އެމްބަސީއަށް ލުތުފީ ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގެ ޢަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ފިލައިގެން އުޅުމަށްފަހު ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ ޙާޒިރުވުމުންނެވެ. އެމްބަސީއަށް އޭނާ ހާޒިރުވެފައިވަނީ މިއަހަރު މެއިމަހު އެއްވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ހާޒިރުވުމުން ކަމަށެވެ. "އެމްބަސީއަށް ޢަބްދުﷲ ލުތުފީ ޙާޒިރުވުމާ ގުޅިގެން ދިވެހިފުލުހުންނާއި ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޢަބްދުﷲ ލުތުފީ ރާއްޖެއަށް އެނބުރާ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިދަނީ ކުރަމުންނެވެ." ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ކޮލަމްބޯގައި މިހާރުވެސް ލުތުފީ ބަލަހައްޓަމުން ގެންދަވަނީ ދިވެހި ފުލުހުންނެވެ. ލުތުފީ ފިލައިފައިވަނީ 2010 ވަނަ އަހަރު ޖެނުއަރީ 16 ވަނަ ދުވަހު ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުންނެވެ. އޭނާ ބޭސްފަރުވާއަށް ފޮނުވުމުން އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުޑެ ޑިޕާޓުމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް ގެ ފަރާތުންވަނީ ޙުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ހޯދައިގެން އެޑިޕާޓުމެންޓާ ޙަވާލުކޮށް ދެއްވުމަށް ފުލުހުންގެ އެހީތެރިމަށް އެދިފައެވެ. ފުލުހުން ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު މެއި އެއްވަނަ ދުވަހު ލުތުފީ ދިވެހިއެމްބަސީއަށް ހާޒިރުވީ އޭނާ ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށްނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.