ރަމަޟާންމަހު ރޯދަނުހިފުމުގެ ނުބައިކަން

ރަމަޟާންމަހު ރޯދަހިފުމަކީ މުސްލިމުންގެ މައްޗަށް ފަރްޟުކުރައްވާފައިވާ ކަމެކެވެ. الله سبحانه وتعالى ވަޙީކުރެއްވިއެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [1] - މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ." މި އާޔަތުގައި އަންގަވާފައިވާ ފަދައިން  މާތްﷲ މި އުއްމަތަށް ރޯދަހިފުން ފަރްޟުކުރެއްވީ،  ކުރީގެ އުއްމަތްތަކަށް  ރޯދަހިފުން ފަރްޟުކުރެއްވިފަދައިން ، އަޅުގަނޑުމެން ތަޤްވާވެރިވޭތޯއެވެ. ރޯދަހިފުން ވާޖިބުވެފައިވާ ކޮންމެ މީހަކު  ރަމަޟާންމަހު ރޯދަނުހިފާ ހުންނަންޖެހޭނީ ޝަރްޢީ ޢުޛްރަކާ ލައިގެންނެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ރޯދަހިފުމަކީ ޙަރާމްކަމެކެވެ. އެ މީހުން ހިފާ ރޯދަ ޞައްޙައެއް ނުވާނެއެވެ.  އެމީހުންނަށް ޖެހޭނީ ރަމަޟާންމަހުގައި ގެއްލުނު މި ރޯދަތައް  ޤަޟާކުރާށެވެ. ރަމަޟާންމަހުގެ ދުވާލުގެ ވަގުތެއްގައި ލެއި ކެޑިއްޖެނަމަ ، ރަމަޟާންމަހުގެ ޙުރްމަތަށްޓަކައި  އެދުވަހުގެ ބާކީ އޮތްބައި ގައި އެމީހުން ކެއުންބުއިމުން  ދުރުހެލިވަން ޖެހޭނެއެވެ.

ފަސޭހަނުވާފަދަ ބައްޔެއް ޖެހިފައިވާމީހާއާއި ރޯދަހިފުމަށް ދާއިމީ ސިފައެއްގައި ޢުޛްރުވެރިވާމީހުންނަށް  ރަމަޟާންމަހު ރޯދަހިފާކަށް ނުޖެހޭނެއެވެ. އެމީހުންނަށް ޖެހޭނީ ފިދްޔަދޭށެވެ.

ރޯދަހިފަންނުޖެހޭ  އެކަމަކު ފިދްޔަދޭންޖެހޭމީހުންގެ ތެރޭގައި  ޢުމުރުންދުވަސްވެ ރޯދަހިފުމަށް  ނުކުޅެދޭމީހުންހިމެނެއެވެ.

ރޯދަހިފަން  ނުޖެހޭ  އެކަމަކު ރަމަޟާންމަސް ނިމުމުން  ގެއްލުނު ރޯދަތައް ޤަޟާކުރަން ޖެހޭމީހުންގެ ތެރޭގައި  ބައްޔެއްވުމުގެ ސަބަބުން  އެބަލި ރަނގަޅުވަންދެން ރޯދަނުހިފުމަށް  ޑަކްޓަރުން  އަންގާމީހުންނާއި އުރެދުމަކަށްނުވާ ކަމަކަށްޓަކައި  ދަތުރުކުރާމީހުން ހިމެނެއެވެ.

