ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ މަތިވެރި ފިލާވަޅަކީ އަޚުލާޤުގެ މަތިވެރިކަން

މިއަދަކީ ސަލާމާއި ޞަލަވާތްލެއްވި ކައު އިތުރު މާތް ނަބިއްޔާގެ ޢީދު މީލާދު ދުވަހެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތްކަމަށް އެންމެ ގިނަ ބަޔަކު ޤަބޫލުކުރާ ދުވަހެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަހާމެދު ތާރީޚު ޢިލްމުވެރިންނާއި ހިސާބު ޢިލްމުވެރިންނާއި ސީރަތު ޢިލްމުވެރީންގެ މެދުގައި އިޚުތިލާފުތަކެއް ހުއްޓަސް ދުނިޔޭގެ ކަންކޮޅުތަކުގައި ރަސޫލާގެ ޢީދުމީލާދުގެ ގޮތުގައި ގަބޫލުކުރަނީ ރަބީޢުލްއައްވަލުމަހުގެ 12 ވަނަ ދުވަހެވެ. ސީރަތު ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުގައި އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތީ ފީލުބާގައިގެ މީހުން(ގެ ވެރިޔާ އަބްރަހާ، ބޮޑު ލަޝްކަރަކާއިގެން އެތަށް ސަވާރުވެގެން) ގެފުޅު މުގުރާން އައި އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ އަށް އައި ހޯމަވިލޭރޭ ފަތިސްދަންމަތީގައެވެ. ފަޖުރުލުމުގެ ކުޑަތަންކޮޅެއް ކުރީންނެވެ.

މިއަދު އަޅުގަނޑުމެން ބަހުސްކުރާންވީ މި ތާރީޚާ މެދުގައެއް ނޫނެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާމެދުގައެވެ. އެ މާތް ނަމޫނާއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަ މިންވަރާ ބެހޭ ގޮތުންނެވެ. އެކަލޭގެފާނަކީ ﷲ ދުނިޔެއަށް ފޮނުއްވި އެންމެ ޚުލްޤު ހެޔޮ ސާހިބާއެވެ. އިސްލާމްކަމުގެ އެންމެ މުހިއްމު އެއް އަސާސަކީ އަޚުލާޤާއި ސުލޫކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ތާރީޚު ބަދަލުކޮށްލެއްވުނީ ހަނގުރާމައަކުންނޫނެވެ. އިސްލާމްދީން ފެތުރުނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅުގެ ސަބަބުންނެވެ.

އެހެންވީމާ މުޖުތަމަޢުގައި ފަތުރަންވީ ރަޙުމާއި އޯގާތެރިކަމުގެ މާތް ސިފައެވެ. ހަރުކަށިކަމާއި ގަދަބަދަވިކަމާއި ބަދަލުހިފުމަކީ ދީނުގެ އުޞޫލެއް ނޫންކަން ކީރިތި ރަސޫލާ އިސްލާމީ އުއްމަތަށް ވަނީ ސާބިތުކޮށްދެއްވައިފައެވެ. އަޞްޙާބު ބޭކަލުން ކީރިތި ރަސޫލާދެކެ އެހާ މަތިވެރި ދަރަޖައަކަށް ލޯބިފުޅުވީ، އަދި އެކަލޭގެފާނަށްޓަކައި ޤުރުބާންވެވަޑައިގަތީ އެކަލޭގެފާނުގެ ޚުލްޤުފުގެ ސަބަބުންކަން އެނގެން އެބަ އޮތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ........"(" އެބައި މީހުންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ، މާތް ﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅުގައި ހަރުކަށިކަމާއި، ޚުލްޤުފުޅު ނުބައި ބޭކަލަކުކަމުގައި ކަލޭގެފާނު ވީނަމަ ކަލޭގެފާނުގެ ކިބައިން އެބައިމީހުން ވަކިވެގެން ހިނގައްޖެއީހެވެ. ފަހެ އެމީހުންނަށް މަޢާފު ކުރައްވާށެވެ. އަދި އެބައިމީހުންނަށްޓަކައި ފާފަފުއްސެވުން އެދި ދުޢާ ކުރައްވާށެވެ. އަދި އެބައިމީހުންނާ ކަންކަމާ މަޝްވަރާ ކުރައްވާށެވެ.") (آل عمران:159 ) 

ވީމާ، މީހުންނަށް ކަންކަން ބުނެދޭންޖެހޭނީ، އަދި ކަންކަމާ ފާޑުކިޔާންވާނީ ވެސް މީހުން އަޑުއަހާނޭ ފަދަ ޞީޣާއަކުން އެމީހުންނަށް ވިސްނޭނޭހެން ރަޙުމާއި އޯގާތެރިކަމާއެކުގައެވެ. އިސްލާމް ދީނުގެ މަންހަޖަކީ މިއީއެވެ.

މި މާތް އުޞޫލު މިއަދުވަނީ ދީނަށް ލޯބި ކުރާ މީހުންގެ ހަނދާނުން ކައްސާލައިފައިވާކަހަލައެވެ. މިއުއްމަތުގައި ހެޔޮ އެބައޮތްކަން ޤަބޫލުކުރައްވާށެވެ. ޤިޔާމަތާ ހަމައަށް އެއްކައުވަންތަ ކަމުގެ ކަލިމަ، އާދެ "لا إله إلا الله " ގެ އަޑު ހެޔޮ އަޅުތަކުން އުފުލާނެއެވެ. ނުބައި ކަންކަން މަނާކުރުމުގައި އެންމެ ރިވެތި އުޞޫލު ގެންގުޅުއްވާށެވެ. ނުބައިކަމެއް މަނާކުރުމުގެ ސަބަބުން ނުބައި އިތުރުވެގެން ހިނގައްޖެ ނަމަ އެކުރެވުނީ ހެޔޮ ޢަމަލެއްކަމުގައެއް ނުވާނެއެވެ. އިޚުތިޔާރުކުރާންޖެހޭނީ ރަޙުމާއި ކުލުނާއި އޯގާވެރިކަމެވެ. މާތް ﷲ އިސްލާމް ދީނުގެ ނަބިއްޔާ ފޮނުއްވީ މުޅި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ "("ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ކަލޭގެފާނު ނުފޮނުއްވަމެވެ.") (الأنبياء: )107 އަދި  މީސްތަކުން ބިރުގެންނެވުމާއި އުނދަގޫކުރުމަކީ އިސްލާމް ދީނުގެ މަންހަޖެއް ނޫނެވެ.  "مَا خُيِّرَ رَسُوْلُ الله صلى الله عليه وسلم في أَمرين إِلاَّ اخْتَارَ أَيْسَرَهُمَا مَا لَمْ يَكُنْ إِثْمًا" ( ފާފައެއް ނުވާ ގޮތަށް، ދީނުގެ ކަމެއްގައި ދެ ގޮތެއް އޮވެއްޖެ ނަމަ، އެ ދެގޮތުން ކުރެ އެންމެ ފަސޭހަގޮތް މެނުވީ މުޙަމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް  ޚިޔާރު ނުކުރައްވަތެވެ."( رواه البخاري)

ކީރިތި ރަސޫލާގެ ސީރަތަށް ނަޒަރު ހިންގައިލާއިރު މުޅިންވެސް ފެންނަނީ އޯގާވެރިކަމާއި ރަޙުމާއި ކުލުނުގެ އާދަޔާ ޚިލާފު މިސާލުތަކެވެ. އެހެން ނުވާނީ ކީއްވެގެންތޯއެވެ؟ އެކަލޭފާނު ފޮނުއްވީ އަޚުލާޤު ފުރިހަމަ ކުރެއްވުމަށްޓަކައެވެ.  إنما بعثت لأتمم صالح الأخلاق  )رواه أحمد ) މި ފަދަ ދެ މިސާލެއް މިވަގުތު ހިތްމައްޗަށް ގެނެސްގަންނަމާތޯއެވެ!

