ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކުޑަ ކުރުމަކީ މުހިއްމު ފިޔަވަޅެއް. އެކަމަކު...

2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީގެ ނައިބު އާދަމް ތައުފީޤު ވަރަށް މުހިއްމު އިޢުލާނެއް ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދޭ ސަބްސިޑީ ކުޑަ ކުރައްވައިފި ކަމުގައެވެ. އެ ދުވަހުން ފެށިގެން ކާޑުގެ ޚަރަދަށް ދޭ ސަބްސިޑީ ދެއްވާނީ ހަމަ އެކަނި ނިކަމެތީންނަށް ކަމުގައެވެ.
މިއީ 2016 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައި ސަބްސިޑީއަށް އޮތް ޢަދަދާ އެއް ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. ބަޖެޓުގައި ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ޖަހާފައި އޮތީ 183 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު އޮތީ 300 މިލިއަން ރުފިޔާއެވެ. އެހެންވީމާ 2016 އަހަރަށް އޮތީ 45 އިންސައްތަ މަދު އަދަދެކެވެ.
ވޭތުގެ ދިޔަ ދިހަ ވަރަކަށް އަހަރަށް ބަލާއިރު ދައުލަތުގެ ޚަރަދު ވަނީ ދެ ގުނައަށް އިތުރު ވެފައެވެ. 2007 ވަނަ އަހަރަށް ޚަރަދު ވާނެ ކަމަށް އޭރު ލަފާ ކުރީ 8 ބިލިއަން ރުފިޔާއެވެ. 2016 ވަނަ އަހަރަށް ލަފާ ކޮށްފައި ވަނީ 16 ބިލިއަން ރުފިޔާއެވެ. ޚަރަދު މިހައި ވަރަށް ބޮޑު ވެގެން ދިޔަ އިރު ދައުލަތުގެ އާމްދަނީއަށް ހިފެހެއްޓޭ ވަރު ކުރެވޭ ގޮތް އޮތީ ނުވެފައެވެ. މީގެ އިތުރަށް 2016 ވަނަ އަހަރު ވެފައި މި ވަނީ އެހެން އަހަރު ތަކަށްވުރެ އުނދަގޫ އަހަރަކަށެވެ. ޚަރަދު ބޮޑު ވެގެން ދިއުމާއެކުވެސް ލަފާ ކުރި ވަރަށް އާމްދަނީ ނުލިބޭކަން މިހާރުވެސް ވަނީ ޔަގީން ކުރެވިފައެވެ. މުހިއްމު އިގްތިސާދީ ދެ ދާއިރާއެއް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ވަނީ ދަށަށް ޖެހިފައެވެ. މި އަހަރު ރާއްޖެއަށް ގެންނާން އަމާޒު ކުރި ފަތުރުވެރީންގެ ޢަދަދަކީ 1.5 މިލިއަނެވެ. އެކަމަކު އެ ޢަދަދަށް ނުގެނެވޭނޭ ކަމަށް ފެންނާތީ ސަރުކާރުން ވަނީ އަމާޒު ކުރި ޢަދަދު 1.4 މިލިއަނަށް ބަދަލު ކޮށްފައެވެ. ކުރިކޮށް ދަންނަވާ ނަމަ ސަރުކާރަށް މިހާރު ޖެހިފައި ވަނީ އާމްދަނީއާއި ޚަރަދުގެ ފަރަގު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާން ޖެހިފައެވެ.
ސަބްސިޑީ ދޭން ޖެހޭނީ އެޔަށް ބޭނުން ޖެހިފައިވާ ނިކަމެތީންނަށް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ރާއްޖެއަށް ފަތުރުވެރީންނާއި، މަސައްކަތަށް ގެނެސްފައި ތިބޭ ބިދޭސީންނާއި، ރާއްޖޭގެ މުއްސަނދީން ހިމެނޭ ގޮތުން އެންމެންނަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ ބުއްދި ގަބޫލު ކުރާ ހަމައެއް އޮތް ކަމެއް ނޫނެވެ. އެހެންވީމާ ބޭނުން ޖެހިފައިވާ ނިކަމެތީންނަށް އެކަނި ސަބްސިޑީ ދޭން ނިންމުމަކީ ސަރުކާރުން އެޅި ވަރަށް ރަނގަޅު އަދި އެހައިމެ މުހިއްމު ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ މާލީ އިދާރާތަކުންވެސް ބާރު އަޅާ ކަމެކެވެ. އަދި އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަބަދުމެ ގޮވައިލާ ގޮވައިލުމެކެވެ.
ވުމާއެކު ސަބްސިޑީ ހުދޫދު ކޮށް، ނިކަމެތީންނަށް އެކަނި ދޭން ސަރުކާރުން ނިންމި ނިންމުމަކީ "ހިތްވަރު ގަދަ" ނިންމުމެކެވެ. ދިވެހިރާއްޖެއިން އޮތީ މި ފަދަ ފިޔަވަޅެއް އަޅާން ނުކެރިފައެވެ. އަދި ތަރައްގީ ވަމުން އަންނަ ބައެއް އެހެން ގައުމުތަކުންވެސް އެ ތިބެނީ މި ފަދަ ފިޔަވަޅެއް އަޅާން ވަރަށް ބޮޑަށް ޖެހިލުން ވެފައެވެ.
ސަރުކާރުގެ މި ނިންމުމަކީ މީގެ އެތައް އަހަރެއް ކުރީން ނިންމާން ޖެހިފައިވާ މުހިއްމު ނިންމުމެކެވެ. އެއްވެސް ސަރުކާރަކަށް ކާމިޔާބު ކަމާއެކު ކުރެވިފައި ނުވާ ކަމެއްވެސް މެއެވެ. އެހެންވީމާ މި މުހިއްމު ފިޔަވަޅަށްޓަކައި އަޅުގަނޑު ސަރުކާރަށް ތަޢުރީފު ކުރަމެވެ.
މި ނުކުތާ ފާހަގަ ކޮށްލުމާއެކު، މި ފިޔަވަޅު އެޅުމުގައި ހުރި އަޅުގަނޑު ކަން ބޮޑުވާ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.

