ރައީސް އިބްރާހީމް މުޙައްމަދު ސަރުކާރުގެ ފުރަތަމަ 30 ދުވަސްތެރޭގައި އެތެރޭގެ އުދުހުން ތަކުގެ އަގު މިހާރަށްވުރެ ކުޑަކުރަން ނިންމަވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ޙާޞިލް ކުރެއްވުމަށް ކަނޑައަޅުއްވައިފައިވާ ކަންތައްތައް ރޭ އާންމު ކުރެއްވިއިރު ކުރިއަށްއޮތް އެއްމަސް ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކުރުމަށްވަނީ ނިންމަވައިފައެވެ. މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ދުވަސްވަރު ވެވަޑައިގެންނެވި ރިޔާސީ ވަޢުދެއް ވެސް މެއެވެ.
ރާއްޖޭގެ އެތެރޭގައި މިހާރު ދެ އެއާލައިނެއް އޮޕަރޭޓް ކުރެއެވެ. އެއީ މޯލްޑިވިއަންއާއި، ފުލައިމީއެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކަށްވުރެ ބޮޑު ކަމަށް ބުނެ މީހުންދަނީ ޝަކުވާ ކުރަމުންނެވެ.
ސަރުކާރުގެ ފުރަތަމަ 30 ދުވަސްތެރޭގައި ދަތުރުފަތުރުގެ ދާއިރާއިން ކުރައްވާނެ އިތުރު ކަންތައްތަކުގެ ތެރޭގައި މާލެއާއި ހުޅުލެއާދެމެދު ދުއްވާ ބަސްތައް މަޑުކުރުމަށް އެދެ އަވަށުގައި ބަސް ސްޓޮޕްތަކެއް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލް ޕާކުކުރާނެ ސަރަޙައްދެއް ކަނޑައެޅުމާއި، މާލޭގައި ދުއްވާ ވެހިކަލްތަކަށް ވެސް ޕާކިން އޭރިއާ ޒޯން ކުރުމާއި، އެއްގަމު ދަތުރުފަތުރާބެހޭ ޤާނޫނާއި ޤަވާޢިދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.