"ސްޓީލިން ޕެރަޑައިސް" ދެއްކިއްޔާ ވާނީކީއް؟

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ވާހަކަ ރާއްޖޭގެ އިދިކޮޅު ސިޔާސީ މީހުންގެ މެދުގައި ވަރަށް މަޤުބޫލެވެ.

އިދިކޮޅު އެމްޑީޕީގެ މަސްލަހަތު އޮންނަ ބަޔަކު ހިންގާ މިނިވަން ނޫހުގައި އެޑިޓަރެއްގެގޮތުގައި ކުރިން މަސައްކަތްކުރި، އަދި މިހާރު އަލްޖަޒީރާގައި މަސައްކަތްކުރާ ވިލް ޖޯޑަން ނަމަކަށްކިޔާ ރިޕޯޓަރަކު އިސްވެ ތައްޔާރުކުރި މި ޑޮކިއުމެންޓްރީގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅިދައްކަމުންނެވެ.

މި ޑޮކްކިއުމެންޓްރީއަށް މަޢުލޫމާތު ދިންމީހުންގެ ތެރޭގައި 13 އަހަރުގެ ޖަލުޙުކުމެއްގައި ހުންނެވި ކުރީގެރައީސް ނަޝީދައި ނަޝީދުގެ ފަޅީގެ މީހުން ހިމެނޭކަމަށްވެއެވެ.

އަދި މިހާތަނަށް މި އެއްޗެއް ޢާއްމުނުކުރެއެވެ. އެހެންނަމަވެސް މީގައި ހުންނާނެ ވާހަކަތައް ރާއްޖޭގެ އިދިކޮޅު މީހުންނަށް އެނގެއެވެ. މިއެއްޗެއް އޮންނާނީ އެމީހުން ބޭނުންވާގޮތަށްކަމަށް އެމީހުންގެ ވާހަކަތަކުން ދޭހަވެއެވެ. މިއީ ދިވެހި ސަރުކާރާދެކޮޅަށް ނަޝީދާއި ނަޝީދުގެ ބައިގެމީހުންނަށް ލިބުނު ޖަވާހިރެއްގެގޮތުގައި އެމީހުން ސިފަކުރެއެވެ.

 ކުރީގެ ނައިބުރައީސް ހިންގެވި ޖަރީމާތަކުގެ ވާހަކައާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ނުފުޒުފޯރުވާފައިވާ މިންވަރާއި އޭގެ ނުރައްކާތެރިކަން އެންމެފުރަތަމަ ހަމަކުރީ، އަލްޖަޒީރާގެ "ސްޓީލިން ޕެރަޑައިސް" އަކުން ނޫނެވެ. އެކަން ހާމަކުރެއްވީ ސީދާ ރައީސް ޔާމީނެވެ. އެކަން ބަލައި ތަހުޤީގުކުރަން ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކަށް އެންމެފުރަތަމަ ގޮވާލެއްވީވެސް ރައީސް ޔާމީނެވެ.

 

މިއީ އާކަމެއްތަ؟

ރާއްޖެއަށް ޒަމާނީ ޑިމޮކްރޮސީ ގެނައުމުގެ ނަމުގައި ނަޝީދާއި އެމްޑީޕީގެ ކުރީގެ ވެރިން އިސްވެ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއާބެހޭގޮތުން އެމީހުން ދެކޭގޮތާއި، އެމީހުން ސިފަކުރާގޮތް ބޭރުމީހުންނަށް ހާމަކުރުމަކީ ވަރަށް އިސްކަމެއް ދެއްވިކަމެކެވެ. މީގެ އިތުރުން ބޭރުގެ އެކިއެކި ޑިޕޮލަމެޓިކް ވެރިންނާއި، ސަރުކާރުތަކާއި، އެކިޤައުމުތަކުގެ ސިޔާސީ ބޭބޭފުޅުންލައްވައި ރާއްޖޭގެ ސަރުކާރާދެކޮޅު ވާހަކަތާއި، ރާއްޖޭގައި އޮތް އަމާން ސުލްޙަވެރި މާޙައުލާ ދެކޮޅު ވާހަކަތައް ދެއްކުމަކީވެސް އޭރު ނަޝިދުގެ ބައިގެމީހުންގެ އުފަލެއްކަމަށްވިއެވެ.

