ކުއްލި ޙަމަލާ - 6 (އެންމެ ފަހު ބައި)

(29 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަހަންނަށް ހިތްވަރު ދިނުމުގެ ގޮތުން ނަޞީރުއްދީން އެތައް އިރަކު ވާހަކަ ދެއްކިއެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އަހަންނަށް ނަސޭހަތް ދީ، ބޯހިޔާވަހިކަންދީ ހެދުމަކީ ކުޑަ ކަމެއް ނޫނެވެ.

އެ ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ވެރިވީ ބިރުވެރިކަން ފުކަކަށްވެސް ކުޑައެއް ނުވެއެވެ. އެކި ކަހަލަ ބިރުވެރި ޚިޔާލުތައް ކުރެވެނީއެވެ. އަހަރެން ތުތިމަހަށް ކޮށައިލެވޭ މަންޒަރު ހޭލައި ހުއްޓާ ފެންނަނީއެވެ. ހިތަކަށް ހަަމަޖެހުމެއް ނުލިބެއެވެ. ޕްރޮފެސަރު ޢަލީ ޤުލީ ޚާންގެ އިޝްތިހާރުގެ ސަބަބުން އަހަރެންގެ މަރު ދުވަސް ކަށަވަރުވީ ކަހަލައެވެ. މި މައްސަލައިގެ ހައްލެއް ކަމަށް އަހަންނަށް ވިސްނުނީ އަވަހަށް ކާވެނި ކުރުމެވެ. އޭގެ ފަހުން ވާން އޮތް ކަމެއް ވާނެތާއެވެ. މަރު ވިޔަސް މަރު ވާނީ ކާވެނިމަތީގައެއް ނޫން ހެއްޔެވެ؟ ކާވެނި ކުރީމާ އެހެން ފައިދާއެއް ވުމުގެ ފުރުސަތުވެސް އެބައޮތެވެ. ދަރިފުޅު ގޮވައިގެން ފިލިކަމުގެ އަދަބު އަހަންނަށް ނުދޭން ޕްރޮފެސަރު ގަސްތު ކުރުމަކީވެސް ދުރުކަމެއް ނޫނެވެ. ހިންދިރުވައިލުމަށް ފަހު އަހަރެން މިއީ ދަނބިދަރިއެއް ކަމަށް ގަބޫލު ކުރުމަކީވެސް އެކަށީގެންވާ ކަމެވެ.

"އަހަރެމެންގެ ކާވެނި އަވަހަށް ކުރެވޭނޭ ގޮތެއް ހަދައިދީ." އަހަރެން ނަޞީރުއްދީން ގާތު ބުނީމެވެ.

"ދެތިން ދުވަހަކަށް ކެތް ކޮށްލާ. މައްސަލަގަނޑު ފިނިވެލީމާ ތިޔަ ކަމާ އުޅޭނީ."

"މައްސަލަގަނޑު ހޫނު ވިޔަސް ހިހޫ ވިޔަސް ހެޔޮ. އަވަހަށް މިކަން ކޮށްދީ. ފިކުރު ބޮޑު ވެގެން ގޮސް އަހަރެންގެ ބޯ ފަޅައިގެންދާ ވަރު ވެއްޖެ."

"ކަލެއަކީ ބޮޑު މޮޔައެއް. ބޮލު ރޮދި ކެނޑިފައި ހުރި މީހެއް. ތާއަބަދު ތިޔަ ވިސްނަނީ އަމިއްލަ ނަފުސާ މެދު. ކަލޭމެންގެ ކާވެނި ކުރެވުމާއެކު ކަލޭގެ ބަފާބެއަށް ޚަބަރު ވާނެ. ފަހަރެއްގައި ކަލޭމެނަށް މައާފު ކޮށްފާނެ. އެކަމަކު ކާވެނި ކުރުމުގައި އެހީތެރި ވެދިނީތީ އަހަރެން ރޮލާ ކައިލާނެ. އަހަންނަކަށް މައާފެއް ނުކުރާނެ." އޭނާގެ ގާތަށް ރުޅި އަތުވެއްޖެއެވެ.

އޭނާގެ ރުޅިއަކަށް އަހަރެން ފަރުވާލެއް ނުބެހެއްޓީމެވެ. "އެންމެ ރަނގަޅު. ކަލޭ އަހަރެމެން މިގެއިން ނެރެލާ. އަހަރެމެން މިސްކިތަށް ގޮސް ކާވެނި ކޮށްފާނަން."

"ކަލޭމެން ނެރެގެން އަހަރެން އަމިއްލައަށް ނުލަފާ މީހަކަށް ވާންވީ ކީއްވެގެން؟ ކަލޭ ފެއްސިގަތީމާ އެވީނު؟" އޭނާގެ ރުޅި ދިޔައީ ގަދަ ވަމުންނެވެ.

"އެންމެ ރަނގަޅު" އަހަރެން އެ ގެއިން ނުކުމެގެން ދާން ތައްޔާރު ވާން ފަށައިފީމެވެ.

ނަޞީރުއްދީން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު ކުއްލިއަކަށް ބުނެލިއެވެ. "ދާނެ ކަމެއް ނެތް. ކަލޭ ދިޔައީމާ އަހަންނާ އިތުރު މުސީބާތެއް ކުރިމަތިވުން ނޫން ކަމެއް ނުވާނެ. މިގެއަށް ވެއްދުނީތީ ކުރިމަތިވީ ބަލާވެރިކަން ވަކިން ކުޑައެއް ނޫން."

"ދެނޯ؟ މިހާރު ތިޔަވީ ކިހިނެއް؟" އޭނާގެ މިޒާޖަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން އަހަރެން ހައިރާން ވިއެވެ.

"ކަލޭގެ ފޮޓޯ އެހެރީ ނޫހުގައި ޖަހާފައި. ބޭރަށް ނުކުތުމާއެކީ މީހުން ކަލޭގެ ފަހަތުން އަޅައިގަންނާނެ. އެންމެ ފަހުން ކަލެޔާ އެކީ އަހަރެންވެސް މަޅިއަކަށް ފެތޭނީ." އޭނާ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެން ނުދާނަން." އަހަރެން މޭ ފުއްޕައިލީމެވެ. "އެކަމަކު ކަލެއަށް ޖެހޭނީ އަހަރެމެންގެ ކާވެނި ކުރުވައިދޭން."

"އެންމެ ރަނގަޅު. މާދަމާ ނޫން އަނެއް ދުވަހު ތިޔަކަންތައް ކޮށް ދޭނަން."

އަހަރެންގެ މަކަރުވެރި އުކުޅު ކާމިޔާބު ވީތީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިއްޖެއެވެ. "މާދަމާ ހަވީރު ރަަނގަޅު ވާނެ. އެއީ ރަނގަޅު ސާއަތެއް."

"ތިޔަ ގޮތާވެސް އެއްބަސް." ނަޞީރުއްދީން އިސް ޖަހައިލިއެވެ.

އަހަންނަށް އެ ދެ ދުވަސް ހޭދަ ކުރެވުނީވެސް ވަރަށް އުނދަގުލުންނެވެ. ސިކުނޑީގެ އެއް ގޮޅީގައި އަބަދުވެސް ބިރުވެރި ތަސްވީރެއް އޮވެއެވެ. ބިރު ގަނެއެވެ. އެކަމަކު އުފާވެސް ވެއެވެ. ކުރިއަށް އޮތް އުފާވެރި ދުވަސްތަކުގެ ޚިޔާލު ކުރެވުނީމާ ހިތްހަމަ ޖެހެއެވެ.

ކާވެނި ކުރަން އޮތް ދުވަހުގެ ހެނދުނު ނަޞީރުއްދީން ބޭރަށް ހިނގައްޖެއެވެ. އެނބުރި އަންނާނީ އިތުބާރު ކުރެވޭ ވަރުގެ ގާޒީއަކު ގޮވައިގެންނޭ ބުންޏެވެ. ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިދޭނޭ ވަރުގެ ގާޒީއަކަށް އެމީހަކު ވާން ޖެހޭނެތާއެވެ. އެހެން ނޫނީ ފަހުން ބޮޑު މުސީބާތެއްގެ ތެރެއަށް ވަންނާން ޖެހިދާނެތީ ނަޞީރުއްދީންވެސް ފިޔަވަޅު އަޅަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ.

