ކުށެއްނެތް އެއްވެސް މީހަކު އެމަނިކުފާނުގެ ސަރުކާރުގައި ބަންދު ކުރައްވައިފައިނުވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމި އައުވެރިކަމެއް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ވެސް ބަޔަކު ބަންދުކޮށްފައިވާނީ 2015 ވަނަ އަހަރު މޭޑޭއާ ގުޅިގެން ކަމަށެވެ.
އެމަނިކުފާނު ބަންދު ކުރުމަށް ބައެއް ފަރާތްތަކުން ގޮވަމުންދާތީ އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސަބަބެއްނެތަސް އެމަނިކުފާނު ބަންދުކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަބަބެއްނެތި މީހުން ބަންދުކުރާއިރު އެކަންކުރާ މީހުން އެކަން ކުރަނީ އިންސާފުންތޯ ބަލަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދާފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ކުރައްވައިފައި ނުވާނެ ކަމަށެވެ. މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވަނީ ކޮންކަމެއް ކަމެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.
އެމަނިކުފާނު މިރޭ ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ތަޙުޤީޢު ކުރަން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް ވޯޓުކަރުދާސްތައް ނައްތައިލުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެ މައްސަލަ ތަޙުޤީޤު ކޮށްދެއްވުންއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހެޅުއްވައިގެން ޕީޖީއާ ބައްދަލުކުރެއްވުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ލިބިވަޑައި ނުގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވަނީ އެކިކަންކަން ބޭލުމަށް ކޮމިޝަންތަކެއް އުފައްދައި އެކަންކަން ތަޙުޤީޤު ކުރެއްވުމުގެ މަސައްކަތް ވެސް ފަށައިފައެވެ.