މައިގްރެއިން: ގޮތް ނޭނގޭ ވޭނީ ރިހުމެއް

މައިގްރެއިން ތަހައްމަލު ކުރަން ޖެހުމަކީ ހަޔާތުގައި މީހަކަށް ކުރެވޭނެ އެންމެ ހިތި ތަޖުރިބާ އެވެ. މައިގްރެއިންގެ ވޭނަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ދާނޭ ވޭނެއް ނޫނެވެ. މައިގްރެއިންގެ ވަރުގަދަ ހަމަލާއެއް ފުރަތަމަ ތަހައްމަލު ކުރަން ޖެހުނީ މީގެ އަހަރަތަކެއް ކުރީންނެވެ. އާދައިގެ ގޮތަކަށް ބޮލުގައި ރިއްސަން ފެށުމަށް ފަހު ލޮލުގެ ފެނުން ފުސްވެ، ކޮޓަރީގައި ހުންނަ ބޮކީގެ އަލިވެސް ވޭނަކަށް ވިއެވެ. އެއަށްފަހު ހޮޑު ލެވުނެއެވެ. މިއީ ކޮންމެ މަހަކު ތަކުރާރުވާ ބުރެކެވެ.

މައިގްރެއިންގެ ހަމަލާއެއް އައުމުން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. އިރުގެ އައްޔާއި ބޮކީގެ އަލި އަދި އަޑަކީ އުނދަގުލަކަށް ވެއެވެ. މުޅި ގައިގައި ވޭން އަޅައި، ތެދުވެ އުޅެވޭހައި ހިތްވަރެއް ނުހުރެއެވެ. އެހެންކަމުން ވަޒީފާ އަށްވެސް ސަލާމް ބުނަން ޖެހެއެވެ. ނަމަވެސް މިއީ އާދައިގެ ރިހުމެއް ކަމަށް ބަލައި ސަލާމް ބުނުމަކީ ފަރުވާ ކުޑަކުރުން ކަމަށް އޮންނަނީ ވެފައެވެ.

މައިގްރެއިން އެޓޭކަކީ ބޮލުގައި ރިއްސާ ރިއްސުމެއް ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ޕެނެޑޯލް ގުޅައެއް ނުވަތަ ދެ ގުޅައެއް ވަރު ކައިގެން އާދައިގެ ރިހުން ރަނގަޅުވެއެވެ. މައިގްރެއިން އެއަށްވުރެ މާ ވަރުގަދަ އެވެ، ނުލަފައެވެ. މައިގްރެއިންގެ ހަމަލާ އަކީ މީހާ ވަރަށް ބޮޑަށް ވަރުދެރަ ކޮށްލާ ހަމަލާއެކެވެ. މި ބަލީގެ ހަގީގަތް މިހައިތަނަށް ހޯދިފައެއް ނުވެއެވެ. ސިކުނޑީގެ މަސައްކަތް ފާލުން ނެއްޓުމާއި، ހޯމޯނަށް އަންނަ ބަދަލަކީ މައިގްރެއިންގެ ހަމަލާއެއް އައުމަށް މެދުވެރިވާ ދެސަބަބު ކަމަށް ބެލެވެއެވެ. މައިގްރެއިން އަކީ ދެމެހެއްޓެނިވި ފަރުވާ އެއް ހޯދިފައިވާ ބައްޔެއް ނޫނެވެ.

1990ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ 195 ގައުމެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ކޮންމެ އަހަރަކު ސާވޭ ކުރެވުނެވެ. މިސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި މައިގްރެއިން އަކީ މުޅި ދުނިޔޭގައި މީހުން ނުކުޅެދުންތެރިކަމާއެކު ދިރިއުޅޭން މެދުވެރިވާ މައިގަނޑު ދެވަނަ ސަބަބެވެ. މި ސަބަބު ކުރިމަތިވަނީ އިގްތިސާދީ ގޮތުން ބޮޑު އަގަކާ އެކުއެވެ. އިނގިރޭސިވިލާތުގައި އެކަނިވެސް ވަޒީފާއަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ސަލާމް ބުނެއެވެ. ނަމަވެސް ސިއްހަތަށާއި އިގްތިސާދަށް އެންމެ ބޮޑު ބުރައަކަށް މައިގްރެއިން ވާއިރު މި ބައްޔަކީ ފައިސާގެ އެހީ (ފަންޑިން) އެންމެ ދަށްކޮށް ލިބޭ ބައްޔެވެ.

