ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ދެއްވި ޚާއްޞަ މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މި މާހެފުން ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ. މިއަދަކީ 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ކުރިއަށްދާ ދުވަސް ވެސް މެއެވެ.
މަޖިލީހުގެ ރައީސް ދެއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ފޮރިން މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން 25 އަހަރު މަޖިލީހުގައި މަސައްކަތް ކުރައްވައިފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. އެމަނިކުފާނު ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ ހިންނަވަރުދާއިރާގެ ގޮނޑިއެވެ. އެމަނިކުފާނުގެ މަޖިލީހުގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވަނީ ރައީސަށް ޝުކުރު އަދާ ކުރައްވައިފައެވެ.