އައްޑުއާއި ފުވައްމުލަކަށް އެމްޕީއެލްގެ ބަސްތައް ގެންގޮސްފި

index
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އައްޑޫ އާއި ޏ.ފުވައްމުލަކުގައި ދޭ ދަތުރު ފަތުރުގެ ޙިދުމަތުގެ ތެރޭގައި ހިމެނޭ ބަސް ދަތުރުގެ ޙިދުމަތް ފެށުމަށް ބޭނުންވާ ބައެއް ބަސްތައް މިއަދު އައްޑޫ އަށް ގެންގޮސްފި އެވެ.
އައްޑޫ އާއި ފުވައްމުލަކުގައި ބަހުގެ ޙިދުމަތް ދިނުމަށް އެމް.ޕީ.އެލް އިން ވަނީ މުޅިން އާ 13 ބަހެއް ރާއްޖޭން ބޭރުން ގެނެސްފަ އެވެ. އޭގެ ތެރެއިން ހަތަރު ބަސް މިއަދު ވަނީ އައްޑޫ އަށް ގެންގޮސްފަ އެވެ. އަދި ބާކީ ހުރި ބަސްތައް އައްޑޫ އަށް ގެންދިއުމުގެ މަސައްކަތް އެމް.ޕީ.އެލް އިން ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.
އައްޑޫ އާއި ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ބަސް ޙިދުމަތުގެ މަސައްކަތްތަކާ ގުޅިގެން މި ވަގުތު އައްޑޫގައި ހުންނެވި އެމް.ޕީ.އެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ވިދާޅުވީ މިއަދަކީ އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ބަހުގެ ޙިދުމަތް ފެށުމަށް އެމް.ޕީ.އެލް އިން ނިންމާފައިވާ ކަމަށް ޖުނެއިދު ވިދާޅުވި އެވެ.
ދަތުރު ފަތުރުގެ ޙިދުމަތަށް ސ. ފޭދޫގައި އަޅާ ވަގުތީ ޓާމިނަލްގެ ބިންގާ އެމް.ޕީ.އެލްގެ ސީއީއޯ ޖުނެއިދު ވަނީ މިއަދު އަޅުއްވައި ދެއްވައިފަ އެވެ.
ބަހުގެ ޙިދުމަތް ދިނުމަށް ގެނައި 13 ބަހަކީ ވެސް ޒަމާނީ ފެންވަރުގެ ބަސްތަކެކެވެ. މި ބަސްތަކުގައި އޭސީ އާއި ފަންކާ އަދި ޓީވީގެ ހިދުމަތް ވެސް ލިބެ އެވެ. ހުރިހާ ބަސްތަކެއްގައި ވެސް ލަގެޖު ލުމަށް ވަކި ހާއްސަ ޖާގައެއް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 50 މީހުންގެ ޖާގައިގެ 8 ބަހާއި 30 މީހުންގެ ޖާގައިގެ ހަތަރު ބަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.