ފިރިހެނުންނަށް ވުރެ ބޮޑަށް މައިގްރެއިން އާއްމީ އަންހެނުންނަށެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ ފަސް އަންހެނެއްގެ ތެރެއިން އަކަކީ މައިގްރެއިން ހުންނަ މީހެކެވެ. ފިރިހެނުންގެ ތެރެއިން މި ބަލި ފެންނަނީ ކޮންމެ 15 ފިރިހެނުންގެ ތެރެއިން 1 ފިރިހެނެއްގެ ކިބައިންނެވެ.

މައިގްރެއިން ޖެހެން މެދުވެރިވާ ސަބަބު ސާފެއް ނޫނެވެ. ނަމަވެސް 2018ވަނަ އަހަރުގެ އޭޕްރީލް މަހު ޔުނިވަރސިޓީ އޮފް އަރިޒޯނާ އިން އަންހެން މީދަލާއި ފިރހެން މީދާ ބޭނުންކޮށްގެން ކުރެވުނު ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުގައި އީސްޓްރޯޖެން ހުންނަ ވަރު މަތިވުމާއި ސޯޑިއަމް ޕްރޮޓޯން އެކްސްޗޭންޖަރ ހުންނަ މިންވަރު ދަށްވުމާއި ގުޅުމެއްވާކަން ވަނީ ފާހަގަކުރެވިފައެވެ. ސޯޑިއަމް ޕްރޮޓޯން އެކްސްޗޭންޖަރގެ މިންވަރު މަދުވާނަމަ ތަދު ބޮޑުވާ ކަމަށްވެއެވެ. އެ ދިރާސާގެ ހޯދުމަށް ބަލާއިރު އަންހެނުންގެ މެދުގައި މައިގްރެއިން އާއްމުވާން މެދުވެރިވާ ސަބަބަކީ ޖިންސީ ހޯމޯން މާބޮޑަށް ފްލަކްޗުއޭޓް ވުމުގެ ސަބަބުން ސޯޑިއަމް ޕްރޮޓޯން އެކްސްޗޭންޖަރ (އެންއައިއެޗްވަން) އަށް ބަދަލު އަންނަނީ ކަމަށް ދިރާސާވެރިޔާ އެމިލީ ގޯލްވޭ ވަނީ ފާހަގަކުރައްވާފައެވެ.

އީސްޓްރޯޖެން އަކީ އަންހެނުންގެ ޖިންސީ މައި ހޯމޯނެވެ. މިއީ އަންހެނުންނައި ފިރިހެނުންގެ ހަށިގަނޑުގައި ވެސް އުފެދޭ ހޯމޯނެކެވެ. ނަމަވެސް އަންހެނުންގެ ހަށިގަނޑުގައި މައި ދައުރެއް އަދާ ކުރާ ހޯމޯނެކެވެ. ސޯޑިއަމް ޕްރޮޓީން އެކްސްޗޭންޖަރ އަކީ ސެލްތަކަށް ސޯޑިއަމް ފޯރުކޮށްދީ ހައިޑްރިޖަން ބޭރުކުރާ ޕްރޮޓީން އެކެވެ.