ހަވީރު ވުމުގެ މާ ކުރިން ނަޞީރުއްދީން އެނބުރި އަތުވެއްޖެއެވެ. އޭނާގެ އަތުގައި އަހަރެންގެ ބޮލުގައި އަޅަން ޖަރީކޮށްފައިވާ ރީތި ފޮށައެއް އޮތެވެ. އަދި ހަލުވާާވެސް ގެނައެވެ.

"މި ހުރިހައި އެއްޗެއް ގެނައީ ކީއްކުރަން؟" އަހަރެން ޝުކުރުވެރިކަމާއެކު ބުނެލީމެވެ.

"މިއީ ކޮންމެހެންވެސް ބޭނުން ވާނޭ ތަކެތި. ފޮށައަކާއި ހަލުވާއާ ނުލައި ކާވެންޏެއް ނުކުރެވޭނެ." އޭނާ އުފާވެރި ރާގަކަށް ބުންޏެވެ.

"އެކަމަކު ތިޔަ ހުރިހައި ހަލުވައެއް ކާނީ ކޮން ބައެއް؟"

"ކޮންމެވެސް އެއްޗެކޭ ކިޔާފައި އަވަށު މީހުންނަށް ބަހައިލާނީ."

"އެންމެ ރަނގަޅު. ކަލެއަށް ފެންނަ ގޮތަކަށް ހަދާ. ކަލޭގެ އިހުސާންތެރިކަމުގެ ތެރެއަށް އަނެއްކާވެސް ކަމެއް ތިޔަ އިތުރުވީ."

"މިއީ އިހުސާންތެރިކަމެއް ނޫން." އޭނާ ހިނިތުންވެލިއެވެ. މި ގެއަށް އައި ފަހުން އޭނާގެ ދަތްޕިލާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ ކޮބަޑި ޖަހާފައިވާ ރަތް ދަތްތައް ދެކެވެސް އެ ވަގުތު ލޯބި ވެވިއްޖެއެވެ.

"ގާޒީ ކޮބާ؟" އަހަރެން އަހައިލީމެވެ.

"އިރުކޮޅަކުން އަންނަނެ. އިތުބާރު ކުރެވޭ ވަރުގެ ހަތަރު ހެކިވެރިންވެސް އަންނާނެ." އޭނާ މަޑުމަޑުން ބުނެލިއެވެ. އެޔާއެކު ދެމީހުންނަށްވެސް ބާރަށް ހީނގަނެވުނެވެ،

މާ ގިނަ އިރުތަކެއް ނުވަނީސް ގާާޒީއާއި ހަތަރު ހެކިން އަތުވެއްޖެއެވެ. އަހަރެންގެ ގައިގައި ވަރު ޖެހިއްޖެއެވެ. އެކަމަކު ކުޑަކޮށް ޖެހިލުންވެސް ވިއެވެ. އަހަރެން ބޮލުގައި އޮތް ފޮށާ ނަގައިފީމެވެ.

"މި ވަގުތު އަމީރުއްދީން ހުރި ނަމަ ހާދަހާވާ ރަނގަޅު ވީހޭ. އޭނާވެސް ވަރަށް އުފާ ކުރާނެ." އަހަރެން ނަޞީރުއްދީން ގާތު ބުނެލީމެވެ.

އަހަރެން ބޮލުގައި ފޮށާ އަޅާން އަތް އުފުލައިލީތަނާާ "އޭ ޣަރީބުއްދީން..." އޭ ގޮވައިލީ އަޑަށް އަހަރެންގެ އުފާވެރިކަން ކޮޅުން ލައިފިއެވެ. ގެއަށް އައިސް އެ ވަނީ އަމީރުއްދީނެވެ.