1. ބޭނުން ޖެހިފައިވާ ނިކަމެތީންނަކީ ކޮބައިކަން ކަނޑައަޅާ ގޮތެއް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭން އޮންނާން ވާނެއެވެ.
ސަބްސިޑީއަށް އެދޭނޭ ގޮތް މާޗު މަހުގެ 29 ވަނަ ދުވަހު ވަނީ ދައުލަތުގެ ގެޒެޓުގައި ހާމަ ކޮށްފައެވެ. އެއީ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ގައެވެ. ގެޒެޓު ކޮށްފައިވާ ގަވާއިދުގެ 7 ވަނަ މާއްދާގައި ވަނީ ސަބްސިޑީ ލިބޭނޭ މިންގަނޑުވެސް ކަނޑައަޅައިފައެވެ. އެ މާއްދާގައި (ހ) ގައި ވަނީ އެދޭ މީހާއަކީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނޭ ކަމަށް ބުނެފައެވެ. (ށ) ގައި ބުނެފައި ވަނީ މިހގެންނެވެ. "އެހީއަށް އެދޭ ފަރާތަކީ ފަގީރު ކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އޭޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާން ކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާން ވާނެއެވެ."
އެ ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައި ވަނީ ކާބޯ ތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފުތަރެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖޭންސީ (އެންސްޕާ) އިން އެކުލަވާލައި ބަލަހައްޓާން ވާނެ ކަމުގައެވެ.
މި ދަފުތަރެއް އެކުލަވައިލީ ކަމެއް، ނުވަތަ އެކުލަވައިލީނަމަ ޢާއްމުކޮށް ރައްޔިތުންނަކަށް އެނގިފައެއް ނެތެވެ. އަދި އެ ދަފުތަރުގައި ތިބީ ކޮން ކޮން ބައެއް ކަމެއްވެސް ނޭނގެއެވެ.
މި ދަފުތަރުގައި އެ މީހެއްގެ ނަން ހިމެނޭނީ ކިހިނެއް ކަމާއި، ހުންނާން ޖެހޭ ޝަރުޠު ތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް، ޢާއްމުކޮށް ހުރިހައި ރައްޔިތުންނަށް އެނގޭން އޮންނާން ވާނެއެވެ.

