ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ ބޮޑު ޖަރީމާއެއް - ޠާރިޤު

thobe

ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ އޭގެ ސަބަބުން ދިރޭތަކެތީގެ ނަސްލުތައް ނެތިކޮށްލައި، ޤުދުރަތީ ތަރިކަ ގެއްލުވާލާ ފަދަ ނުރައްކާތެރި ބޮޑު ޖަރީމާއެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ. އެޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ އޭގެ ސަބަބުން ދިރޭތަކެތީގެ ނަސްލުތައް ނެތިކޮށްލައި، އަޅުގަނޑުމެންގެ ޤުދުރަތީ ތަރިކަ ގެއްލުވާލާ ފަދަ ނުރައްކާތެރި ބޮޑު ޖަރީމާއެއްކަމަށާ، އެއީ ކޮރަޕްޝަނާއި ފަސާދަ އަދި ރާވައިގެން ހިންގާ ޖަރީމާތައް އިތުރުވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ބޮޑެތި ގެއްލުންތައް ލިބިދޭ ނުރައްކަލެއްކަމަށެވެ. އަދި އެއީ އަޅުގަނޑުމެންގެ މާހައުލީ ނިޒާމަށް އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންވާނެ ކަޅު ވިޔަފާރިއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

" އެއްވެސް ދިރުމެއް ނެތިގެންދިޔުމަކީ ނުވަތަ އެތަކެތީގެ މާޙައުލަށް ލިބޭ ކޮންމެ ގެއްލުމަކީ އޭގެ ނޭދެވޭ އަސަރު އިންސާނުންނަށް ކުރާނެ ކަމެކެވެ. ސިނާޢީ ނަޒަރަކުން ބެލިކަމުގައި ވިޔަސް ދިރޭތަކެތީގެ ނަސްލުތަކަށް ދެވޭ ކޮންމެ ގެއްލުމަކީ ޚުދު އަޅުގަނޑުމެންގެ ނަފްސަށް ދެވޭ ގެއްލުމެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ދިވެހިރާއްޖޭގެ ބޮޑެތި ސިނާޢަތްތައް ސީދާ ގޮތުގައި ގުޅިފައިމިވަނީ އަޅުގަނޑުމެންގެ ތިމާވެށްޓާއި، މާހައުލީ ނިޒާމުތަކުގެ މައްޗަށެވެ. ވެލާ ކަހަނބާއި، މިޔަރުގެ ބާވަތްތަކާއި، މުރަކަތަކާއި، ކަނޑުގެ އެހެނިހެން ދިރުންތަކަކީ މިރާއްޖޭގެ އެންމެ ބޮޑު ސިނާޢީ ރައުސްމާލެވެ." މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.

ދިރޭތަކެތި ޙިމާޔަތްކޮށް ދިރޭތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ރާއްޖޭގައި ވެސް މަސައްކަތްތަކެއް ކޮށްފައިވަކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން މިއަހަރުގެ އޭޕްރިލް މަހު ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ ވެލާ، ކަހަނބު ޙިމާޔަތްކުރުމުގެ އިޢުލާނާއި، އާ ޤާނޫނުލް އުޤޫބާތުގައި ޖަނަވާރުތަކަށް، އަނިޔާކުރާ، ފަރާތްތަކަށް އަދަބު ކަނޑައަޅާފައިވާކަން މިނިސްތަރު ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން 12 މާރިޗު 2013 ގައި "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފޮލޯރާ" (ސައިޓީސް) ގައި ބައިވެރިވެ މުޢާހަދާ އާ އެއްގޮތަށް ކަންކަން ތަންފީޒުކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޒީރޯ ޓޮލެރެންސް ފޯ ދަ އިލީގަލް ވައިލްޑްލައިފް ޓްރޭޑް" ނުވަތަ ދިރޭތަކެތީގެ ވަގު ވިޔަފާރިއަށް އެއްވެސް ޖާގައެއް ނުދިނުން، މިއެވެ. މިޝިޢާރުގެ މަޤްޞަދަކީ ދިރޭތަކެތީގެ ވަގު ވިޔަފާރިއާއި އޭގެ ގެއްލުންތަކާމެދު ހޭލުންތެރިކުރުވައި، ދިރޭތަކެއްޗާމެދު ހިންގާ ތިމާވެށީގެ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.