އޮޕަރޭޝަނަށް ފަހު އަދީބު ކޮޓަރިއަށް ބަދަލު ކޮށްފި

ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް ނައްތާލުމަށް އައިޖީއެމްއެޗުގައި މިއަދު ހެނދުނު ކުރި އޮޕަރޭޝަނަށްފަހު ކޮޓަރިއަށް ބަދަލުކޮށްފިއެވެ.

ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް އަދީބުގެ ޙާލު ދެރަވެ އެމަނިކުފާނަށް އައިޖީއެމްއެޗުގައި ފަރުވާ ދެއްވަމުން ގެންދަވާތާ މިހާރު ހަފްތާއަކަށްވުރެ ގިނަވެއްޖެއެވެ.

އަދީބު އޮޕަރޭޝަން ކުރީ ކިޑްނީގައި އުފެދިފައިވާ ހިލަތައް ބޭސް ދީގެން ނައްތައި ނުލެވިގެންނެވެ. އެމަނިކުފާނުގެ އަނބިކަނަބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައިވަނީ އޭގެ ސަބަބުން އަދީބުގެ ކިޑްނީ ދުޅަވެސް ވެފައިވާ ކަމަށެވެ.

އަދީބުގެ ދެކިޑްނީގައި ވެސް ހިލަވަނީ އުފެދިފައެވެ. މިއަދު އޮޕަރޭޝަނުގައި ނައްތާލައިފައިވަނީ ވާތް ފަރާތު ކިޑްނީގައި އޮތް ހިލަ ކޮޅެކެވެ. ކަނާތް ފަރާތު ކިޑްނީގައި ދެ ހިލަކޮޅު އެބައޮތް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފެށީ ހާލު ވަރަށް ދެރަވުމުންނެވެ. ކިޑްނީގެ މައްސަލައިގެ އިތުރަށް ހަށިގަނޑުގައި ވަނީ ސިސްޓުތަކެއްވެސް އުފެދިފައެވެ. މި މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އަދީބުގެ ފަރާތްޕުޅުންވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެކަމަށް ފަހިވާގޮތަކަށް އަދި ކަމެއްވެފައެއް ނުވެއެވެ.

އަދީބަކީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ތެރެއިން ތަންފީޒުވީ 3 އަހަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.