ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުކޮށް، ހަރުދަނާ ދަރިވަރުންގެ ގޮތުގައި ދެމިތިބުމަށް މަގުދައްކައިދޭ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ގދ.ގައްދޫގައިގައި ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މިކަމަށްޓަކައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްއެވެ.
މި ރަސްމިއްޔާތުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ދެއްކެވި ވާހަކަފުޅުގައި ކުށެއް ހިންގުމުން ޒުވާނުން އެކުށަކުން ސަލާމަތް ކުރުމަށްވުރެ، ކުށް ކުރުމުގެކުރިން ޒުވާނުންނާއި ފުރާވަރުގެ ކުދިން އެފަދަ ކަންކަމުން ސަލާމަތް ކުރުމަކީ މުހިއްމުކަމެއް ކަމަށާއި މިފަދަ ކޭމްޕްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާއިރު ރާއްޖޭގައި ފުރާވަރުގެ ކުދިން ކުށްކުރާ ނިސްބަތް މަތިވަމުން އަންނަ އައުން ހުއްޓި، ކުށްކުރާ ނިސްބަތް ވަރަށް ބޮޑުތަން ދަށް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުން އިސްނަގައިގެން މިފަދަ ތަފާތު ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އުފެދިފައި އޮތް ކުށުގެ ވެށި ކުޑަކުރުން ކަމަށާއި ޒުވާނުންނާއި ފުރާވަރުގެ ކުދިން ކުށުގެ ނުރައްކަލުގެ ތެރެއަށް ދިޔަ ނުދިނުމަށް ދުރާލާއި ރޭވުންތެރި މަސައްކަތްތަކެއް ކުރުންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މި ކޭމްޕުން ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގަނެ ކުރިއަށް އޮތްތަނުގައި ކޮންމެކުއްޖަކީ އެހެންކުދިންނަށް ނަމޫނާ، ބޮޑެތިމީހުންނަށް އިހްތިރާމްކުރާ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖޭގެ ޒުވާނުންނާ ޅަދަރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ކުށުގެ ނުރައްކަލުން ފުރާވަރުގެ ކުދިން ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެންމެން ގުޅިގެން ކުރުމަށް އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ގދ.ގައްދޫ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ދެއްކެވި ވާހަކަފުޅުގައި އާންމު އިޖުތިމާއީ ރޫހް އާލާވެފައިވާ މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވުމަށްއެދިލެއްވިއެވެ. އަދި ދަރިވަރުން ކޭމްޕުން ދަސްކުރި ހުނަރުތަކުގެ ބޭނުން މުޖުތަމައުގައި އަދި ސްކޫލްގައިވެސް ބޭނުން ކުރުމަށް އެދިލެއްވިއެވެ.
މީގެއިތުރުން މި ކޭމްޕް ނިންމި ހުރިހާ ދަރިވަރުންވެސް އަޒުމް ކަނޑައަޅަންވީ ހުރިހާ ކުދިންނަކީވެސް ސްކޫލުގެ ނަމޫނާ ދަރިވަރުންތަކަކަށްވުމަށް އެދިލެއްވިއެވެ.
03 ދުވަހުގެ މުއްދަތައްގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ޖުމުލަ 63 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި ދަރިވަރުންގެ ތެރޭގައި 34 އަންހެން ދަރިވަރުންނާއި 29 ފިރެހެން ދަރިވަރުން ހިމެނެއެވެ.
މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.
ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާމަންޓުން އިންތިޒާމްކޮށްގެން ހޭންޑް އިން ހޭންޑް ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.