަދު ވިދާޅުވީ މުޖްތަމައުއެއް ބަދަލުކުރުމުގެ އެއްމެ އިސްދައުރެއް އަދާކުރާނީ ދަރިވަރުން ކަމަށެވެ. އަދި ހަކަތަ އިގްތިސާދު ކުރުމާއި ހެޔޮގޮތުގައި ބޭނުންކުރުމުގެ މައުލޫމާތު ދަރިވަރުންނަށް ދިނުމުގެ ސަބަބުން އޭގެ ފައިދާ މުޅު މުޖްތަމައުއަށް ކުރާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތު ބައްދަލުވުންތަކަކީ ވަރަށް މުހިއްމު މަސައްކަތު ބައްދަލުވުންތަކެއް ކަމަށާއި އެންވަޔަރަމެންޓް މިނިސްޓްރީން މިފަދަ މަސައްކަތްކުރައްވާތީ އުފާކުރައްވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ ކަމާއި ބެހޭ ތަޖުރިބާކާރުންނެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.