
ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެޔާ (އުތުރު ކޮރެޔާ) ގެ ޒައީމު ކިމް ޖޮންގ-އުންއާ ދެމެދު ބޭއްވުނު ވާހަކަތައް ނާކާމިޔާބުވެގެން ނިމުމަށް ފަހު ވެސް ވާހަކަތަކުގެ ދޮރު ހުޅުވާފައި ބަހައްޓަން ބޭނުންވާ ކަމުގައި އުތުރު ކޮރެޔާއިން މިއަދު ބުނެފިއެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ނަތީޖާއަކާ ހަމައަށް ނުދެވި ނިންމާލަން ޖެހުމުގެ ޒިންމާ ކޮންމެ ފަރާތަކުންވެސް އަޅުވަނި އެނެއް ފަރާތުގެ ބޮލުގައެވެ. ކޮންމެ ފަރާތަކުންވެސް ބުނަނީ އަނެއް ފަރަތުން ގޮތްދޫނުކުރީ ކަމުގައެވެ.
ބައްދަލުވުން ކުއްލި ގޮތަކަށް ނިންމަވާލައްވައި ނުކުމެވަޑައިގެން ރައީސު ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެޔާއިން ބޭނުންވަނީ ނިއުކުލިޔާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓާނުލައި، އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލުމަށެވެ.
އެހެންނަމަވެސް، ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔޮންގް ހޯ ވަނީ ރައީސު ޓްރަމްޕްގެ ވާހަކަފުޅު ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އުތުރު ކޮރެޔާ ބޭނުންވީ ބައެއް ފިޔަވަޅުތައް އުވާލުން ކަމުގައެވެ. ޔޮންގްބޮންގް އެކުވެނީގައި ހުރި "ނިއުކުލިޔާ ހަތިޔާރު އުފައްދާ ހުރިހާ ވަސީލަތެއް" ބަންދުކުރުމަށް ވުރެ ބޮޑު ކަމެއް ކުރަން އުތުރު ކޮރެޔާއަށް ހުށަނޭޅޭނެ ކަމުގައެވެ.
ވިއެޓްނާމުގައި އުތުރު ކޮރެޔާގެ ވަފުދުގެ ބޭފުޅުން ތިއްބެވި ހޮޓަލުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރީ ވިދާޅުވީ އުތުރު ކޮރެޔާ ބޭންންވަނީ އދ. ގެ 2016 އަދި 2107 ގެ ގަރާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. އަދި އޭގެ ބަދަލުގައި ނިއުކުލިޔާ ތަޖުރިބާތައް ކުރުމާއި، ދުރުރާސްތާ މިސައިން އުފެއްދުން މުޅިން ހުއްޓުލުމާ ބެހޭގޮތުން ވާހަކަދައްކަން އޭނާގެ ގައުމު ތައްޔާރަށް އޮތް ކަމަށެވެ.
ހަނޯއީގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގަންނަވަމުން ރައީސު ޓްރަމްޕްވެސް ވިދާޅުވެފައި ވަނީ ވާހަކަތައް ކުރިއަށް ގެންދިއުކަމުން ގޯހެއް ނެތްކަމަށެވެ. އެހެންކަމުން، އުތުރު ކޮރެޔާއާއި އެމެރިކާގެ ވާހަކަތައް ކުރިއަށް ދިއުމުގެ އުއްމީދު އެބައޮތެވެ.