ނާއިބްރައީސް ކަމާއި އުއްތަމަ ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެބިލް މިހާރުގެ މަޖިލީހުން ބަލައި ނުގަތުމަށް ތާއީދު ކުރައްވައި ގިނަ މެންބަރުން ވާހަކަދައްކަވައިފިވެ.
ކުރީގެ މަޖިލީހުން ފާސްކުރި މިދެބިލް ތަސްދީޤު ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމަދު ޞާލިޙު ވަނީ މިހާރުގެ މަޖިލީހުން ބިލާމެދު ވިސްނާވަޑައިގެން ގޮތެއް ނިންމެވުމަށް ފޮނުއްވައިފައެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި މިދެބިލްގެ މައްސަލަ ރިޔާސަތުން ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިފައެވެ. މިދެބިލް ތަސްދީޤްނުކުރައްވާ އަލުން މަޖިލީހުން ވިސްނާ ވަޑައިގަންނަވަން ފޮނުއްވިއިރު ދެ ބިލުގައިވާ ވަރަށްގިނަ ދުސްތޫރީ މައްސަލަތައް ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މި ދެބިލް ޤާނޫނަކަށް ވެއްޖެނަމަ ދައުލަތަށް ވަރަށް ބޮޑެތި މާލީ އިލްތިޒާމްތަކެއް އުފުލަންޖެހޭނެކަމަށް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައިވެއެވެ. އެފަދަ ބޮޑެތި މާލީ އިލްތިޒާމު ތަކެއް އުފުލަން ޖެހޭ ދެބިލަށް ވެފައި އެ ދެބިލް ދިރާސާކުރެއްވުމުގައި މާލީ ވަޒީރުގެ ލަފާ ހޯއްދެވުމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެދި ވަޑައިގެންފައެވެ.
މިދެބިލް ބަލައި ނުގަތުމަށް ދެ ހުށަހެޅުމެއް ހުށަހެޅި ތާއިދު ވެސް ލިބުނެވެ. ނަމަވެސް އަދި އެ މައްސަލައިގެ ބަހުސް ނުނިމޭތީ ވަކި ގޮތެއް ނުނިންމަވައެވެ. މިމައްސަލައިގެ މިއަދުގެ ބަހުސްގައި މިދެބިލަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވީ އޭދަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމާއި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރެވެ.
ސަލީމް ވިދާޅުވީ ނާއިބްރައީސްކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ މައްސަލަ ނިމިދިޔަ މަޖިލީހަށް އޭނާ ހުށަޅުއްވީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުވެރިވެ ވަޑައިގެންނަވާ ކޮންމެ ޙާލަތެއްގައި އެމަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ ނާއިބް ރައީސްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ނާއިބްރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި މާލީ އިނާޔަތް ކަނޑައެޅެން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ޖާބިރުގެ ވާހަކަފުޅުގައި، ފަނޑިޔާރުންނާއި ނާއިބްރައީސަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިގެން އެދެބިލް ތަސްދީޤު ނުކުރައްވައި އާމަޖިލީހަށް ފޮނުއްވުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައިގެން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުޞައިން ވިދާޅުވީ މި ދެބިލަކީ ނިމިދިޔަ މަޖިލީހުގެ މަސައްކަތަކަށްވާއިރު އެމަޖިލީހާއެކު މިދެބިލް ވަނީ އުވި ގޮސްފައި ކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ. އެ ދެބިލްގެ މައްސަލައިގައި އިތުރަށް މިހާރުގެ މަޖިލީހުގައި ބަހުސް ކުރެވޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮޑިޓްކޮށް ސަރުކާރުން ހުށަހެޅި ރިޕޯޓަށް ވެސް މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނެވެ. މިބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށްކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވައިފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން ހެޔޮވާވަރަށްވުރެ ހާލަތު ގޯސްކޮށް ހުރި ޖަލުތަކެއްކަމަށެވެ. އަދި 300 މީހުންގެ ޖާގައިގެ ޖަލުގައި އެއްހާހެއްހާ ޤައިދީން ގެންގުޅޭކަން ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ހިންގާ ޤަވާޢީދަށް، ޤަވާޢިދު ކޮމެޓީން ގެނައި ބައެއް އިސްލާޙުތައް ވެސް މިއަދުގެ ޖަލާސާގައި ވަނީ ފާސްކުރައްވައިފައެވެ. ޤަވާޢިދު ކޮމެޓީން ހުށަހެޅި އިސްލާޙުތަކުގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ބަހުސްވަގުތު ހަތަރު ގަޑީއިރަށް އިތުރު ކުރުމާއި މަޖިލީހުގެ ކޮމެޓީތަކުގެ ޢަދަދު ކަނޑަ އެޅުމުގެ މައްސަލައެވެ. އަލަށް އެކުލަވާލާ ހަތަރު ކޮމެޓީއަކާއެކު، މިއިސްލާހާއެކު މަޖިލީގުގެ މަސަކަތު 17 ކޮމެޓީ އޮންނާނެއެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް 11 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށް ވެސް މިއަދުގެ ޖަލްސާގައި ފާސްކުރެއްވިއެވެ. އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެމްބަރު އަޙްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރ ޙުޞައިން މުޙައްމަދު ލަތީފާއި އަލިފުށީ ދާއިރާގެ މެމްބަރ މުޙަމަދު ރަޝީދު ޙުޞައިންއާއި ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މުޙައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤާއި ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމާއި ފޭދޫ ދާއިރާގެ މެމްބަރ އަޙްމަދު ނިހާދާއި މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމެވެ.