ދިވެހިރާއްޖޭގެ ވެރިކަމުގެ ދިގު ތާރީޚަށް ނަޒަރު ހިންގައިލާއިރު ފެންނަން އޮތީ ސަގާފީ ރަސްކަމެކެވެ. މި ދިގު ރަސްކަމަށް ލޮޅުން އެރީ ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ނަޒަރު ހިނަގައިލާއިރު މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަސްގެފާނު އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އާއި އޭރުގެ ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެކުއެކީގައި އިސްތިޢުފާ ދެއްވި ހިސާބުން ފެށިގެންނެވެ.
މި ދެންނެވި ޙާދިސާއާއ ގުޅިގެން ރާއްޖޭގެ ސިޔާސީ ޙަޔާތަށް އާދަޔާ ޚިލާފު ލޮޅުމެއް އެރިއެވެ. ރަސްކަމުގެ ތަޚުތު ހުސްވެ އެތައް ދުވަހެއް ވިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ދެންފެނުނީ ތަޚުތު ހުސްކޮށް ހުއްޓައި ޤައުމު ހިންގެވުމުގެ އެންމެ މަތީ މަސްއޫލިއްޔަތު ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަނެވެ. ވަލީ ކޮމިޓީގެ ނަމުގައެވެ. ނަމަވެސް ދެން ފެނުނީ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަމުގެ މަޤާމު ދިވެހީން އެރުވިއތަނެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެ ކިލެގެފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަޖެހޭ ގޮތް ނުވެ ގިނަދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން ދެންވެސް ތަޚުތު ހުރީ ފަޅަށެވެ.
ތަޚުތު ހުހަށް ހުންނަތާ ގިނަ ދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުންތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތްކަމުގައި ވިޔަސް ޤައުމުގެ އެންމެ މަތީ ވެރިއެއްގެ މަޤާމުގައި ހުންނަވާން ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުކަމަށް އެއްބަސްވެވުނެވެ. ނަމަވެސް ރާއްޖޭގެ ދާޚިލީ ޙާލަތާއި ޚާރިޖީ މަސްރަޙު އޮތް ގޮތުން ރަސްކަކުގެ ތަޚުތަށް އިސްވެވަޑައިގަންނަވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއްނުވިއެވެ. ދިވެހި ދަރިންނަށްޓަކައި ސިލޯނުގައްޔާއި، އެހެން ޤައުމުތަކުގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމްކުރެއްވުމަކީ ޤައުމުގެ ޙައްޤުގައި ކުރައްވައިގެންވާނެ ކަމެއް ކަމަކަށް އަމީންދީދީ ދެކެވަޑައެއް ނުގަތެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތުގެ މައްޗަށް ކުރެވުނު އެތައް ބަހުސްތަކާއި މަޝްވަރާތަކަށްފަހު ނިމުނީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ.
މި ދެންނެވި ގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ، ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. އެހެންވީމާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފެށުނީ ޖެނުއަރީ 1 ގައެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހަކަށް ބަލަން އެންމެ އެކަށީގެންވާ ދުވަހަކީ ވެސް އެއީއެވެ. އަޅުގަނޑުގެ ނަޒަރުގައެވެ.
އިސްވެ ދެންނެވުނު ގޮތުގެ މަތީން ރާއްޖެގައި ތަޢާރުފުކުރެވުނު ޖުމްހޫރިއްޔަތު ރާއްޖޭގައި ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްޔޯ ބަލަން ނެގި ޢާއްމު ވޯޓަކުން ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރިއްޔަތެއްކަމަށް ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްވުމާއެކުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އޭރުގެ ވަޒީރުލްއަޢުޒަމް ޞދ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުކުރެވުނެވެ. އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާކުރެއްވީ 11 ނޮވެމްބަރ 1968 ގައެވެ. ޖުމްހޫރީ ދުވަހުގެ ގޮތުގައި އަޅުގަމޑުމެން މި ފާހަގަކުރަނީ މި މުހިއްމު ތާރީޚީ ބަދަލެވެ. ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.
އާދޭހެވެ! މިއަދަކީ އުފާވެރި ދުވަހެކެވެ. ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ނުވަތަ ދީމުޤްރާޠީ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުނުތާ ބައިޤަރުނު ފުރުނު އުފާވެރި ދުވަހެވެ. މި އުފާވެރި އަދި ފަޚުރުވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚިދުމަތްތެރި ރައީސުލްޖުމްހޫރިއްޔާ ޞާޙިބުލްފަޚާމާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤާއްޔޫމަށާއި އެމަނިކުފާނުގެ ނާއިބަށާއި ދައުލަތުގެ ވެރީންނަށް، އަދި ކުރިޔަށް އޮތް 5 އަހަރުގެ އުއްމީދު އެ ބޭފުޅަކާ ގުޅިފައިވާ ރައީސް މުންތަޚަބު ޞާޙިބުލްފަޚާމާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ނާއިބަށް އަދި ދިވެހި ޖުމްހޫރީއްޔާގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ދައުލަތުގެ އެންމެހާ ވެރީންނަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވެސް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
ޖުމްހޫރީ ވެރިކަމަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ވެރިކަމެކެވެ. މިފަދަ ވެރިކަމެއްގައި، ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. މި ފަދަ ވެރިކަމެއްގައި، ރައްޔިތުންގެ ޚިޔާލާއި، އިޚްލާޞްތެރި ބައިވެރިވުމާއި، އެއްބާރުލުން، ނުހަނު ބޮޑަށް ބޭނުންވާނެއެވެ. މިއީ ރައްޔިތުންނަށްޓަކައި ރައްޔިތުން ޤާއިމުކުރި ވެރިކަމެކެވެ. މިފަދަ ވެރިކަމެއް ހިނގާނީ ނުވަތަ ހިނގާންވާނީ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. ފައިދާއާއި މަސްލަހަތަށްޓަކައެވެ. މުޅި ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މާތް މަޤުޞަދު ގައެވެ. އިސްލާމީ ޤައުމެއްގައި ޤާއިމުކުރެވިފައިވާ މިފަދަ ވެރިކަމެއްގައި ނަމާދު ޤާއިމުކޮށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ އެއުރެންނީ، ބިމުގައި ތިމަން ރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ،ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ.ކަންކަމުގެ ނިމުންވަނީ ﷲއަށެވެ!" (الحج:41)
މާތްވެގެންވާ އިސްލާމްދީނުގެ މަޤުޞަދުތަކާއި އުސޫލުތަކާ، އެންމެ ބޮޑަށް ގުޅޭ ވެރިކަމުގެ ނިޒާމަކީ، ޖުމްހޫރީ ނިޒާމު ކަމުގައި ދެންނެވިދާނެއެވެ. އެހެނީ، ރަސްކަމަކީ، ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް ނެތި، ވަކި ދަރިކޮޅެއްގެ މީހަކަށް ޤައުމުގެ އެންމެމަތީ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ދިވެހިރާއްޖޭގައި މީގެ 50 އަހަރު ކުރިން އޮތީ މިފަދަ ނިޒާމެކެވެ. މިއާ ޚިލާފަށް، ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުން އިންތިޚާބު ކުރާ މީހަކަށް ޤައުމުގެ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ޖުމްހޫރީ ވެރިކަމެއްގައި ވެރިކަން ކުރާނީ، ހަމަޖެހިފައިވާ ޤާނޫނީ ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ރައްޔިތުން އިންތިޚާބު ކުރާ، ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުމާއި ތާއީދު ލިބިފައިވާ މީހެއް ނުވަތަ ބަޔެކެވެ. އެހެންކަމުން، ديمقراطى އުސޫލުތަކާ އެންމެ ގުޅޭ ވެރިކަމަކީވެސް، ޖުމްހޫރީ ވެރިކަމޭ ދެންނެވެން އެބަ އޮތެވެ. ރައްޔިތުން ރުހޭ ބަޔަކާ ރައްޔިތުންގެ ކަންތައްތައް ހަވާލުކުރުމާއި، ރައްޔިތުންގެ ފައިދާއަށްޓަކައި އެބައިމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަންތައްތައް ކުރުމުގެ އުސޫލަކީ، ދީނުގައި ކަނޑައެޅިފައިވާ އުސޫލެވެ. މާތް اللّه އަށް އިޖާބަދީ، އިސްލާމްވެ، ނަމާދު ޤާއިމުކޮށް އަދި އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ މަޝްވަރާގެ މަތީން ކަންކަން ހިންގާ މީހުންނަށް ތަޢުރީފްގެ ބަސް ރައްދުކުރައްވައި މާތް اللّه وحى ކުރައްވައިފައިވެއެވެ. وَالَّذِينَ اسْتَجَابُواْ لِرَبِّهِمْ وَأَقَامُواْ الصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ] (الشّورى: 38) ޙަޤީޤީ މުއުމިނުންނަކީ މާތް اللّه ގެ ފަރުޟު ތަކަށް ރައްކާތެރިވެ ތިބެ އެބައިމީހުންގެ ކަންތައްތައް މަޝްވަރާ ކޮށްގެން ހަމަޖައްސަމުން ގެންދާ މީހުންކަން މިއާޔަތުން ވަރަށް ރަނގަޅަށް ހާމަވާން އެބަ އޮތެވެ. އެހެންވީމާ އިސްލާމީ އުޞޫލާ އެންމެ ކައިރި، ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމުކަން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ.
ދިވެހި ރައްޔިތުން ޖުމުހޫރީ ވެރިކަމެއް ޤާއިމުކުރީ، ރައްޔިތުން، ވެރީންނަށް ޚިދުމަތްކޮށްލަކޮށްލައި ތިބުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ކުރިއެރުމާއި ފާގަތިމަށްޓަކައި ރައްޔިތުންނަށް ވިޔަވަތި ޙަޔާތެއް ހޯދުމަށްޓަކައި އެ ކަމުގެ އުއްމީދުގައެވެ. އެހެންވީމާ ޖުމުހޫރީ ވެރިކަމެއްގައި މި ނުކުތާއަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެންޖެހޭނެއެވެ. ތެދުވެރިކަމާއި، ކަމަށް ކަމޭ ހީކުރެއްވުމާއެކު، ޚިދުމަތްދެއްވާންވާނެއެވެ. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަކީ ވެރީންގެ ވާޖިބުކަން ޤަބޫލުކުރައްވަންވާނެއެވެ. ކެތްތެރިކަމާއި ހަމަހަމަކަން އިސްކުރައްވަންވާނެއެވެ. މި ޒަމާނުގައި ރާއްޖޭގައި ވެސް އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ޤާއިމުކުރެވިފައިވާތީ، އަދި ދިވެހިރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ސިޔާސީ ފިކުރުގައި ޝާމިލުވާ ޤައުމެއް ކަމުގައިވާތީ ރައްޔިތުންގެ ތެރޭގައި ވެސް ތަފާތު ސިޔާސީ ފިކުރު ހުންނާނެކަން ޤަބޫލުކުރައްވައިގެން އިޚުލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމަކީ ވެރިކަމުގެ އަސާސްކަމުގައި ވާންވާނެއެވެ. އަދި ވެރިކަމަކީ ޤައުމީ ވާޖިބެއް އަދާކުރެއްވުންކަމަށް ގަބޫލުކުރައްވައިގެން ވެރިކަންކުރެއްވެންވާނެއެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ޚިދުމަތުގައި އަމާނާތްތެރިވެވަޑައިގަންނަވަންވާނެއެވެ. އަމާނާތް އޭގެ އަހުލުވެރީންނަށް ރައްދުކުރުމަކީ ޚިދުމަތުގެ އަސާސްކަމުގައި ހައްދަވަންވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا" ("ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ.") (سورة النساء:58). އަދި މި ނިޒާމުގައި އެކި މަޤާމުތަކަށް ރައްޔިތުން އިންތިޚާބުކުރައްވާ މަންދޫބުންނަކީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރައްވާ ބަޔެއްކަމަށް ޤަބޫލުކުރައްވަންވާނެއެވެ. ތިމާ އުފުއްލާ ކޮންމެ މަސްއޫލިއްޔަތަކީ އެ މަސްއޫލިއްޔަތަކާ މެދު ތިމާ ޖަވާބުދާތީވާންޖެހޭނެ ޢަމަލެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " ("އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެޔާމެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައިވިއެވެ.") (سورة الإسراء:36)
މިއަދު ދިވެހިރާއްޖޭގައި ޤާއިމުވެފައި މިއޮތީ ދީމުޤްރާޠީ ޖުމުހޫރިއްޔަތެކެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކެވެ. މި ނިޒާމުގައި ކުރިން ވެސް ދަންނަވައިލި ފަދައިން ދިވެހިރާއްޖެ ބައްޓަންކުރެވިފައި އޮތް ގޮތުން، ސަރުކާރު ހިންގާ ޕާޓީތަކަކާއި އިދިކޮޅު ޕާޓީތަކެއް އޮންނާނެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނާނީ ސަރުކާރަށް ނުވަތަ އިދިކޮޅު ޕާޓީއަށެވެ. ޚިދުމަތްލިބިގަންނަން އަންނަ ރައްޔިތުންވެސް ތިބޭނީ މިއިން ކޮންމެވެސް އެއް ކޮޅަކަށް ތާއީދުކޮށްގެންނެވެ. މިއީ އެއްވެސް މައްސަލައެއް ކަމަށް ނުބައްލަވައި މިއީ ކައުނީ ޙަގީގަތެއްކަމަށް ޤަބޫލުކުރައްވައިގެން ޚިދުމަތް ދެއްވުމަކީ ރައްޔިތުންގެ ޚާދިމުންގެ ޚިދުމަތް ފުރިހަމަވުމުގެ އަސާސްކަމަށް ޤަބޫލުކުރެއްވުމަކީ ރައްޔިތުންގެ ވެރިކަމެއްގައި އިސްކަންދެއްވަން ޖެހޭނެ ކަމެކެވެ.
ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީއަކީ އެއީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އެއީ ޙަޔާތުގެ ޟަރޫރަތެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، މި އާއްމު ޤާނޫނު ހިނގާނެއެވެ. އޭގެ އިދިކޮޅު ހައްދަވާފައިނުވާ އެއްވެސް އެއްޗެއް، މާތް ﷲ ޚަލްޤުކުރައްވާފައިނުވާކަމަށް ޢިލްމުވެރީން ވިދާޅުއެވެ. އަލިކަމާއި އަނދިރިކަން، ކިޔަމަންވުމާއި އުރެދުން، ހެވާއި ނުބައި، ފުރިހަމަ އާއި އުނި، ނިޔާ އާއި އަނިޔާ އަކީ މި ފަދަ ބައެއް މިސާލުތަކެވެ.
ހުރިހާ އެއްޗެއްގައިވެސް މާތް ﷲ ލައްވާފައި މިވާ ދޭއްވަންތަކަން ނުވަތަ ޑުއަލިޒަމް އަކީ ފަހި އަދި އިދި އެއްޗެހީގެ މެދުގައި ވަޒަންހަމަވެ، އިދިކޮޅު އެކަތިން އަނެކަތި ދުރުކޮށް ދިފާޢުވުމަށް އޮތް ވަރަށް މުހިއްމު ވަސީލަތެކެވެ. މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔެއް(ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްމުމުގެ ނިޒާމެއް ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަމަށް މާތް ﷲ އަންގަވައިފައިވެއެވެ. މިކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ"("އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލު ވަންތަވެރި ރަސްކަލާނގެއެވެ.") (އަލްބަޤަރާ:251)
އާދެ! އެހެންވީމާ، ޒަމާނީ ދީމުޤްރާޠީ ޖުމްހޫރިއްޔަތެއްގައި އިދިކޮޅު ޕާޓީތަކެއް އޮތުމަކީ އެ ޖުމްހޫރިއްޔަތުގެ އެންމެ މުހިއްމު އެއް ޙަޤީޤަތެވެ. ހެޔޮ މަގުގައި ވެރިކަން ބައްޓަންކުރުމުގައި އިދިކޮޅު ޕާޓީތަކެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެހެނީ ސަރުކާރު މަގުން ކައްސައިލިޔަ ނުދީ ހެޔޮ މަގަށް މަގު ދައްކައިދިނުމުގައި ވެރިކަމުގެ ކަންކަމަށް ފާރަވެރިވާނެ ފަރާތްތަކެއް ނުވާނަމަ، މަގު އޮޅިދާނެއެވެ. އެހެންވީމާ ހެޔޮ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކެއް އޮންނަންވާނެއެވެ. އިދިކޮޅު ފަރާތްތަކުގެ މާނައަކީ އިދިކީލިވުމެއްނޫނެވެ. ހެޔޮ މަގަށް މަގުދައްކައި މުންކަރާތްތައް ނަހީކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ (آل عمران:104) އާދެ! އިދިކޮޅު ފަރާތްތަކުން ވެރިކަމަށް ފާޑު ކިޔާންވާނީ އިޚުލާޞްތެރިކަމާއެކު ބިނާކުރަނިވި ނަޒަރަކުންނެވެ. ރަނގަޅު ކަންކަމަށް އެހީތެރިވާ އުޞޫލުން(.) އިޚުލާޞްތެރިކަމާއެކު، ﷲގެ ވަޖުހަފުޅަށްޓަކައެވެ. ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. މި ގޮތުން އިޚުލާޞްތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ބިނާކުރަނިވި ޚިޔާލުތައް ސަރުކާރުން ބަލައިގަންނަންވާނެއެވެ. ޖުމްހޫރިއްޔަތުގެ ފުރިހަމަ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ މަގަކީ މިއީކަމުގައި އަޅުގަނޑު ދެކެމެވެ.
އާދޭހެވެ! ދިވެހި ރައްޔިތުން ޒަމާންވީ ރަސްކަމުގެ ނިޒާމުދޫކޮށް، ޖުމްހޫރީ ނިޒާމެއް ލިބިގަތް މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް، "ތަރައްޤީގެ ހަލުވި" ފިޔަވަޅުތަކެއް އެޅުމާއި ރައްޔިތުން ބާރުވެރި ކުރުވުމެވެ. އެ މީހުންނަށް ފާގަތި، ވިޔަވަތި ޙަޔާތެއް ހޯދައިދިނުމެވެ. ޖުމްހޫރީ ނިޒާމުގެ ފަލްސަފާއަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއީއެވެ.އެ ނިޒާމުން ކަށަވަރުވެގެން އަންނަނީ ޖުމްހޫރީ ވެރިކަމުގެ ބާރާއި އިޚްތިޔާރު ލިބެނީ ރައްޔިތުންނަށްކަމެވެ. ޖުމްހޫރީ ސަރުކާރެއް ހިންގާނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ މަންދޫބުން އެކަށައަޅައިފައިވާ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އެ މުއްދަތަކަށް ކަމެވެ. އެކިއެކި މަސްއޫލިއްޔަތު ޙަވާލުކުރެވިފައި އޮންނަ މުސްތަޤިއްލު ބާރުތަކެއް މި ނިޒާމުގައި އޮންނަނީ ރައްޔިތުންގެ ޙައްޤުތަކާއި މަސްލަޙަތަށްޓަކައިކަމެވެ. ރައްޔިތުންގެ ޙައްގުތައް މި ނިޒާމުގައި ކަށަވަރުކުރެވިފައިވާކަމެވެ. ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގެ ބާރު މި ނިޒާމުގައި ލިބިދޭކަމެވެ. އެކަމަކު މި ނިޒާމު ފުރިހަމައަށް ތަންފީޒުވާނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން ވޯޓު ދޭއިރު ނުވަތަ ކަންކަން ނިންމާއިރު، ވޯޓުގަތުމާއި ވޯޓުވިއްކުމުގެ ނުބައި ޢަމަލާ ދުރުހެލިވެގެންނެވެ. ވޯޓު ވިއްކުމާއި ވޯޓުގަތުމަކީ ވެސް ﷲ ލަޢުނަތް ލައްވައިފައިވާ ރިޝްވަތުގެ ޢަމަލެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. އިޚުލާބްތެރިކަން ކުރިޔަށް ނެރެގެންނެވެ. މަވެތިކަން ދޫކޮށް ޤައުމީވަންތަކަން ހިތުގައި އުފެއްދިގެންނެވެ.
އެއްވެސް ޝައްކެއް ނެތެވެ. ވެރިކަމުގެ ނިޒާމަށް ވިސްނާއިރު މި ދެންނެވި އަސާސްތަކުގެ މަތީގައި ޤާއިމުކުރެވިފައި އޮންނަ ޖުމްހޫރިއްޔަތަކީ ރައްޔިތަކަށް ލިބޭނެ ވަރަށް މަތިވެރި ނިޢުމަތެކެވެ. ނިޢުމަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތް ދެމި އޮވެ ތަރައްޤީވުމުގެ ސަބަބެވެ. އެހެން ނޫންނަމަ އެ ނިޢުމަތް ނެތި ދިޔުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (އިބްރާހީމް:7). ނިޢުމަތަށް ޝުކުރުވެރިވުމަކީ ﷲ ދެއްވާ ނިޢުމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ ތިމާކުރާ ކޮންމެ ކަމަކީ ﷲ އަށްޓަކައި ކުރާ ކަމަކަށް ހެދުމެވެ. އެހެނީ ތިމާކުރާ ކޮންމެ ކަމަކީ ތިމާއާ ސުވާލުކުރެވޭނެ ކަމެއްކަން ގަބޫލުކުކޮށްގެން މަސައްކަތްކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " (سورة الإسراء:36)
ދިވެހި ޖުމްހޫރިއްތަށް މިއަދު ބައި ޤަރުނު ފުރުނު އިރު، ދިވެހިރާއްޖޭގައި މިވަނީ ޒަމާނީ ޑިމޮކްރެސީއެއް ޤާއިމުކުރެވިފައެވެ. ދީމުޤްރާތީ ޖުމުހޫރިއްޔަތެއްގެ ބިންގާއެޅި އޭގެ ރުކުންތައް ފުރިހަމަކުރެވިފައެވެ. އެ ރުކުންތަކުގެ މަތީގައި ޖުމްހޫރިއްޔަތުގެ ކުރިބޯށިތައް ބިނާކުރެވެން ފަށައިފައެވެ. ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ލާމަރުކަޒީ ނިޒާމެއްގެ ބިންގާ އެޅިފައެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތައް ޤާއިމުކުރެވިފައެވެ. އެ ކައުންސިލްތަކުގެ މަސައްކަތްތައް ފެށިފައެވެ. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ އޮނިގަނޑުން ބޭރުގައި ހިނގާ އިދާރާތަކެއް ނޫނެވެ. އެއީ ސަރުކާރުގެ ހިންގުމުގެ ފަށަލައެކެވެ. މިހެން މި ދެންނެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2 ވަނަ މާއްދާގައި، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާތީއެވެ. ޔުނިޓަރީ ދައުލަތުގެ މާނައަކީ އެ ދައުލަތެއް ހިންގުމުގެ ހުރިހާ ބާރަކާއި އިޚުތިޔާރެއް އަދި ކަންކަން ނިންމުމުގައި ފަހުބަސް ބުނުމުގެ އިޚުތިޔާރު މަރުކަޒީ ސަރުކާރަށް އޮތުމެވެ. އެއީ މިފަދަ ސިޔާސީ ނިޒާމަށް ކިޔާ ނަމެކެވެ. އެހެންވީމާ ހަގީގަތުގައި އެންމެ ފުރިހަމަ ލާމަރުކަޒީ އުޞޫލެއް މިފަދަ ނިޒާމެއް އޮންނަ ޤައުމެއްގައި ތަންފީޒެއް ނުކުރެވޭނެއެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. މި ފަދަ ދައުލަތެއްގައި ކައުންސިލްތަކުގެ ޒިންމާއަކަށްވާނީ ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފު ނުވާ ގޮތުގެ މަތީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ. ކައުންސިލުތަކުން ޢަމަލުކުރާންޖެހޭނީ މަރުކަޒީ ޤާނޫނުތަކާއި ޤަވާޢިދުތަކަށެވެ. އެ ދާއިރާއަކަށް ބޭނުންވާ އިތުރު ޤާނޫނެއް ވަކިންނެއް ނެހެދޭނެއެވެ. އެ ދާއިރާއެއްގެ ކަންކަން ތަންޒީމުކޮށް ތަންފީޒު ކުރުމަށްޓަކައި އިތުރު ގަވާއިދުތައް ހެދޭނީ ވެސް މަރުކަޒީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ސިޔާސަތުތަކާ ޚިލާފުނުވާ ގޮތަކަށެވެ. ވީމާ، ކައުންސިލްތައް ވާންޖެހޭނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސަރުކާރާ ގުޅިގެން މަސައްކަތްކުރާ އެ ސަރުކާރުގެ ފަށަލައަކަށެވެ. އެހެންނަމަވެސް ކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީ އެހީތެރިވުމަކީ ވެސް ސަރުކާރުގެ ޒިންމާއަކަށް ވާންޖެހޭނެއެވެ. ރައްޔިތުންނަށް ފާގަތި ވިޔަވަތި ޙަޔާތެއް ހޯދައިދެވޭނީ މި މަގުން މަސައްކަތްކުރެވިގެންނެވެ.