ދިރާސާ އާއި ފައިސާގެ އެހީ ނުވަތަ ފަންޑިން އަށް ބަލާއިރު އެންމެ މަދުން ތަހުލީލު ކުރެވޭ ބައްޔަކީ މައިގްރެއިން އެވެ. އިނިގރޭސިވިލާތަށް އެކަނި ބަލާއިރުވެސް އިގްތިސާދީ ގޮތުން އެހައި ބޮޑު ދައްޗާއި ކުރިމަތިލާން ޖެހޭއިރު ނިއުރޮލޮޖިކަލް ބަލިތަކުގެ ތެރެއިން ޕަބްލިކް ފަނޑިން އެންމެ މަދުން ލިބެނީ މައިގްރެއިން އަށެވެ. އެމެރިކާ އަށް ބަލާއިރު ގާތްގަނަޑަކަށް 15 އިންސައްތަ މީހުންނަށް މައިގްރެއިންގެ އަސަރު ފޯރައެވެ. ދިރާސާ އެހީގެ ގޮތުގައި 2017ވަނަ އަހަރު މައިގްރެއިން އަށް ލިބިފައިވަނީ 22 މިލިއަން ޑޮލަރެވެ. ނޭވާ ހިއްލުމުގެ ބަލީގެ އަސަރު ގާތްގަނޑަކަށް 30 އިންސައްތަ މީހުންނަށް ކޮށްފައިވާ އިރު މައިގްރެއިން އަށް ލިބުނު އެހީއަށްވުރެ 13 ގުނަ ބޮޑެވެ. ނޭވާ ހިއްލުން ދިރާސާ ކުރުމަށް 286 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މައިގްރެއިން އަށްވުރެ ހަކުރު ބަލީގެ މީހުންގެ އަދަދު ތިންބައިކުޅަ ދެބައި އިތުރެވެ. ނަމަވެސް ފަންޑިންގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މައިގްރެއިން އަށް ލިބުނު އެހީގެ 50 ގުނަ ބޮޑު އަދަދެކެވެ. މައިގްރެއިން އާއި ހަކުރު ބައްޔަކީ ފުރާނައަށް ގެއްލުންވާ ފަދަ ބަލިތައް ކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން ދިރާސާ އާއި އާ ހޯދުންތައް އީޖާދުކުރުމަށް ފައިސާގެ އެހީ ބޭނުންވާނެއެވެ. 

ސިއްހި ދާއިރާގައި ކުރެވޭ ދިރާސާތަކަށް ބަލާއިރު، މައިގްރެއިން އަށް ކުރެވިފައިވާ ހުރި ދިރާސާތައް މަދުވެފައި އެ ދިރާސާތައް  ކުރެވިފައި ހުރީ އެހެން ދިރާސާތަކުގައިވެސް އޮންނަ ޓްރެންޑަށެވެ. މައިގްރެއިން ތަހައްމަލު ކުރަންޖެހެނީ އަންހެނުންނަށް އާއްމު ބައްޔަކަށް ވީ ނަމަވެސް ދިރާސާތައް ކުރެވިފައި ހުރީ ފިރިހެންނަށެވެ.

އަންހެނުންގެ މެދުގައި މައިގްރެއިން އޮތް މިންވަރު އިތުރު އިރު، މިކަމަށް ފަރުވާ ކުޑަ ކުރެވޭ މައިގަނޑު ސަބަބަކީ ފިޒީޝަނުން އަންހެން ޕޭޝަންޓުންގެ ތަދު ބަލައިނުގަތުން ކަމަށް ވެދާނެއެވެ. ހަމައެހެންމެ މައިގްރެއިން އާއި ސިއްހީ ދުޅަހެޔޮ (މެންޓަލް އިލްނެސް) ކަމާއި ގުޅުވުމަކީ ޒަމާނުއްސުރެ ގަބޫލުކުރަމުން އައި މިންތީގެ ތަފާތުކުރުންތައް ރިފެރިވާ ކަމެކެވެ.

މައިގްރެއިން ގެ ރިހުން ނުވަތަ ތަދަކީ ކުއްލިއަކަށް އައިސްގޮސްވާ، ބުރު ތަކުރާރުވާ، ތަދެކެވެ. މިއީ އިންސާނީ ނަސްލަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ގިނަދުވަސްވީ ކަމަށް ރެކޯޑްކުރެވިފައިވާ އެއްބައްޔެވެ. އީސާގެ ފާނުގެ 1200 އަހަރު ކުރީގެ މިސްރުގެ ގަދީމީ ލިޔުންތަކުން އޭގެ ހެކި ފެންނާން އެބަހުއްޓެވެ. ލޮލުގެ ފެނުމަށް އަސަރު ކުރުމާއި ހޮޑުލުން ފަދަ މައިގްރެއިން އަށް އާއްމު ނިޝާންތައް އެލިޔުންތަކުގައި ތަކުގައި ހުރި ކަމަށް ހިޕޯކްރޭޓުން ލިޔުއްވާފައި އެބަހުއްޓެވެ.

ނަމަވެސް ހަގީގީ މައިގްރެއިން ބަލި ހޯދާފައިވަނީ ދެވަނަ ގަރުނުގައި ގްރީކް ޑޮކަޓަރެއް ކަމުގައިވާ އަރެޝަސް ޗަޕެޑޯޝިއާ އެވެ. އޭނާވަނީ ބަލީގެ ނިޝާންތައް މުޠުލަގަށް ލިޔެފައެވެ. އެއްފަޅީގައި ރިއްސުމާއި ޕީރިއަޑް ވުމުން އޭގެ ނިޝާންތައް ފިލައިދާކަމަށް ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. މައިގްރެއިން މި ލަފުޒަކީވެސް ގްރީކް އަސްލުން އައިސްފައިވާ ލަފުޒެކެވެ. މާނައަކީ ބޮލުގެ "ނާށިގަނޑުގެ ފަޅިއެއް" އެވެ.

ތާރީޚަށް ބަލާއިރު މައިގްރެއިން އަކީ ރޫހާނީ ކަމަކުން ދިމާވާ ކަމެއް ކަމުގައި ދެކި އުޅުނެވެ. އަދި ދީފައިވަނީ އެފަދަ ކަންކަމަށް ދޭ ފަރުވާ އެވެ. މިޑްލް އޭޖެ އަށް ބަލާއިރު ސުވާލު އުފެދޭ ފަރުވާ ވެސް ދީފައި އެބަހުއްޓެވެ. ފައްޅިއަށް ގޮސް ގައިން ތަނެއް ކަނޑައިގެން ލޭ އެޅުމާއި ސިހުރު ހާހޫރަ ހަދާފައި ފައްޅީގައި ކަނޑައިނަގާފައި ހުންނަ ތަނަކަށް ސިހުރު ހަދާފައި ލޮނުމެދު ޖެހުން ހިމެނެއެވެ. މައިގްރެއިންގެ ފަރުވާ އެއްގެ ގޮތުގައި ބައެއް ބޭސްވެރީން ބޮލުގެ ނާށިގަނޑު ތޮރުފަން ވެސް ލަފާ ދީފައިވެއެވެ. މިއަށް ކިޔަނީ ޓްރިޕެނޭޝަން އެވެ. މިއީ ވެސް ބަލީގެ މީހުންނަށް ޖިންނި ޝައިތާނުންގެ އަސަރުކޮށްފައިވާ ކަމަށް ބަލައި ހަށިގަނޑުން އޭގެ އަސަރު ފިލުވުމަށް ކުރާ ކަމެކެވެ. އެދުވަސްވަރު ގަބޫލުކުރެވުނު ގޮތުގައި މައިގްރެއިން ހުންނަ މީހުންނަކީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އަދި ނަފްސާނީ ބަލިކަށިކަމެއް ހުންނަ ބުއްދި ގޯސްވެފައިވާ މީހުންނެވެ. އެހެންކަމުން މައިގްރެއިންގެ ސަބަބުން ބުއްދި ފިލައިދާ ކަމަށް ގަބޫލުކުރެވުނެވެ.

މިައގްރެއިން ބަލީގެ ޝިކާރައަކަށް ވާ އަންހެނުން ނިސްބަތުން ގިނަ ކަމަށް ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 19ވަނަ ގަރުނުގެ ޑޮކްޓަރުންނަށެވެ. އެމީހުން ގަބޫލު ކުރީ އެއީ ސިކުނޑިއަށް ދިމާވާ މައްސަލައެއް ކަމަށެވެ. އަދި އެއީ ދުވާލު ހަތަރު ދަމު ބުރަ މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން ހަމަ ނިދި ނުލިބޭ، އަދި ރަނގަޅު ކާނާ ނުލިބޭ، ދަށުފަންތީގެ އަންހެނުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައެވެ. އެމީހުންނަކީ މާއަވަހަށް ޖަޒުބާތުގައި ޖެހޭ ބައެއް ކަމަށް ބުނެ ލޭބަލް ކޮށްފައިވެއެވެ. މައިގްރެއިން އާ މެދު އޭރު އުފެދުނު އިދިކީލި ވިސްނުން މިއަދާއި ހަމައަށް ވެސް ދެމި އެބައޮތެވެ.

