ލޯންޗުކޮޅު ގޮއްވާލި މައްސަލައާގުޅޭ ގިނަމަޢުލޫމާތު ލިބިއްޖެ: ޑރ. ޝައިނީ

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާގެ ވަރަށްގިނަ މަޢުލޫމާތު މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީއަކީ އެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވިއިރު އޭގައި އިންނެވި ބޭފުޅުޅެވެ. އެމައްސަލަގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށްވަނީ 15 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްވައިފައެވެ.

އެ ޙުކުމް އިއްވާފައިވަނިކޮށް ޒަމާންތަކަށް ފަހު ޑރ. ޝައިނީވަނީ އަދީބާ ބައްދަލު ކުރައްވައިފައި ކަމަށް އެމަނިކުފާނު ރޭ ވަނީ ޓްވީޓެއް މެދުވެރިކޮށް ވިދާޅުވެފައެވެ. އެޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު އޭނާ ގާތު ދެއްކެވި ވާހަކަފުޅު ޤަބޫލުކުރެވޭ ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވެފައިވަނީ އަދީބާ ބައްދަލުކުރެއްވީ ލޯންޗުކޮޅު ގޮއްވާލި ޙާދިސާގައި އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރެއްވީ ކާކުތޯ ސާފުކޮށް ދެއްވާތޯ ކަމަށެވެ. އެކަމާ ބެހޭގޮތުން "އޭނާ (އަދީބު) ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ޤަބޫލުކުރެވޭ،" ކަމަށް ޝައިނީ ވިދާޅުވެފައިވެއެވެ.

އެކަމާ ބެހޭގޮތުން އަދީބު ވިދާޅުވީ ކީކޭތޯ އާފަތިހުން ސުވާލު ދެންނެވުމުން ޑރ. ޝައިނީ ވިދާޅުވީ ސާބިތު ހިފޭވަރުގެ ހެއްކެއްނެތިވެ އެއްވެސް މީހަކާ ދިމާއަށް އިނގިލި ދިއްކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ. އެހެން ކަމުން އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

"އަޅުގަނޑު އެއްވެސް މީހަކާ ދިމާއަށް ސާބިތު ހެއްކާ ނުލައި އިނގިލި ދިއްކުރާކަށް ބޭނުމެއްނޫން. އެހެން ކަމުން އިތުރު އެއްޗެއް ބުނަން ބޭނުމެއްނޫން. އަޅުގަނޑުވެސް އެ ލޯންޗުގައި އިނުމާއެކު އެހެން މީހެއްގެ ފުރާނައާއި އަޅުގަނޑުގެ ފުރާނައާ ތަފާތެއް ނެތުމުން މިކަން ދިމާވިގޮތުގެ އަޑި ހޯދަން އަބަދުވެސް ބޭނުންވި. މިހާރު މިކަމާބެހޭ ގޮތުން ކުރިއަށްވުރެ ގިނަމަޢުލޫމާތު އަޅުގަނޑުގެ އަތުގައި އެބަހުރި،" ޝައިނީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.