އިތިއޯޕިޔާގެ އަމްހަރާގައި ގެންނަން އުޅުނު އިންގިލާބެއް ނާކާމިޔާބުކޮށްލައިފި

އިތިއޯޕޮޔާގެ އަމްހަރާ ސްޓޭޓްގައި ގެންނަން އުޅުނު އިންގިލާބުގައި އަވަހާރަކޮށްލެވުނު ސަރަހައްދީ ރައީސު އަމްބެޗޯ މެކަނަން

އިތިއޮޕިޔާ އުތުރުގައި އޮންނަ އަމްހަރާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރު އިންގިލާބަކުން ވައްޓާލަން ކުރި މަސައްކަތް ނާމާމިޔާބުކޮށްލެވިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

"އަމްހަރާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރާ ދެކޮޅަށް އިންގިލާބެއް ގެންނަން މަސައްކަތްކުރި ކަމުގެ ޔަގީންކަން އަހަރުމެން ދެން." ޕްރެސް ސެކްރެޓަރީ ނެގުސޫ ޓިލަހުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ވެރިރަށް ބިހާރު ދާރުގައި ގެންނަން އުޅުނު އިންގިލާބު ނާކާމިޔާބުވެފައިވާ ކަމުގައެވެ.

އިންގިލާބު ނާކާމިޔާބުކޮށްލެވުނު ނަމަވެސް، އަމްހަރާ ސްޓޭޓްގެ ސަރަހައްދީ ރައީސު އަބްމެޗޯ މެކަނަންއާއި އޭނާގެ މުޝީރު ވަނީ އަވަހާރަވެފައެވެ.  

ބޮޑުވަޒީރު އަބީ އަޙްމަދު ވިދާޅުވިގޮތުގައި އިންގިލާބު ނާކާމިޔާބުކޮށްލަން ކުރި މަސައްކަތުގެ ތެރޭގައި އިތިއޯޕިޔާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނަރަލް  ސިއަރޭ މެކަނަން ވަނީ އަވަހާރަވެފައެވެ.

ވެރިރަށް އެޑިސް އަބާބާގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް ހަށީކޮޅަށް ބަޑިޖަހައި އޭނާ އަވަހާރަކޮށްލީ އޭނާގެ ހަށިފާރަވެރިޔާ ކަމަށް ޚަބަރު ލިބެއެވެ.

އޭނާ އަވަހާރަވީ އިންގިލާބު ނާކާމިޔާބުކޮށްލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށް ވެސް ބޮޑުވަޒީރު އަބީ ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ޕްރެސް ސެކްރެޓަރީ ބިލެން ސެޔޫމް ފަހުން ވިދާޅުވީ ޖެނެރަލް މެކަނަން ޒަޚަމްވެ ވަޑައިގަތަސް އަވަހާރަވީކަން އަދި ޔަގީން ނުވާކަށެވެ.

"އަމްހަރާ ސަރަހައްދީ ސްޓޭޓުގައި ގެންނަން އުޅުނީ ޣައިރުގާނޫނީ އިންގިލާބެއް. އޭގެ މަގްސަދަކީ އެސަރަހައްދުގައި ބުރަ މަސައަކްތުން ހޯދިފައިވާ އަމާންކަން ނަގާލުން." ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

" އިތިއޯޕިޔާގެ ހުރިހާ ރައްޔިތުން މި ޣައިރު ގާނޫނީ އިންގިލާބީ މަސައްކަތް ކުށްވެރިކުރަން ޖެހޭ. މި ހަތިޔާރުއެޅި ގްރޫޕް ބައްލިކޮށްލުމުގެ ފުރިހަމަ ބާރު އިއްތިހާދީ ސަރުކާރަށް ލިބިގެންވޭ." އެބަޔާނުގައި ވެއެވެ. '

ފާއިތުވި އަހަރު ވެރިކަމަށް ވަޑައިގަތް ފަހުން ބޮޑުވަޒީރު އަބީ ވަނީ އިސްލާހީ މަސަކައްކަތް ފަށްޓަވައި، ސިޔާސީ ކުށްވެރިން ދޫކުރައްވާފައެވެ.

100 މިލިއަން މީހުން އާބާދީއެއް އޮންނަ އިތިއޯޕިޔާއަކީ އިރުމަތީ އެފްރިކާގެ އެންމެ ބޮޑު އެއްގައުމެވެ. އެފްރިކަން ޔުނިއަން (އޭޔޫ) ގެ މައިމަރުކަޒު ހުންނަނީ އިތއޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައެވެ.

އިތިއޯޕިޔާއަކީ އެެފްރިކާގައި އެންމެކުރިއަރަމުން އަންނަ އިގުތިސާދު އޮތް ގައުމެވެ. އަދި އިރުމަތީ އެފްރިކާގެ އެންމެ ވަރުގަދަ އިގްތިސާދެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.