ހަމަ އެހެންމެ މައިގްރެއިން އަކީ މުއްސަނދި ދިރިއުޅުމުގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ވެސް ވަރަށް ގިނަ ދުވަސްވާން ދެން މީހުން ގަބޫލުކުރިއެވެ. އެއީ ތޫނުފިލި، މުއްސަނދީންގެ ބައްޔެއްގެ ގޮތުގައެވެ. ޔުނިވަރސިޓީގެ އޮފް ރުޓްގަރސްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ، ޖޮއޭނާ ކެމްޕްނަރ ވިދާޅުވެފައިވާ ގޮތުގައި މައިގްރެއިން އަކީ މުއްސަނދި ދިރިއުޅުމެއް އުޅޭ މީހުންނަށް ޖެހޭ ބައްޔެއް ކަމަށް ގިނަ ޒަމާންތަކެއް ވަންދެން މީހުން ގަބޫލުކުރިއެވެ. ޖޮއޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި އެފަދަ މުއްސަނދި ވެށްޓެއްގައި ބޮޑުވާ ކުދީންގެ ނާރުގެ ނިޒާމު ވަރަށް ނާޒުކެވެ. އަދި އެފަދަ ވެށީގައި ބޮޑުވާ ފިރިހެނުންގެ ކިބައިން މައިންބަފައިން ބޭނުންވީ ފަންނީ ނުވަތަ ސައިންޓިފިކް ދާއިރާ އިން ކުރިއަށް ދާށެވެ. އަދި އަންހެނުންނަކީ ވިސްނުން ކޮށި ގާބިލުކަން ކުޑަ މީހުންނަށް ވުމުން އެފަދަ ނާރުގެ ނިޒާމަކަށް އާއިލާއިން މަތިކުރާ ނުވަތަ ކަނޑައަޅާ ލަނޑުދަނޑިއަށް ވާސިލު ނުވެ އޯވަރލޯޑު ވަނީ އެވެ.

ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ، އެމެރިކާގެ ނިއުރޮލޮޖިސްޓް ހެރޮލްޑް ޖީ. ވޮލްފް ވަނީ މައިގްރެއިން ބަލީގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތެއް ބަޔާންކޮށްފައެވެ. އޭނާ ގަބޫލުކުރާގޮތުގައި ފިރިހެނުންނަށް ކަމެއް ހާސިލުކުރެވެނީ، އަދި ކާމިޔާބު ވަނީ ވަރުބަލިވެ މައިގްރެއިން ހަމަލާއެއް ކުރިމަތިވުމުންނެވެ. ނަމަވެސް އަންހެނުންނަށް މައިގްރެއިންގެ ހަމަލާއެއް ކުރިމަތިވަނީ ފިރިމީހާ އާއެކު އެއްދާން ކުރުން ފަދަ 'ޒިއްމާ' އަދާކުރަން ޖެހުމުންނެވެ. އަންހެނުން ދެކެނީ އެއްދާންކުރުމަކީ ކާވެނީގެ ގުޅުމުގެ ސަބަބުން އަދާކުރަން ޖެހޭ ޒިއްމާ އެކެވެ. އަދި އެއްދާންކުރުމަކީ މައިގްރެއިން ބަލީގެ މީހުން އެހައި ގަޔާވާ ކަމެއް ނޫން ކަމަށް ވޮލްފް ވަނީ ފާހގަކުރައްވާފައެވެ.

އެއަށް ބާރުދީ ކެމްޕްނަރ ވިދާޅުވަނީ 20ވަނަ ގަރުނާ ހަމައަށް އައިއިރު މައިގްރެއިން ވެފައިވަނީ ގެވެށި އަނބި އާއި އެއްމާނަ ދޭހަވާ ލަފުޒަކަށެވެ. އެގޮތުން ބައެއް ރަދީފުތަކުގައި މައިގްރެއިން ލިސްޓުކޮށްފައި ވަނީ 'ބައިވެރިޔާ'؛  'ސްޕައުސް' އާއި އެއް މާނައެއް ދޭހަވާ ލަފުޒެއްގެ ގޮތުގައެވެ.

