ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި ދުނިޔޭގެ ކަންކޮޅުތަކުގައި ކިޔަވާކުދިން އިހުތިޖާޖުކޮށްފި

'ސްކޫލް ސްޓްރައިކް ފޯ ކްލައިމެޓް' ހަރަކާތް ފެށި ސުވިޑަންގެ ދަރިވަރު ގްރޭޓާ ޓުންބާރްގް އިއްޔެ ސްޓޮކްހޯމްގައި އޮތް އިހުތިޖާޖުގައި ވާހަކަދައްކަނީ

ދުނިޔޭގެ އެންމެ އިރުމަތީގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑުގައި އިއްޔެ (ހުކުރު ދުވަސް) ފެށުނީ އެތައް ހާސް ކިޔަވާކުދިން ނުކުމެ މޫސުމަށް އަންނަ ބަދަލުތަކާމެދު ފިޔަވަޅު ނޭޅުމާމެދު ކުރި އިހްތިޖާޖުތަކުންނެވެ.

އިހުތިޖާޖުތައް އިންތިޒާމުކުރި ފަރާތުން ބުނި ގޮތުގައި ދުނިޔޭގެ މަދުވެގެން 125 ގައުމެއްގެ 1664 ރަށެއްގައި އެތައް ލައްކަ ކިޔަވާކުދިން ނުކުމެ މި އިހުތިޖާޖުކުރާނެއެވެ. މި އިހުތިޖާޖުތަކުގައި ސްކޫލްތަކާއި، ކޮލެޖުތަކުގައި ކިޔަވާ އެތައް ލައްކަ ދަރިވަރުން ބައިވެރިވާނެކަމަށް، މި އިހުތިޖާޖުތައް އިންތިޒާމުކުރާ 'ސްކޫލް ސްޓްރައިކް ފޯ ކްލައިމެޓް' އިން ބުނެއެވެ.

އިހުތިޖާކުރާ ކުދިން އެދެމުން ދަނީ ދުނިޔޭގެ ތިމާވެށި ހަލާކުކުރަމުންދާ ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރުން މަދުކުރުމަށް ސީޔާސީ ލީޑަރުންނާއި، ބޮޑެތި ވިޔަފާރިވެރިން ފިޔަވަޅު އެޅުމަށެވެ.

ޖަރުމަނުގެ ފްރެންކްފާޓުގައި އެތައްހާސް ކިޔަވާކުދިން ވަނީ ތެލާއި، ބޯޓުދެލި ނަގާ ވިޔަފާރިތަކަށް ފައިސާ ދިނުން ހުއްޓުވުމަށް ގޮވަލައި ޔޫރަޕިއަން ސެންޓަލް ބޭންކް (އީސީބީ) ގެ މައި އިދާރާ ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.

ފްރާންސުގެ ޕެރިހުގައިވެސް އިއްޔެގެ އިހުތިޖާޖުތަކުގައި ހާހުން ކިޔަވާކުދިން ބައިވެރިވިއެވެ. "އަހަރެންގެ ބީއޭ އިމްތިހާނަށް ފިލާވަޅު ދަސްކުރަން އަހަރެން މިއަދު ހުންނަންޖެހެނީ އިސްކޫލުގައި. އެކަމަކު އަހަރެން މިހިރީ އަހަރެންގެ މުސްތަގުބަލަށްޓަކައި މިތަނަށް އައިސްފައި." ޕެރިސްގެ އިހުތިޖާޖުގައި ބައިވެރިވި އުމުރުން 17 އަހަރުގެ ކިޔަވާކުއްޖަކު ބުންޏެވެ.

އެމެރިކާއާއި، ދެކުނު އެމެރިކާގެ ކޮލަންބިޔާއާއި، އޭޝިޔާގެ ގައުތައް ކަމުގައިވާ އިންޑިޔާއާއި، އަފްޣާނިސްތާނާއި، ބަންގްލާދޭޝްއާއި، ޖަޕާނުގައި ވެސް އެތައް ހާސް ކިޔަވާކުދިން ތިމާވެށީގެ އިހުތިޖާޖުގައި ބައިވެރިވެފައި ވެއެވެ.

'ސްކޫލް ސްޓްރައިކް ފޯ ކްލައިމެޓް' ހަރަކާތުގެ ދަށުން އޮސްޓްރޭލިޔާގެ އެޑެލައިޑުގައި އިއްޔެ ކުރިޔަށް ދިޔަ އިހުތިޖާޖު

'ސްކޫލް ސްޓްރައިކް ފޯ ކްލައިމެޓް' ހަރަކާތަކީ ސްވިޑަން އެންމެ ކިޔަވާކުއްޖަކު 2018 ވަނަ އަހަރުގެ އޮގަސްޓު މަހު ފެށި ހަރަކާތެކެވެ. އޭރު އުމުރުން 16 އަހަރުގެ ގްރޭޓާ ޓުންބާރްގް ވަނީ ސްވިޑަންގެ ޕާލަމެންޓު ހައުސްގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ. އޭރު އޭނާ ބުނީ ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމެޓަށް ސްވިޑަން އަމަލުކުރަން ފަށަންދެން އޭނާގެ އިހުތިޖާ ކުރިއަށް ގެންދާނެކަމުގައެވެ. އޭނާގެ މި ފެށުން ފަހުން ވަނީ ތިމާވެރި ރައްކާތެރިކުރުމަށް ގޮވާލާ ބައިނަލްއަގްވާމީ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ.

'ސްކޫލް ސްޓްރައިކް ފޯ ކްލައިމެޓް' އިން ކުރިއަށް ގެންދާ 'ފްރަޑޭސް ފޯ ފިއުޗާ' ހަރަކާތުގެ ދަށުން އެންމެ ބޮޑު އިހުތިޖާޖު ހަރަކާތެއް ހިންގާފައި ވަނީ ފާއިތުވި މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު ކުރި އިހުތިޖާޖުތަކުގައި 135 ގައުމެއްގެ 2300 އަށް ވުރެ ގިނަ ރަށުން 1.8 މިލިއަން ކިޔަވާކުދިން ބައިވެރިވެފައި ވެއެވެ.

"މިއީ ގަސްތުގައި އިސްކޫލަށް ނުދާންވެގެން ހިންގާ ހަރަކާތެއް ނޫން. މިއީ މަދަނީ ބަސްނޭހުމެއް ވެސް ނޫން. މިއީ ތިމާވެށްޓާއި، ދުނިޔޭގެ ދިރުންތަކާއި ގުޅިފައިވާކަމެއް. މީހުންނަށް މިކަން ވިސްނެން އެބަޖެހޭ." ޓައިމް މަޖައްލާއިން 'ނެކްސްޓް ޖެނެރޭޝަން ލީޑަރ' އެއްގެ ގޮތުގައި އެމަޖައްލާގެ ބޭރުގަނޑުގައި ޖަހާފައިވާ ޓުންބާރްގް އެ މަޖައްލާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.