2. ދީފައިވާ ވަގުތުކޮޅު މާ ކުޑައެވެ.
ކާބޯ ތަކެއްޗަށް ދޭ ސަބްސިޑީ ދޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންވީމާ ދިވެހީން މިހާރު މިތިބީ އެޔަށް ވަރަށް ބޮޑަށް ފަރިތަވެ، އާދަ ވެފައެވެ. ކާބޯ ތަކެއްޗާއި ކަރަންޓަށް ދޭ ސަބްސިޑީގެ 40 އިންސައްތަ ކުޑަ ކުރާނބް 2015 ވަނަ އަހަރުވެސް ސަރުކާރުން އިޢުލާނު ކުރިއެވެ. އެކަމަކު އެ އަހަރު ނިމިގެން ދިޔައިރު ސަރުކާރުން ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ކުޑަ މިންވަރަކަށް ނަމަވެސް ބޮޑު ވެފައެވެ. ކާބޯތަކެއްޗަށް ދޭ އެހީ ކަނޑައިލާނޭ ކަމަށް ސަރުކާރުން މާޗު މަހުގެ 29 ވަނަ ދުވަހު އިޢުލާނު ކުރި ނަމަވެސް ރައްޔިތުން އެޔަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. އެއީ މާ ބޮޑު ކަމަކަށް ނުބެލީވެސް ތޯއްޗެކެވެ. އަޅުގަނޑުމެންގެ ރައްޔިތުން ޚަރަދު ކުރުމާއި ރައްކާ ކުރުމުގެ ވިސްނުން ގެންގުޅުނީ މި ސަބްސިޑީ އަކީ ތާއަބަދު ލިބޭނޭ އެއްޗެއް ކަމަށް ބަލައިގެންނެވެ. އެންސްޕާގެ ވެރިޔާ ވިޮދާޅު ވެފައި ވަނީ ސަބްސިޑީއަށް އެދި ހުށަހަޅާފައި ވަނީ މަދު ފޯމެއް ކަމުގައެވެ. މިއީ ދެރަކޮށް ހިނގި ކަމެކެވެ.
ކަން މިހެން އޮތް ކަމުގައި ވިޔަސް މިފަހަރު ސަބްސިޑީ ކަނޑައިލަން އެންގި އެންގުމާއި، ކަނޑައިލުމާ ދެމެދަށް ދިން ވަގުތު ކޮޅަކީ އެކަށިގެންވާ ވަގުތުކޮޅެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެކަން އަންގާފައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކަނޑައިލާން ނިންމުމުގެ ބަދަލުގައި ރައްޔިތުން ފޯމު ލާށާއި ތައްޔާރު ވާން އެޔަށްވުރެ ދިގު މުއްދަތެއް ދިން ނަމަ މާ ރަނގަޅު ވީހެވެ.

3. ގަވާއިދުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޢަދަދުތަކުގައި އެދެވޭ ގުޅުމެއް ނެތެވެ.
ގެޒެޓު ކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ސަބްސިޑީގެ ގޮތުގައި ކޮންމެ މަހަކު ބޮލަކަށް ލިބޭނީ 40 ރުފިޔާއެވެ. ކޮންމެ ގޭބިސީއަކަށް 240 ރުފިޔާއެވެ. އެހެންވީމާ ބަލާފައި އެ އޮތީ ކޮންމެ ގޭބިސީއަކީ 6 ބޯ ކަމުގައެވެ. އެއީ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާފައި ޖެހި ހިސޭބެއް ކަމުގައި ގަބޫލު ކުރެވެއެވެ. އެންމެ ފަހުގެ ހިސާބުިތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ގޭބިސީގެ އެވްރެޖު ބޮލުގެ ޢަދަދަކީ 5.9 އެވެ.
ސަބްސިޑީ ކަނޑައިލުމުން ނުވަތަ ކުޑަ ކުރުމުން ހަނޑުލާއި ގޮދަންފުށުގެ އަގު ދެ ގުނައަށް ނުވަތަ ސަތޭކަ އިންސައްތައަށް އިތުރު ވެއްޖެއެވެ. ހަކުރުގެ އަގު 77 އިންސައްތަ ބޮޑު ވެއްޖެއެވެ. ވުމާއެކު ދިވެހިން ކާބޯ ތަކެއްޗަށް ކުރާ ޚަރަދު ގެޒެޓުގައި އެވާ 40 ރުފިޔާގެ ގާތްގަނޑަކަށް ދެ ގުނައަށް އަރާނެއެވެ. މީގެ އިތުރަށް އެހެން ތަކެތީގެ އަގުވެސް ބޮޑު ވާނެއެވެ. މިސާލަކަށް ބޮދޭސީންނަށް ކާންދޭން ކުރާ ޚަރަދު ބޮޑު ވުމުގެ ސަބަބުން ބައެއް ކާބޯތަކެތީގެ އެހެން ބާވަތްތަކުގެ އަގު ބޮޑު ވުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް އޮންނާނެއެވެ. އެއީ ދާދި ފަހުން ކަރަންޓުގެ ފިއުލް ސާޗާޖަށް ޔުނިޓަކުން ހަތަރު ލާރި ނަގާނެ ކަމަށް އިޢުލާނު ކޮށްފައި ވުމާވެސް އެކުގައެވެ.
އެހެންވީމާ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާގައި އެވާ ޢަދަދުތައް އަލުން މުރާޖަޢާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