މައިގްރެއިންގެ ރިހުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުމެއްވާ ކަމާމެދު ޝައްކެއް ނެތެވެ. ތަފާތު ދިރާސާތަކުން މައިގްރެއިން އާއި ސައިކޭޓްރިކް ޑިސްއޯޑަރގެ އެކި ވައްތަރުތަކާއި ގުޅުން އޮންނަ ކަމަށް ފެންނާން އެބައޮތެވެ. 2016ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި މައިގްރެއިން އާއި ބައިޕޯލަރ އާއި ވަރުގަދަ ގުޅުމެއްވެއެވެ. ހަމައެހެންމެ މައިގްރެއިން ހުންނަ މީހުންނަށް ޖެނެރަލައިޒްޑް އެންޒައެޓީ ޑިސްއޯޑަރ (ޖީއޭޑީ) ގެ ބިރު ދެގުނަ ބޮޑެވެ. އަދި ޑިޕްރެޝަން ހުންނަ މީހުންނަށް މައިގްރެއިން ހަމަލާ އައުން ތިންގުނަ އިތުރެވެ. އެހެން ދިރާސާ އަކަށް ބަލާއިރު މައިގްރެއިން ހުންނަ ކޮންމެ 6 މީހެއްގެ ތެރެއިން އެކަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އަމިއްލައަށް މަރުވާން އުޅެފައިވާ މީހުންނެވެ. އާބާދީގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކީ އަމިއްލައަށް މަރުވުމުގެ ފިކުރު ހުންނަ މީހުން ކަމަށް ބުނެވެއެވެ.

ނަމަވެސް ސައިކޭޓްރިކް މައްސަލަތަކަކީ މައިގްރެއިން ޖެހެން މެދުވެރިވާ ސަބަބައް ކަމާމެދު ސުވާލު އެފެދެއެވެ. ނަމަވެސް މައިގްރެއިން ފަދަ ބައްޔެއް ހުންނަ ނަމަ އެބައްޔާއި އެހެން ބަލިބަލި ފުށުއެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މައިގްރެއިން ތަހައްމަލު ކުރާނަމަ ނަފްސާނީ ދުޅަހެޔޮކަން ބަލިކަށިވާނެއެވެ. މައިގްރެއިން ޖެހެނީ ނާރުގެ ނިޒާމު މާބޮޑަށް ނާޒުކު މީހުންނަށް ކަމަށް ވެސް ކުރީން ގަބޫލުކޮށް އުޅުނެވެ.

މައިގްރެއިން އާއި ނަފްސާނީ ދުޅަހެޔޮކަމާއި ހުރި ގުޅުން ހޯއްދެވި ޓޮރޮންޓޯ ޔުނިވަރސިޓީގެ އިންސްޓިޓިއުޓް ފޯރ ލައިފް ކޯޒް އެންޑް އޭޖިންގެ ޑައިރެކްޓަރ އެސްމޭ ފުލަރ ތޮމްސަން ފާހަގަކުރައްވާފައިވާ ގޮތުގައި މައިގްރެއިންގެ ހަމަލާއެއް އަންނާނީ ކޮން އިރަކު ކަމެއް އެ ބަލީގެ މީހުންނަކަށް ނޭނގޭނެއެވެ. އެހެންކަމުން މައިގްރެއިންގެ ހަމަލާ އައުމުން ތަހައްމަލު ކުރަންޖެހޭ ތަދާއި ވޭނުގެ ސަބަބުން ވަޒީފާއާއި އާއިލީ ޒިއްމާ ތަކަށް ބުރޫ އަރާނެތޯ ސިކުނޑިން ފިލައި ނުދެއެވެ. ނަތީޖާއެއްގެ ގޮތުން އެންޒައެޓީ ލެވެލް އާދަޔާ ޚިލާފަށް މަތިވާ ކަމަށް ފުލަރ ތޮމްސަން ވިދާޅުވެފައިވެއެވެ.

މައިގްރެއިން ބަލީގެ މީހުންނަށް ދިމާވާ އަނެއް މައްސަލައަކީ ޑިޕްރެޝަންގެ މައްސަލައެވެ. އެފަދަ މީހުން ޑިޕްރެޝަން އަށް ދަނީ ރިހުމާއި ވޭނަށް ފަރުވާ އެއް ނެތްކަން އެނގި ގޮތް ހުސްވެ ފިކުރު ބޮޑުވުމުންނެވެ.