2005 ވަނަ އަހަރާއި، 2008 ވަނަ އަހަރާ ދެމެދު ބޭރުގެ ނޫސްތަކާއި، ކުރިން މެދެންނެވިފަދަ އެކި ބޭފުޅުންގެ ދުލުން ރައީސްމައުމޫނާމެދު ހާމަކޮށްފައިވާ ދެކޮޅުވެރި ވާހަކަތަކަކީ މިކަމުގެ މިސާލެކެވެ. މަޝްހޫރު ސީއެންއެން އާއި ބީބީސީގައި އޭރުގެ ދިވެހި ސަރުކާރާދެކޮޅު އެތައް ވާހަކަތަކެއް ދެކެވުނެވެ. އެނޫސްތަކުން އިދިކޮޅު އެމްޑީޕީގެ ބަހުރުވައިން ލައިވްކޮށް ސީދާ ރައީސް މައުމޫނަށް ސުވާލުވެސް ދެންނެވިއެވެ. ރައީސް މައުމޫން އެކަމަށްދެއްވީ ފިނި ޖަވާބެކެވެ. ވަރަށްގިނަ ކަންކަން އިދިކޮޅު މީހުން އެދުނުގޮތަށް ދީލާލެއްވިއެވެ. ސުލްޙައާއި ޤައުމުގެ މަސްލަޙަތާއި، ޤައުމަށް ލިބިދާނެ ހުތުރުނަމަކަށް ވިސްނަވާ ހިތް ތިރިކުރެއްވިއެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ އިދިކޮޅު މީހުން ވެރިކަން ކާމިޔާބުކުރިއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅުމީހުން ކާމިޔާބުކުރީ، ފަރުދާގެ އަނެއްފަރާތުން ކުޅެގެންކަމަށް އޭރުގެ ސަރުކާރުގެ އެތެރޭގައި ތިއްބެވި ބައެއްބޭފުޅުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް އޭރުވެސް ރައީސްމައުމޫނު ދޫކޮށްލެއްވިކަމަށްވެއެވެ. ޤައުމުގެ ހަމަޖެހުމަށްޓަކައި، އިތުރަށް އެމީހުންނާ ކުރިމަތިނުލައްވަން ނިންމެވިއެވެ.

އެމީހުން ވެރިކަމަށް އައިސްގެން ތިން އަހަރެއްހާދުވަހު އެޖެހި ސަކަރާތެއް ޖެހުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާ ހަމައަށްވެސް ރައީސް މައުމޫނު، އެކަމަކަށް އުންމީދުކުރައްވައިގެން ނަޝީދަށް ދީލާލެއްވި، ސުލްޙަޔާއި އަމާންކަން ޤައުމަކަށް ނައެވެ. އެހެންކަމުން ނަޝީދާއި އެމްޑީޕީގެ ފިކުރުގެމީހުން ބޭރުގެ މިޑިއާތަކައި، އެކިއެކި ޖަމާޢަތްތައް މެދުވެރިކޮށް ރާއްޖެއާމެދު ފަތުރާ ވާހަކަތަކަށް ދީލާލާނީ ކިހާވަރަކަށްތޯ؟ މިއީ ކޮންކަމެއްތޯ؟ މިސުވާލުތައް ރާއްޖޭގެ ސިޔާސީ ބޭފުޅުން ކުރައްވަން ފެއްޓެވިއެވެ. އަދި ނަޝީދާ އިދިކޮޅު ސިޔާސީ ބޭފުޅުން މިކަމާމެދު ގޮތްތަކެއް ނިންމެވިއެވެ.

ރައީސްޔާމީން ސިހިވަޑައިގެންފާނެބާ؟

ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ޙަމަލާތައް އެންމެބޮޑަށް އަމާޒުވި އެއްބޭފުޅަކީ މިހާރުގެ ރައީސް ޔާމީނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އިޤްތިސާދީ ދާއިރާއިން، ވަޒީރުކަމާއި، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އެންމެއިސްވެރިޔާގެ މަޤާމު ރައީސްޔާމީން ވަނީ ފުރުއްވާފައެވެ.

އޭރުވެސް ސަރުކާރު ނެގެހެއްޓުމާއި، ޤައުމު އިޤްތިސާދު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ރައީސްޔާމީނުކަން އެއޮތީ ފެންނާށެވެ. އެހެންކަމުން ސަރުކާރު ބަލިކަށިކޮށްލައި، ސަރުކާރު ބަދަލުކޮށްލަން މަސައްކަތްކުރި މީހުންގެ އަމާޒަކަށް ވި ، އެއްބޭފުޅަކީ ރައީސް ޔާމީނެވެ. އޭރުވެސް އެމަނިކުފާނަކީ، މިހާރެކޭ އެއްގޮތަށް ބަސްފުޅުމަދު ޢަމަުލުފުޅު ގިނަ ބޭފުޅެކެވެ. އެހެންކަމުން އެޙަމަލާތަކުން ރެކިވަޑައިގަތްގޮތަކަށް ރެކިވަޑައިގަތީއެވެ. ބަސްފުޅެއް ވިދާޅެއްނުވެއެވެ.