"އަމީރުއްދީން... ކަލޭ..." އަހަރެންގެ އުފާވެރިކަން މައިތިރިކުރެވޭތޯ މަސައްކަތް ކުރީމެވެ. "ކަލޭ މިތަނަށް އައީ ކިހިނެއް؟ ކަލޭ ފެނުނީމާ ހާދަހާވާ ބޮޑަކަށް އުފާ ވެއްޖެއޭ."

ޖަވާބުގައި އަމީރުއްދީން ޖޯޝާއެކު އަހަރެންގެ ގައިގައި ބައްދައިލިއެވެ.

"މިއަދު އަހަރެންގެ ޝަބްނަމާ އިންނަނީ..." އަހަންނަކަށް ކެތެއް ނުކުރެވުނެވެ.

"އެހެންތަ؟ މަރުހަބާ... މަރުހަބާ..." އޭނާ އަަހަރެންގެ އަތުގައި އޮތް ފޮށާ އަތުލައިގެން އޭނާގެ ބޮލުގައި އަޅައިފިއެވެ.

"ތިޔަ ކުރަނީ ކީއް؟ ތިޔައީ ސުންޕާ ކަމެއް." އަހަރެން ބިރުގެންފައި ބުނެލީމެވެ.

"ކަލޭ މިހާރު ދިޔަޔަސް ނޫނީ އަހަރެންގެ ކާވެނީގެ ކަންތައް ނިމުނީމާ ދިޔަޔަސް މައްސަލައެއް ނެތް."

"ތިޔަ ކީ އެއްޗެއް އަހަންނަކަށް ނުވިސްނުނު. ކަލޭވެސް މިއަދު މީހަކާ އިންނަނީތަ؟"

"މިއަދު އޮތީ އަހަރެންގެ ކާވެނި." އޭނާ "އަހަރެން" މި ލަފުޒަށް ބާރު ލާފައި ބުންޏެވެ.

"ކީކޭ؟" އަހަރެންގެ ކުރިމަތީގައި ދުނިޔެއާއި އިރުހަނދު އެއްފަހަރާ ހުޅުދާން ވެގެން ދިޔަ ކަހަލައެވެ.

"ކަލޭ ކޮންމެވެސް ރައްކާތެރި ތަނަަކަށް ވަދެ ފިލާ. އަހަރެންގެ ކާވެނީގެ ކަންތައް ނިމުނީމާ ކޮންމެވެސް ތަނަކަށް ދޭ. ކަލޭ ނުފެނިގެން ފުލުހުން މުޅި ދުނިޔޭގައި އަތްފުނާ އަޅަމުން އެބަގެންދޭ. ކަލޭގެ ޚަބަރު ފުލުހުންނަށް ނުދޭނޭ ކަމުގެ ޔަގީންކަން އަހަރެން ދެން." އޭނާ ރަހުމު ކުޑަގޮތަކަށް އޭނާގެ އިހުސާންތެރިކަން ފައުޅު ކުރިއެވެ.

"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުއެއް ވިސްނޭ. ތިޔައީ ކޮން ސަކަރާތެއް؟" އަހަރެން ހަޅޭއް ލަވައިގަތީމެވެ.

"މިއީ ސަކަރާތެއް ނޫން. މިއީ އަހަންނާއި ޝަބްނަމްގެ ކާވެނި." އޭނާ ހިނިތުންވެލިއެވެ.

"މިއީ ކޮން ކަމެއް؟" އަހަރެން ޝަބްނަމާ ދިމާއަށް ބަލައިލީމެވެ. އޭނާ ހިނިތުން ވެލައިފައި މަޑު މަޑުން ގޮސް އަމީރުއްދީންގެ އަތުގައި ހިފައިފިއެވެ. އަހަރެންގެ ހަށިގަނޑުގައި ހުޅު ރޯވީ ކަހަލައެވެ.

"ތިޔަހެންނެއް ނުހެދޭނެ. އަހަރެން ކަލޭގެ ރިޕޯޓު ކުރާނަން."

