މަޅުމަތި: ގޮނޑީގެ އުދާސް

އެކި ވަރުގެ ގޮނޑީގެ ސަފެއް ހަދައިފިއެވެ.
ބައެއް ގޮނޑި އުހެވެ.
ބައެއް ގޮނޑި ތިރިއެވެ.
ބައެއް ގޮނޑި ފުޅަލެވެ.
ބައެއް ގޮނޑި ހަންޏެވެ.

ގޮނޑިތައް ވާހަކަ ދައްކާން ފަށައިފިއެވެ.
އަހަރެމެންގެ ބޭނުން ކުރާނީ ކޮން ބައެއް ބާވައެވެ؟
އަހަރެމެންގެ ބުރިކަށި މައްޗަށް މިއަދު ބަޔަކު އަރާނެއެވެ.
އެމީހުންގެ ފަރާތުން ވާނީ ފަސޭހަ ހެއްޔެވެ؟
ނުވަތަ އުނދަގޫ ހެއްޔެވެ؟

މާގިނަ އިރުތަކެއް ނުވެ ނަން ގޮވަން ފަށައިފިއެވެ.
ކޮންމެ ނަމަކާއެކު މީހަކު އައިސް ގޮނޑިއެއްގައި އިށީނދެއެވެ.
މަޑު މަޑުން ގޮސް ހުރިހައި ގޮނޑިއެއް ފުރިއްޖެއެވެ.

ދެން އިވޭން ފެށީ ތަފާތު އަޑު އަޑެވެ.
ބައެއް ގޮނޑި ހެނީއެވެ.
ބައެއް ގޮނޑި ރޮނީއެވެ.
ބައެއް ގޮނޑި ކުކުރަނީއެވެ.

އަހަރެން އެތަނުން ގޮނޑިއަކާ ސުވާލު ކޮށްލީމެވެ.
ކަލޭމެން ރޮނީ ކީއްވެގެން ހެއްޔެވެ؟
ގޮނޑިއަކީ ޒިންމާ އުފުލާ އެއްޗެއް ނޫނެވެ.
ޒިންމާ އުފުލާނީ ގޮނޑީގައި އިށީންނަ މީހާއެވެ.

އެއް ގޮނޑި ގިސްލަމުން ބުނެލިއެވެ.
އަހަރެމެންނަށް މިފެންނަ ތަނެއް ކަލޭމެންނަކަށް ނުފެނެއެވެ.
ދެރަ ކަމަކީ އެއީއެވެ.
މީހާ ހުރީ ނަޖިހުން ތާހިރު ވެގެންތޯ ނުބަލައި ބޭންދީމާ ވާނޭ އުނދަގޫ ކަލޭމެންނަކަށް ނުވިސްނޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.