ނަޝީދުގެ ވެރިކަމުގެ އާރާއިބާރު ޤައުމުގައި އެންމެބޮޑު ދުވަސްވަރު ސީދާ ސަރުކާރުން ވެސް ވަނީ ރައީސްޔަމީނާ ދިމާކޮށްފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި، އެމަނިކުފާނާއި، އޭރުގެ އެސްޓީއޯގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީނާ ދެބޭފުޅުން، 800 މިލިއަން އެމެރިކާ ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ހިންގެވިކަމަށާ، މިއީ ދުނިޔޭގެ ފެންވަރުގެ ބޮޑު "ވައްކަމެއް" ކަމަށް ނަޝީދުގެ ސަރުކާރުގެ އިސްވެރިން ތުހުމަތުކުރެއްވިއެވެ. އަދި އެމައްސަލަ ބައްލަވަން ސީދާ ދައުލަތުން އެތައް މާލީ ހޭދައެއް ކުރެއްވިކަމަށް ވެސް ވެއެވެ. ބޭރުގެ ޤާނޫނީ މުއައްސަސާތަކާއި، ޤާނޫނީވަކީލުންނާއި ތަހުޤީގީ ޖަމާޢަތްތައް މެދުވެރިކޮށް، މި 800 މިލިއަން ޑޮލަރުގެ ހަޤީގަތް ހޯދުމުގެ ނަމުގައި ސީދާ ސަރުކާރުން އެތައް މަސައްކަތެއް ކުރިކަމަށްވެއެވެ.

އަދި ވަހަކަ މަސްހޫރުކުރުމަށް، ބޭރުގެ ނޫސްތަކާއި ރިޕޯޓަރުން މެދުވެރިކޮށް އޭރުގެ ސަރުކާރަށް ތާޢީދުކުރާމީހުން ވަނީ މަޝްހޫރު ރިޕޯޓުތައް ނެރެފައެވެ. އެ ރިޕޯޓުތަކުގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭރު ރައީސް ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. އެމަނިކުފާނާދެކޮޅަށް މިތުހުމަތު ކޮށް މިކަން ތަހުޤީގުކުރަން އުޅުނީ ސީދާ ސަރުކާރުންނެވެ. އެހެންނަމަވެސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައި ރައީސް އޮފީހުން ނުކުމެވަޑައިގަތްއިރުވެސް ކުރެވުނުކަމެއް ހަރާމެވެ.

ރައީސް ޑރ.ވަޙީދު، ނަޝީދުގެ ނައިބުގެ ޙައިސިއްޔަތުން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އޭރުގެ ސަރުކާރުން ބެއްލެވިއިރު، އެމައްސަލާގައި އެއްވެސް ކޮޅެއް މެދެއް ނުފެނިގެން އެކަންބެލުންވެސް ވަނީ ހުއްޓާލައި ފައިލު ލައްޕާފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ!

މިސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނައި ފަސާދައިގެ ޢަމަލުތަކުގެ ވާހަކަ ނޭނގޭ ކުޑަކުއްޖެއްވެސް މިޤައުމުގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެމްއެމްޕީއާރުސީގެ މަޝްހޫރު ކޮރަޕްޝަނުގެ ވާހަކައާއި، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ހިންގެވި އެކިއެކި ޖަރީމާރަކުގެ ވާހަކައާއި، އެކަންކަމާގުޅިފައިވާ މީސްމީހުންނާއި، އެމީހުން ކުރި ކަންތައްތަކާއި، މިއީ ޤައުމުގައި މަޝްހޫރު ވާހަކަތަކެވެ. އަދި ސީދާ ރައީސް ޔާމީން އެކަންކަން ހާމަކުރައްވައި ތަހުްީގުކުރައްވަން އަމުރުކުރައްވާފައިވާ ކަންކަމެވެ.

ކުރީގެ ނައިބުރައީސް ހިންގެވި ޖަރީމާތަކުގެ ވާހަކައާއި، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ނުފުޒުފޯރުވާފައިވާ މިންވަރާއި އޭގެ ނުރައްކާތެރިކަން އެންމެފުރަތަމަ ހަމަކުރީ، އަލްޖަޒީރާގެ "ސްޓީލިން ޕެރަޑައިސް" އަކުން ނޫނެވެ. އެކަން ހާމަކުރެއްވީ ސީދާ ރައީސް ޔާމީނެވެ. އެކަން ބަލައި ތަހުޤީގުކުރަން ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކަށް އެންމެފުރަތަމަ ގޮވާލެއްވީވެސް ރައީސް ޔާމީނެވެ.