ޢުޛްރަކާ ނުލައި ރޯދަނުހިފުން

ރޯދަ ވާޖިބުވެފައިވާމީހަކު  ޢުޛްރެއް ނެތި ރޯދަނުހިފުމަކީ ޙަރާމްކަމެކެވެ. މާތްﷲ ހުއްދަކުރެއްވި ސަބަބަކާ ނުލައި ރޯދަ ދޫކޮށްލުމަކީ  ނުވަތަ ރޯދައަށް ނުހުރުމަކީ  ޙަރާމްކަމެކެވެ. ރަމަޟާންމަހު ދުވާލު އެއްވެސް  ޢުޛްރަކާނުލައި  ރޯދަވީއްލުމަކީ އިސްލާމްދީން ނަހީކުރާކަމެކެވެ. މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. عُرَى الْإِسْلَامِ وَقَوَاعِدُ الدِّينِ ثَلَاثَةٌ عَلَيْهِنَّ أُسِّسَ الْإِسْلَامُ مَنْ تَرَكَ مِنْهُنَّ وَاحِدَةً فَهُوَ بِهَا كَافِرٌ حَلَالُ الدَّمِ : شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ ، وَالصَّلَاةُ الْمَكْتُوبَةُ ، وَصَوْمُ رَمَضَانَ [2] - "އިސްލާމްދީނުގެ ގޮށްތައް އަދި ދީނުގެ ބިންގާތައް ތިނެކެވެ. އިސްލާމްދީނުގެ ތަރަހަ އޮތީ އޭގެ މަތީގައެވެ. އޭގެތެރެއިން ކަމެއް އަޅައިފިނަމަ އެއީ އެމީހެއްގެ ލޭ އޮހޮރުވުން ހުއްދަވެގެންވާ ކާފިރެކެވެ. އެ ތިން ކަމަކީ ﷲފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި ފަރްޟުނަމާދުކުރުމާއި ރަމަޟާންމަހު ރޯދަހިފުމެވެ."

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. مَنْ أَفْطَرَ يَوْمًا مِنْ رَمَضَانَ مِنْ غَيْرِ رُخْصَةٍ وَلَا مَرَضٍ لَمْ يَقْضِ عَنْهُ صَوْمُ الدَّهْرِ كُلِّهِ وَإِنْ صَامَهُ [3] - މާނައަކީ: "މާތްﷲ ހުއްދަކުރެއްވި ޢުޛްރަކާ ނުލައި ރަމަޟާންމަހުގެ ދުވަހެއްގައި ރޯދަ ނުހިފިމީހާ، މުޅިއަހަރު ރޯދަހިއްޕަސް އެ ރޯދަ ޤަޟާނުކުރެވޭނެތެވެ." ޞަޙީޙުލް ބުޚާރީގައިވެސް މިބަސްފުޅު ހަމަ މިމޭރުމުން އައިސްފައިވެއެވެ.

އައްޛަހަބީ ވިދާޅުވާގޮތުގައި ރަމަޟާންމަހު ޢުޛްރަކާނުލައި ރޯދަ ނުހިފި މީހަކީ ޒިންދީޤެކެވެ.

އެހެންކަމުން ރަމަޟާންމަހު ރޯދަނުހިފާ  އެކަން ފާޅުކުރާމީހުންނަކީ  އެމީހުންގެ އިސްލާމްކަމާމެދު ޝައްކު ކުރެވިދާނެ ބަޔެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. لَّا يُحِبُّ ٱللَّهُ ٱلْجَهْرَ‌ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا [4] – މާނައީ: "އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ." މިބަސްފުޅުގެ މާނައަކީ އެކި ގޮތްގޮތަށް އެކި ތަންތާނގައި ހިނގާނުބައިކަންތަކުގެ ވާހަކަދައްކައި ، ފާޅުކޮށް އުޅުމަކީ މީސްތަކުންގެ ތެރޭގައި ނުބައިކަން ފެތުރުމަށް ދެވޭ ބާރަކަށްވާތީ އެއީ ﷲ ރުހިވޮޑިގަންނަވާ ކަމެއްނޫނެވެ. ނަމަވެސް އަނިޔާއެއް ލިބިއްޖެނަމަ އެ އަނިޔާގެ ވާހަކައިން ޝަކްވާކޮށް އުޅުމަކީ  އެންމެ ރަނގަޅުކަމެކެވެ.

މީހަކު ކުރާ ނުބައިކަންތައްތަކުގެ ވާހަކަދެއްކުމަށް ވުރެ އެކަންތައްތައް ފާޅުކުރުންެ މާނުބައިކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ.އެހެންކަމުން، ރަމަޟާންމަހު ރޯދައަށް ތިބޭމީހުންގެ ޝުޢޫރުތަކަށް  ނުބަލައި  އެމީހުންނަށް  ފެންނަ ތަންތާނގައި މުސްލިމު މުޖްތަމަޢެއްގައި  ކައިބޮއިއުޅުމަކީ  ޝަރްޢީގޮތުން ހުއްދަ ކަމެއް ނޫނެވެ.  މިފަދަ މީހުންނާބެހޭގޮތުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނީ إِذَا لَمْ تَسْتَحِ فَافْعَلْ مَا شِئْتَ [5] - "ތިބާ ލަދު ނުގަންނަ ނަމަ ، ތިބާކުރަން އެދޭކަމެއް ފަހެ ކުރާށެވެެ!"