އަމީރުއްދީން ވަރަށް ބާރަށް ހީނގެންފިއެވެ. "ލޯބިވާ ޣަރީބުއްދީން. ކަލޭގެ ރިޕޯޓު އަޑު އެހުމުގެ ކުރިން ފުލުހުން ކަލޭ ހައްޔަރުކޮށް ގޮޅިއަކަށް ކޮއްޕައިލާނެ."

"މައްސަލައެއް ނެތް" އަހަރެން ކޮންޓުރޯލުން ނައްޓައިލިއެވެ. "ހައްޔަރު ކުރީމާ އަހަރެން ކަލޭގެ ވާހަކަ ފުލުހުންނަށް ކިޔައި ދޭނަން. ކަލޭމެން ކުޅުނު ކުޅިގަނޑު ސާފުކޮށް ދޭނަން."

"ފުރަތަމަ ކަމަކަށް ފުލުހުން ކަލޭގެ ވާހަކައެއް ގަބޫލެއް ނުކުރާނެ. ކަލޭމެން ދެ މީހުން ގެއިން ނުކުމެގެން ފިލިއިރު އަހަރެން އެ ގޭގައި އުޅެން. އަދި އޭގެ ފަހުން ތިން ހަތަރު ދުވަސް ވާންދެން އެ ގޭގެ މަސައްކަތުގައި އުޅުނިން. ކަލޭގެ ވާހަކަ ބަޔަކު ގަބޫލު ކުރިޔަސް އަހަރެމެން އުޅޭ ތަނެއް ނުހޯދޭނެ. ކާވެނި ކޮށްގެން އަހަރެމެން ދާނީ އެހެން ތަނަކަށް. އެތަނެއް ކަލެއަކަށް ބުނެއެއް ނުދެވޭނެ. ޝަބްނަމް އެހެން ތަނަކަށް ލާފައި މާދަމާ ހެނދުނު އަހަރެން ޕްރޮފެސަރު ޢަލީ ޤުލީ ޚާންގެ ގެއަށް ގޮސް ކައްކަން އުޅޭނަން. އަހަރެންގެ ރޭވުން ކިހިނެއް؟ ރަނގަޅުތަ؟" އޭނާ ހިނިތުންވެލިއެވެ.

"ވަރަށް ރަނގަޅު." އަހަރެން އަމިއްލަ ނަފުސަށް މަލާމާތް ކުރަމުން ބުނެލީމެވެ،

"ކަލެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްކާތެރި ތަނަކަށް ގޮސް ފިލައި އޮތުން. ޔަގީން ކުރޭ. އަހަރެން ކަލޭގެ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނާނަން. އަހަރެން ނުކުރެވިގެން އުޅޭތާ އެތައް އަހަރެއް ވީކަމެއް ފަސޭހަކޮށް ދިނީ ކަލޭ. އެހެންވީމާ ކަލެއަށް ދެރަ ގޮތެއް ވާކަހަލަ ކަމެއް އަހަރެން ނުކުރާނަން."

"ކަލޭގެ ހެޔޮ ކަމަށްޓަކައި ޝުކުރިއްޔާ." އަހަރެން ޝަބްނަމާ ދިމާއަށް ބަލައިލީމެވެ. އޭނާ ހިނިތުން ވެލާފައި ވަދާއުގެ ސަލާމަށް އަތް ހޫރައިލިއެވެ. އަހަރެން އެ ގެއިން ނުކުންނާން ހިނގައިގެންފީމެވެ.

"ކާވެނީގެ ހަލުވާ ކައިގެން ދޭ." އަހަރެން ހިނގައިގަތީމާ އަމީރުއްދީން ބުނެލިއެވެ.

"ކަލޭ ހަލުވާ ކައިލާ. ބާކީ އެތިކޮޅެއް ހުރިއްޔާ ޝަބްނަމާއި ނަޞީރުއްދީނާ ދެ މީހުންނަށް ދީ." މިހެން ބުނެފައި އަހަރެން މަޑުމަޑުން ހިނގައިގެންފީމެވެ. ރައްކާތެރި ތަނެއް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތީއެވެ.

(ނިމުނީ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.