"ސްޓީލިން ޕެރަޑައިސް" އިން ހާމަކުރަން އުޅެނީ ކޯއްޗެއް؟

އެހެންކަމުން އަދުތޯ މާދަން ޢާއްމުކުރަން އުޅޭ އަލްޖަޒީރާގެ "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި އޮތީ ކޮން އެއްޗެއްތޯ؟ ސުވާލުއުފެދެއެވެ. އެއީ ރައީސް ޔާމީން ހާމަކުރައްވާފައިވާ ވާހަކަތަކުގެ ފަށްކުރުމެއްތޯ؟ ނުވަތަ އިދިކޮޅު ފަރާތްތަކުން ބޭނުންވާ މިންވަރަށް ފޮނިތޮށި ކާފޫރުތޮޅި އަޅާފައިވާ ވިލާތުގެ ރިހަގަނޑެއްތޯ މިއީ ސުވާލެކެވެ.

ކޮންމެއަކަސް "ސްޓީލިން ޕެރަޑައިސް" އަކީ އިދިކޮޅު މީހުން ބޭނުންވާ ރަހަތައް ފުރިހަމަ ވެފައިވާ އެއްޗެއްކަން އެމީހުންނަށް ޔަޤީނެވެ. އަޅުގަނޑު ހިތައް އަރާ ސުވާލަކީ، "ސްޓީލިން ޕެރަޑައިސް" އަލްޖަޒީރާއިން ދެއްކިއްޔާ ވާނީ ކީއްހެޔެވެ؟

 ދެންއޮތީ އިދިކޮޅު ޙަރަކާތެއްގެ ގޮތުގައި މިޤައުމުގެ ފަސްގަނޑުގައި "ކުކުރާލާ" ނަޝީދުގެ ޕާޓީ އެމްޑީޕީއެވެ. މަޖީދީމަގުން ދެފިޔަވަޅު ކުރިއަށް ހިނގައިގަންނާނެހާ ހަކަތައެއް އެޕާޓީއަކު ނެތެވެ. މިފަދަ ޙާލަތެއްގައި "ސްޓީލިން ޕެރަޑައިސް" ނޫން ކޮންމެ އެއްޗެއް އަލްޖަޒީރާއިން ޢާއްމުކޮށް ދެއްކިއްޔާ އިދިކޮޅުމީހުން ކުރާނީ ކީއްހެއްޔެވެ؟

 

ނަޝީދު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރަށްވުރެ މާބާރުގަދަކޮށް މާޒުވާންކޮށް މާޖޯޝުގައި ހުންނެވައިގެން އޭރުގެ ސަރުކާރާދެކޮޅަށް ބަޔަކު މެދުވެރިކޮށް ނެރުއްވި މިފަދަ ރިޕޯޓުތަކުންވެސް ވީކަމެއް ނެތެވެ. އަދި ވެރިކަމުގެ އާރާއިބާރުގައި ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވައިގެން ނެރުއްވި މިވާބަތުގެ ރިޕޯޓުތައް ވެސް ދިޔައީ ތޮޅިއަށެވެ.

އަމުދުން މިހާރު ނަޝިދުހުރީ އަމިއްލައަށް އަރުވާލެވިގެން، ޤައުމުން ބޭރުގައެވެ. ޤައުމަށް އައުމާއެކު އޮތީ، ޖަލުގޮޅިއެވެ. ސަރުކާރުގެ ހުރިހާ ބާރެއް އޭގެ އެންމެ ފުރިހަމަކަމާއެކު އޮތީ ރައީސް ޔާމީނުގެ އަތްޕުޅުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރަށެވެ. ދައުލަތުގެ ތަހުޤީގީ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ނިޒާމުގެ މައްޗަށް ބައެއްގެ ނުފޫޒެއް ނެތެވެ.

ދެންއޮތީ އިދިކޮޅު ޙަރަކާތެއްގެ ގޮތުގައި މިޤައުމުގެ ފަސްގަނޑުގައި "ކުކުރާލާ" ނަޝީދުގެ ޕާޓީ އެމްޑީޕީއެވެ. މަޖީދީމަގުން ދެފިޔަވަޅު ކުރިއަށް ހިނގައިގަންނާނެހާ ހަކަތައެއް އެޕާޓީއަކު ނެތެވެ. މިފަދަ ޙާލަތެއްގައި "ސްޓީލިން ޕެރަޑައިސް" ނޫން ކޮންމެ އެއްޗެއް އަލްޖަޒީރާއިން ޢާއްމުކޮށް ދެއްކިއްޔާ އިދިކޮޅުމީހުން ކުރާނީ ކީއްހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.