ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު މަރާލެވިފައިވާ ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލުމުގައި ބައިވެރިވި 11 މީހެއްގެ މައްޗަށް ސައޫދީ ޕަބްލިކް ޕްރޮސިކިއުޝަނުން އިއްޔެ ދައުވާ އުފުލައިފިއެވެ.
ވެރިރަށް ރިޔާޒުގެ ކްރިމިނަލް ކޯޓުގައި އިއްޔެ އުފުލި ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ޕަބްލިކް ޕްސޮކިއުޝަނުން ކޯޓުގައި އެދިފައި ވެއެވެ. ދައުވާ ރައްދުވާ 11 މީހުންވެސް ހާޒިރުވީ ވަކީލުންނާ އެކުގައި ކަމަށް ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ދައުވާ ލިބޭ ފަރާތްތަކުން ދައުވާގެ ބަޔާނުގެ ކޮޕީ ބޭނުންކަމަށާއި، ދައުވާއަށް ޖަވާބުދާރީވާން މުހުލަތެއް ބޭނުންކަމަށް ބުނެފައި ވެއެވެ.
ސައޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނި ގޮތުގައި ޚާޝުޤްޖީ މަރާލި މައްސަލައިގައި ދައުވާ އުފުލުން ލަސްވީ ތުރުކީގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ލިބެންޖެހޭ ލިޔެކިއުންތައް ފުރިހަމަނުވެގެންނެވެ.
ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ ރަހުމްކުޑަ ގޮތަކަށް މަރާލުމަށް އަމުރުކުރެއްވީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންކަމަށް ތުރުކީގެ އިތުރަށް ގިނަ ފަރާތްތަކަކުން ތުހުމަތުކުރި ނަމަވެސް ސައޫދީ ސަރުކާރުން އެކަން ދޮގުކުރެއެވެ. ސައޫދީ ސަރުކާރުން ބުނަނީ ޚާޝުޤްޖީ މަރާލި މީހުން އެކަމުގައި ހަރަކާތްތެރިވީ އެމީހުން އަމިއްލައަށް ކަމަށެވެ.