ކީރިތި ރަސޫލާ ( صلى الله عليه و سلم ) އިސްލާމީ ދަޢުވަތު ފެތުރުއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުގެ ތެރެއިން ޠާއިފަށް ކުރެއްވި ދަތުރުފުޅަކީ އަސަރުންފުރިގެންވާ ދަތުރުފުޅެކެވެ. އެރަށުގެ މީހުން އެކަލޭގެފާނަށް ދުއްތުރާކޮށް މޮޔައިންނާއި ކުޑަކުދީންލައްވައި ގާއުކުވައި އެކަލޭގެފާނަށް ބޮޑެތި ދުއްތުރާތަކެއް ކުރިމަތިކުރިއެވެ. ފައިންޕުޅާއި ހަށިކޮޅުން ލޭފޮދު އޮހޮރެމުން ދިޔަ ޙަލުކޮޅުގައި ޠާއިފު ދޫކުރައްވައި މައްކާއަށް ވަޑައިގަތީ ހިތާމަކުރައްވާ ޙާލުކޮޅުގައި ކެތްތެރިކަމާއެކުގައެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ޙައްޤު ދަޢުވަތަށް ބީރުކަންފަތެއް ދިނުމުގެ ސަބަބުންނެވެ. މައްކާއަށް އެނބުރި ވަޑައިގަތް މަގުމަތީގައި ނަމާދު ކުރެއްވުމަޓަކައި ކަދުރު ރުއް ދަނޑެއްގައި މަޑުކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ކިޔަވައިވިދާޅުވުން އަޑުއެހުމަށްޓަކައި ޖިންނީންގެ ތެރެއިން ހަތް ޖިންނިޔަކު އެތަނަށް އައެވެ. ނަމަވެސް މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމައަށް އޭރު އެކަމެއް އެނގިވަޑައެއް ނުގަނެއެވެ.  އެކަލޭގެފާނު ކިޔަވައިވިދާޅުވަމުން ގެންދެވީ ސޫރަތުލް ޖިންނި އެވެ.  ދެންފަހެ ﷲ ސުބްޙަނަހޫ ވަތާޢާލާ އެކަލޭގެފާނުގެ މައްޗަށް އަޙްޤާފު ސޫރަތުގެ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. "وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ" ("ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ!" މިއާޔަތް ބާވައިލެއްވުމުން ޖިންނީންތަކެއް ތިބިކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި ޖިންނީންތައް އިސްލާމްވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުވަސްކޮޅެއް ވަންދެން އެ ކަދުރު ދަނޑުގައި މަޑުކުރެއްވިއެވެ.

އެ ދަނޑުން ނިކުމެވަޑައިގެން މައްކާއަށް ވަޑައިގަތް މަގުމަތީގައި މާތް ﷲ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމާއި ފަރުބަދަތަކުގެ މާލާއިކާތާ ފޮނުއްވިއެވެ.  އަދި ﷲ ތަޢާލާ ވަނީ ފަރުބަދަ ތަކުގެ މަލާއިކަތާއަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަށް ކިޔަމަންވުމަށް އަންގަވާފައި ކަމަށާއި އެކަލޭގެފާނު ބޭނުންފުޅު ކަމުގައި ވަނީނަމަ މައްކާގައި ވާ ޢަޚްޝަބައިން ކިޔާ ދެ ފަރުބަދައެއް ޠާއިފުގެ އަހުލުވެރިންގެ މައްޗަށް ވައްޓާލުމުގެ އިޒުނަޔަށް އެދިވަޑައިގަތެވެ. ނަމަވެސް ކީރިތި ރަސޫލާ ( صلى الله عليه و سلم ) ޙަދީޘްކުރެއްވީ ރަޙްމަތުން ފުރިގެންވާ ބަސްކޮޅެކެވެ. އެކަލޭގެފާނު ޙަދިޘްކުރެއްވީ ކީކޭކަމަށްތޯއެވެ؟ ނޫނެކެވެ! ތިޔަހެން ނަހައްދަވާށެވެ! ތިމަންކަލޭގެފާނު އެބައިމީހުންނާމެދު އަވަސްވެވަޑައެއްނުގަންނަވާހުށީމެވެ. އެބައިމީހުންގެ ދަރިފަސްކޮޅުން ﷲ އާއި އެހެން އެއްވެސް ފަރާތެއް ބައިވެރިނުކޮށް ހަމައެކަނި އެކަލާނގެޔަށް އަޅުކަންކުރާ ބަޔަކު ﷲ ނެރުއްވަފާނެކަމަށް އުއްމީދުކުރައްވަމެވެ.

އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުން ފާހަގަކުރެވޭ މިފަދަ އެހެން ހާދިސާއެކެވެ. ހިޖުރައިން ހަތަރުވަނަ އަހަރުގެ ޖުމާދަލްއޫލާ މަހު ހިނގި ޒާތިއްރިޤާހަނގުރާމަ އިން ނިމިވަޑައިގެން ވަޑައިގަތް ދަތުރުފުޅުގައި އެއް ދުވަހަކު އަރާމުކޮށްލައްވަން ގަހެއްގެ ހިޔަލުގައި އޮށޯވެވަޑައިގެން އޮންނެވިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅު އެ ގަހުގެ ގޮތްޕެއްގައި އެލުވައިލެއްވުމަށް ފަހުގައެވެ. ޞަޙާބީން ތަންކޮޅެއް ދުރުގައި އުޅުއްވަމުން ގެންދެވި ނަމަ ވެސް އިތުރު އެކަލޭގެފާނު އޭރު އޮންނެވީ ގިނިކަންޏާއެވެ. އަޞްޙާބު ބޭކަލުން އޭރު ތިއްބެވީ އެކިއެކި މަސައްކަތްޕުޅުތަކުގައި މަޝްޣޫލުވެވަޑައިގެންނެވެ. އިތުރު އެކަލޭގެފާނަށް ނުރައްކަލެއް ކުރިމަތިވެވަޑައިގެންފާނެ ކަމަކަށް އެ ބޭކަލުންނަކަށްއެ ވަގުތަކު ވިސްނައިވަޑައެއް ނުގަނެއެވެ.

އިތުރު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް، މުޝްރިކުންގެ މީހެއް ކަމުގައިވާ ޣައުރަޘު ބުނުލް ޙާރިޘަށް އެ މަންޒަރު ފެނުނެވެ. އޭނާ އަވަސް އަވަހަށް އޭނާގެ އެކުވެރީންގެ ގާތަށް ހިނގައްޖެއެވެ. އޭނާ ފަތަޙަލިބިފައިވާ ރާގެއްގައި އޭނާގެ އެކުވެރީން ގާތު ތިމަންނާ ތިޔަބައިމީހުންނަށް ޓަކައި މުޙައްމަދުގެފާނު ޤަތުލުކޮށްލައިފައި އަންނާނަމެވެ. އެބައިމީހުން އުފަލުން ތިޔަކަން އަވަސްކުރާށެ ބުނެ ހިތްވަރުދިނެވެ.