އާދޭހެވެ! ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގޭނީ ފެޑެރަލް ދައުލަތްތަކުގައެވެ. ފެޑެރަލް ދައުލަތްތަކަކީ ގިނަ ގިނަ ސްޓޭޓްތަކަކަށް ނުވަތަ ޕްރޮވިންސަތަކަށް ބެހެވިފައިވާ ބޮޑެތި ފެޑެރޭޝަންތަކެވެ. މި ފަދަ ދައުލަތްތަކުގައި ކޮންމެ ސްޓޭޓެއްގައި ވަކި ލޯކަލް ސަރުކާރަކާއި ވަކި ޕާލިއަމެންޓަކާ އޮވެގެން އެ ސްޓޭޓެއްގެ އެންމެހާ ކަންކަން ހިންގާނީ ފުރިހަމަ މިނިވަންކަމާއެކު އެ މީހުން އަމިއްލައަށެވެ. ފައިސާ ހޯދާނީ އަމިއްލަޔަށެވެ. ތަރައްޤީކުރާނީ އެ މީހުންނަށް ބޭނުންވާ ގޮތަކަށެވެ. ޚާރިޖީ ކަންކަމުގައި ނުވަތަ ޢާއްމު ސަލާމަތީ ކަނަކަމުގައި ނޫނީ މައިސަރުކާރަކުން ނުބެހޭނެއެވެ. މިއީ ވަރަށް ބިޔަ ބޮޑެތި ބިންތަކުގައި ބޮޑެތި އާބާދީތަކުގައި ޤާއިމުކުރެވިފައިވާ ނިޒާމުތަކެކެވެ. ހަގީގަތުގައި ދިވެހިރާއްޖޭގެ ޖުޣުރާފީ ޙާލަތާއި ރަށްތައް އެތުރިފައި ހުރި ގޮތާއި ރަށްރަށުގެ ބޮޑުކުޑަމިނާއި އާބާދީގެ ނިސްބަތަށް ބަލާއިރު ދިވެހި ދައުލަތް މި ފަދަ ފެޑަރޭޝަނެއްގެ ގޮތުގައި ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެވެ. ވީމާ ދިވެހިރާއްޖޭގައި ކޮންމެ ކައުންސިލަކީ ވެސް މަރުކަޒީ ސަރުކާރުގެ ފަށަލައެއްކަމުގައި ބައްލަވައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްދެވެންޖެހޭނެއެވެ. އެހެންނަމަވެސް ކައުންސިލްތަކަށް ލިބޭދޭންޖެހޭ ޤާނޫނީ ބާރުވެރިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ކުރީންވެސް ދަންނަވައިލި ފަދައިން ސަރުކާރުންވެސް ކޮށްދެއްވަންޖެހޭނެ ކަމެކެވެ. މި ޖުމްހޫރިއްޔަތުގެ ހަމަޖެހުމާއި މަޞްލަޙަތު އެންމެ ބޮޑަށް ރައްޔިތުންނަށް ފޯނާނީ މި ގޮތުގެ މަތީން ޢަމަލުކުރެވިގެންކަމަށް އަޅުގަނޑު ދެކެމެވެ.
ޖުމްހޫރިއްޔަތަކުން ދިވެހީންނަށް ލިބުނު ފައިދާއަކީ ކޮބައިތޯ ރައްޔިތުން ވިސްނައިވަޑައިގަތުން ވަރަށް މުހިއްމެވެ. ރައްޔިތުން ވެރީންނަށް ޚިދުމަތްކުރުމުގެ ބަދަލުގައި ވެރީން ރައްޔިތުންނަށް ޚިދުމަތްދެއްވަން ފެއްޓެވީ މި ނިޒާމުގެ ތެރެއިންނެވެ. ތަޢުލީމު ޙާޞިލުކުރުމަކީ ހަމައެކަނި ބޮޑުންގެ ދަރީންނަށް އޮތް ޙައްޤެއް ކަމަށް އޮތް އޮތުން އެކީ އެކައްޗަކަށް ބަދަލުވެ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ޢާއްމުވީ މި ނިޒާމުގެ ތެރެއިންނެވެ. ލިޔަންކިޔަން ދަތުމުގެ ނިސްބަތް 99 އިންސައްތައާ ހަމައަށް ކުރިޔަށް އެރީ މި ނިޒާމުގެ ތެރެއިންނެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ދިވެހީންގެ އަމިއްލަ ވަންތަކަމާއި އިސްތިޤުލާލު ދެމި އޮންނަ ފުރިހަމަ ޖުމްހޫރިއްޔަތެއް މި ޤައުމުގައި އަބަދުވެސް އޮތުމެވެ. މި ވެރިކަމުގެ ސަބަބުން ދިވެހީންގެ ދީނާއި ޤައުމިއްޔަތު އަބަދު ވެސް ޙިމާޔަތްވެފައި އޮތުމެވެ.