4. ފޯމު ފުރުމާ ބެހޭ ގޮތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުން މުހިއްމެވެ.
ނިކަމެތީންނަށް މިހާރު ޖެހިފައި މިވަނީ 4 ސަފުހާގެ ފޯމެއް ފުރާފައި އެންސްޕާއަށް ނުވަތަ އެންސްޕާއިން ކަނޑައަޅާ އޮފީހަކަށް ހުށަހަޅާށެވެ. ފަގީރު ހާލުގައި އުޅޭ ނިކަމްތީންނަކަށް މިއީ މާ ފަސޭހަ ކަމަކަށް ނުވާނެކަން ކަށަވަރެވެ. ވުމާއެކު އެންސްޕާއިން އިތުރު މަސައްކަތްތަކެއް ކުރާން ޖެހެއެވެ. ފޯމު ފުރުމުގައި ނިކަމްތީންނަށް އެހީތެރި ވުމުގެ ގޮތުން ފިޔަވަޅު ތަކެއް އަޅާން ޖެހެއެވެ. މިހެން ކަންތައް ކުރާން ޖެހޭ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި މީގެ ކުރީން ލިބިފައި ވަނީ ވަރަށް މަދު ފޯމު ކޮޅެއް ކަމުގައި އެންސްޕާއިން ބުނުންވެސް ހިމެނެއެވެ.

5. ނިކަމެތީންނަށް ސަބްސިޑީ ލިބޭނޭ ފަސޭހަ ގޮތެއް ހޯދުމަކީ މުހިއްމު ކަމެކެވެ.
ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ސަބްސިޑީއަށް ދޭ ފައިސާ އެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާ ކުރާނޭ ވާހަކައެވެ. ބޭންކުގައި އެކައުންޓެއް ހުޅުވައިގެން އެ ބެލެހެއްޓުމަކީ ނިކަމެތީންނަށް ފަސޭހަ ކަމަކަށް ނުވާނެކަން އެއީ ޔަގީންވާ ކަމެކެވެ. ވުމާއެކު އެ މީހުންނަށް ސަބްސިޑީގެ ފައިސާ ލިބުމުގެ މަގު ބަންދު ވުމުގެ ފުރުސަތު އެބަ އޮތެވެ.
އެހެންވީމާ ނިކަމެތީންނަށް ސަބްސިޑީގެ ފައިސާ ފޯރުކޮށްދޭނޭ ފުރިހަމަ ގޮތެއް ހަމަޖައްސާން ޖެހެއެވެ. މިއީ ރާއްޖޭގައި އުޅޭ އަދި އުޅުނު އެންމެންނަށް އެއް ނިިސްބަތަކުން ދެމުން އައި ސަބްސިޑީ އުވާލައި އިންސާފުވެރި ގޮތަކަށް ސަބްސިޑީ ދޭން ނިންމުންހައި މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
ނިކަމެތި ފަގީރުންނަށް ލިބޭން ޖެހޭ އެއްޗެއް ވަކި މިންގަނޑެއް ނުބަލައި ހުރިހައި އެންމެނަށް ދިނުން ހުއްޓައިލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ކުރުން ލަސް ވެފައި އޮތް ކަމެއްވެސް މެއެވެ. އެކަމަކުވެސް ކުޑަކޮށް ކެތްތެރި ވެލައިގެން ހަރުދަނާ ގޮތަކަށް މިކަން ކުރަމާތޯއެވެ؟


 

(ނޯޓް: މިއީ އިބްރާހީމް ޢާޠިފް ޝަކޫރް އިނގިރޭސި ބަހުން ލިޔުއްވައި އޭނާގެ ބްލޮގްގައި ޝާއިޢު ކުރައްވާފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ.)

 

އިބްރާހީމް ޢާޠިފް ޝަކޫރު
އިބްރާހީމް ޢާޠިފް ޝަކޫރަކީ އިގްތިސާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އިކޮނޮމިކްސް އިން ފުރަތަމަ ޑިގްރީ ނެންގެވުމަށް ފަހު މާސްޓަރސް ޑިގްރީ ހެއްދެވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީންނެވެ. ޢާޠިފް ވަނީ ސަރުކާރާއި ދައުލަތުގެ މަތީ ފެންވަރުގެ ވަޒީފާތަކެއް އަދާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ސީއެމްޑީއޭ އާއި އެމްއެމްއޭ އާއި ދިރާގު ހިމެނެއެވެ. އެންމެ ފަހުން ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާގެ މަގާމުގައެވެ. އާޠިފް މިހާރުވެސް ވިލާ ކޮލެޖާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވައި ދެއްވައެވެ. ޢާޠިފަކީ މީގެ ކުރީންވެސް ލިޔުއްވައިފައިވާ އަދި މިހާރު ބްލޮގް ލިޔުއްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.