ޣައުރަޡު އިތުރު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނެވި ތަނަށް ހިނގައްޖެއެވެ. އޭނާ ދިޔައީ ވަރަށް މަޑުމަޑުންނެވެ. ފިލަފިލައިގެންނެވެ. ބޮނދަބޮނދައިގެންނެވެ. އިތުރު އެކަލޭގެފާނަށް ވެސް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ވެސް އޭނާގެ ހިލަމެއް ވިޔަނުދިނުމަށް ޓަކައެވެ. އޭނާ ގަހުގައި އެލުވައިފައި އޮތް ކަނޑިކޮޅު ނެގިއެވެ. ކަނޑިކޮޅު އުރަކޮޅުން ދަމައިގަނެގެން ގޮސް އިތުރު ސާހިބާގެ އަރިހަށް ހުއްޓި ރަސޫލާ ( صلى الله عليه و سلم )  މުޚާޠަބުކޮށް ދެންނެވިއެވެ. "އޭ މުޙައްމަދެވެ! މި ވަގުތު ތިމަންނާގެ ކިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކު ހެއްޔެވެ؟" އިތުރު އެކަލޭގެފާނަށް އޭނާގެ އަޑު އިވިވަޑައިގެން ހޭފުޅުލައްވައި ފުރިހަމަ އިޢުތިމާދާއި އީމާންކަމުން ފުރިގެންވާ އަޑުފުޅަކުން ޖަވާބުދެއްވިއެވެ. "ﷲ އެވެ!" އެ ބަސްފުޅުގެ އަޑު އިވޭ އިރަށް ޣައުރަޘު ބިރުން ރޫރޫއަޅައިގަނެ އޭނާގެ އަތުން ކަނޑިކޮޅު ދޫވެގެން ވެއްޓިއްޖެއެވެ. އިތުރު އެކަލޭގެފާނު ތެދުވެވަޑައިގެން ކަނޑިކޮޅު ނަންގަވައި ޣައުރަޘާ ސުވާލުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ކިބައިން މި ވަގުތު ކަލޭގެ ސަލާމަތްކުރާނީ ކާކު ހެއްޔެވެ؟" ޣައުރަޘު ޖަވާބުއެރުވިއެވެ. "ކަލޭގެފާނު ކަނޑި ހިއްޕަވައިގެން ހުންނެވި އޯގާވެރި ބޭކަލަކަށް ވެވަޑައިގަންނަވާށެވެ!"

ކައު އިތުރު ރަސޫލާ ( صلى الله عليه و سلم )  އޭނާ ދޫކޮށްލެއްވީއެވެ. ޙަދީޘުކުރެއްވިއެވެ. "ދާށެވެ! ތިމަންކަލޭގެފާނު ކަލެޔަށް މަޢާފުކުރައްވައިފީމެވެ. ޣައުރަޘު އެނބުރި އޭނާގެ ޤަބީލާގެ މީހުންގެ ގާތަށް ގޮސް ބުންޏެވެ. "އަހަރެން މި އައީ އެންމެހައި އިންސާނުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު އެންމެ މާތް އެންމެ އޯގާވެރި ސާހިބާގެ އަރިހުންނެވެ."

ކިރިތި ރަސޫލާގެ ސީރަތުން އަޅުގަނޑުމެންނަށް ފެންނަން ހުރީ މުޅީން ވެސް މިފަދަ މަތިވެރި އަޚުލާޤެވެ. އޮގާވެރިކަމާއި ރަޙުމާއި ހަމްދަރުދީގެ ލާމަސީލު މިސާލުތަކެވެ.

ކައު އިތުރު ރަސޫލާ ( صلى الله عليه و سلم )ގެ ޢީދު މީލާދު އަޅުގަނޑުމެން ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކަށް ވާންޖެހޭނީ އެ މާތް ނަބިއްޔާގެ ޙަޔާތްޕުޅުން މި ފަދަ ރީތި އަޚުލާޤު ދަސްކުރުމެވެ. އެ ގޮތަށް ޢަމަލުކުރުމެވެ. އިސްލާމްދީނުގެ އެންމެ މުހިއްމު އަސާސަކީ އެއީއެވެ.

ވީމާ މިއަދު އަޅުގަނޑުމެން ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރާއިރު، މި ފަދަ ދުވަހެއް ފާހަގަކުރުމުން ލިބިގަންނަންޖެހޭނެ އެންމެ ބޮޑު ފައިދާއެއްކަމަށް ވާނީ ފުރިހަމަ އަޚުލާޤުގެ ތެރެއިން މިންވަރެއް ލިބިގަތުމަށްތަކައި މަސައްކަތްކުރުމެވެ.

ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ކީރިތި ރަސޫލާގެ ސުންނަތުން ފައިދާ ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށިއެވެ!

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.