އެހެން ބަސްފުޅެއް ގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ [6] - "ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނަކީ އެބައިމީހުންކުރާ ކުށްތަކަށް ) މާފުލިބިގެންވާ ބަޔެކެވެ. އެކަމަކު އެބައިމީހުން ކުރާ  ނުބައި ޢަމަލުތައް ފާޅުކުރާމީހުން ފިޔަވައެވެ."

ގަސްތުގައި ރޯދަ ނުހިފާމީހުން

ރޯދަހިފުމަކީ ވާޖިބުކަމެއްކަމާ މެދު ދެކޮޅުހަދާ  ރޯދަނުހިފާމީހާޔާ ،  އެއީ ވާޖިބުކަމެއްކަން ޤަބޫލު  ކުރާ ޙާލުގައި ކަންނެތްކަމުގެ ސަބަބުން  ނުވަތަ ފަރުވާކުޑަކަމުގެ ސަބަބުން  ރޯދަނުހިފާ މީހާގެ ޙުކުން ތަފާތެވެ.

ރަމަޟާންމަހު ރޯދަހިފުމަކީ ވާޖިބުކަމެއްކަމާ މެދު އިންކާރުކުރާމީހާ އަކީ ކާފިރެކެވެ. ގިނަދަންނަބޭކަލުން ވިދާޅުވާގޮތުގައި މި ފަދަމީހާގެ  ޙުކްމަކީ މެރުމެވެ. މި މީހާ ހިނަވުމެއް ، ކަފުންކުރުމެއް، އޭނާގެ މައްޗަށް ކަށުނަމާދުކުރުމެއް ނޯންނާނެއެވެ. އަދި މީނާ މުސްލިމުންގެ ޤަބްރުސްތާނެއްގައި ވަޅުލުމެއްވެސް ނޯންނާނެއެވެ.

އެކަމަކު ރޯދަހިފަންޖެހޭކަން ޤަބޫލުކުރާ ޙާލު ފަރުވާކުޑަކަމުން ، ނުވަތަ ކަންނެތްކަމުން ރޯދަނުހިފާމީހާ ރޯދަނުހިފަނީ ޝަރްޢީ ޢުޛްރަކާނުލައިނަމަ ، ބައެއްދަންނަބޭކަލުން ވިދާޅުވާގޮތުގައި ،އޭނާ އިރުއޮއްސެންދެން ކާންބޯން ނުލިބޭގޮތަށް ބަންދުކޮށްފައި ބަހައްޓާނީއެވެ. އަނެއްބައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި އޭނާއަށް ނަޞީޙަތްދިނުމުންވެސް   ރޯދަނުހިފައިފި ނަމަ  ޙައްދެއްގެ ގޮތުގައި އޭނާ މަރާނީއެވެ. އޭނާ ހިނަވައި، ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލާނީ މުސްލިމުންގެ ޤަބްރުސްތާނެއްގައެވެ.

ރޯދަނުހިފާކަން ހާމަކުރުން

އެހެންކަމުން ރަމަޟާންމަހު ދުވާލު އިސްލާމީ ރަށެއްގައި  މުސްލިމަކު ޝަރްޢީ ޢުޛްރަކާލައިގެން  ، ރޯދައަށް ނުހުރެވުނުކަމުގައިވިޔަސް އެކަން މީހުންގެ ކުރިމަތީގައި ހާމަކޮށް، ކައިބޮއި ހަނދައިގެން ނުވާނެއެވެ. އެއީ ރޯދައަށް ތިބިމީހުންގެ ޝުޢޫރުތަކަށް އިޙްތިރާމުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.

ޢުޛްރަކާއިލައިގެން ރޯދައަށް ނުހުރެވުނުމީހާ، މީހުންގެ ކުރިމަތީގައި ކައިހަދާނަމަ އޭނާއަށް އަދަބު ދެވޭނެއެވެ. އެއީ އިސްލާމީ މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައެވެ. މި ފަދަމީހުންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ބައެއްމީހުންނަށް މަގުއޮޅިދާނެތީއެވެ.


[1]  - البقرة: ١٨٣

[2] - رواه أبو يعلى

[3] - رواه الترمذى وابن ماجه والنسائى والطبرانى وأحمد والدارمى

[4]  - النساء: ١٤٨

[5] - رواه أحمد وأبو داود والطبرانى والبيهقى فهلاِ

[6] - رواه البخارى والبيهقى والطبرانى

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.