އާބާދީގެ ނިސްބަތުން ދުނިޔޭގެ ގިނަ މީހުންނަށް މައިގްރެއިންގެ ހަމަލާ އާއި ކުރިމަތިވީ ނަމަވެސް މިއީ ކިހިނެއްވާ ކަމެއް ކަން ނުވަތަ އޭގެ ހާލަތު މިއަދާ ހަމައަށް ހޯދިފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އަދި ދިރާސާ ކުރެވިފައި ހުރީ ވެސް އެހައި މަދުންނެވެ. ނިއުރޮލޮޖީ ދާއިރާގެ ތަޖުރިބާކާރުންނާއި މުޖްތަމައުން ދެކޭ ގޮތުގައި މައިގްރެއިން އަކީ ބޮޑު އަނިޔާ އެއް ލިބޭ ބައްޔެއް ނޫނެވެ. ނުވަތަ ކެންސަރު ބަލި ފަދަ މީހާގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ނޫނެވެ. އެހެންނަމަވެސް މައިގްރެއިންގެ ސަބަބުން ބަލި މީހާއަށް ނުވަތަ ޕަބްލިކަށް ލިބޭ ގެއްލުމަށް ބަލާއިރު މައިގްރެއިން އަކީ ބޮޑު މައްސަލައެކެވެ.

އަރިޒޯނާގެ މާޔޯ ކްލިނިކްގައި މަސައްކަތް ކުރައްވާ ޕްރޮފެސަރަކު ވިދާޅުވާ ގޮތުގައި މައިގްރެއިން އަކީ "ހަގީގީ ނިއުރޮލޮޖީ" ކަމަކަށް ބައެއް ސްޕެޝަލިސްޓުން ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން ދާއިރާ އާއި ގުޅުން ހުރި ދިރާސާތަކަށް ފައިސާގެ އެހީ ބޭނުންވާ ކަން ގަބޫލުކޮށްދިނުމަށް "ހެޑޭކް ސްޕެޝަލިސްޓުން" ވަނީ ނުކުޅެދިފައެވެ.

އަދި ވަކީން ޚާއްޞަކޮށް މައިގްރެއިން ގެ މައްސަލަ އަކީ އަންހެނުންނަށް ދިމާވާ މައްސަލައަކަށް ވުމުން މި މައްސަލައިގައި މިންތީގެ ތަފާތު ކުރުން ގެންގުޅެއެވެ. ބައެއް ސްޕެޝަލިސްޓުން ގަބޫލުކުރާ ގޮތުގައި މިންތީގެ ތަފާތު ކުރުން ގެންގުޅުމުގެ ސަބަބުން މައްސަލައަށް ލިބެންވާ ސަމާލުކަން ނުލިބެއެވެ.

މައިގްރެއިން ބަލީގެ މީހުން އިތުރު ވަމުންދާ މިންވަރަށް ބަލައި މިހާރަށްވުރެ ރަނގަޅަށް ބައްޔާ މެދު ވާހަކަ ދެކެވި ފަންޑުކުރާ ފަރާތްތަކަށް ފަހުމުވާނޭ ގޮތަކަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެލައްވައެވެ. އެމީހުން ދެކޭގޮތުގައި ނިއުރޮލޮޖީގެ މައްސަލަ ހުންނަ ގިނަ ބަލިމީހުންނަށް ދިމާވާ މައްސަލައިގެ އެންމެ އާއްމު ނިޝާނަކީ ބޮލުގައި ރިއްސުމެވެ. ނަމަވެސް މިއީ ނިއުރޮލޮޖީ ދާއިރާގައި އުޅޭ މީހުންނަށް އެންމެ ކުޑަކޮށް އުނގަންނައިދޭ ވާހަކައެވެ. އެހެންކަމުން މިއީ އިލެކްޓްރީޝަނުން ތަމްރީނު ކުރާއިރު އެމީހުންނަށް ބޮކީގެ ވާހަކަ އުނގަންނައި ނުދިނުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މައިގްރެއިން އަށް ފަރުވާ އެއް ހޯދުމަށް ކުރާ މަސައްކަތުގައި މިހާރު އަލިމަގެއް ވަނީ ފެންނާން ފަށައިފައެވެ. އެއީ ކޮންމެ މަހަކު އެއްފަހަރު ޖަހާ އިންޖެކްޝަނެކެވެ. އިރެނުމެބް ކިޔާ މި އިންޖެކްޝަން ޖެހުމުން ސިކުނޑީގައި ހުންނަ މައިގްރެއިން ހަމަލާ އެކްޓިވޭޓް ކުރާ ރިސެޕްޓަރު ބްލޮކް ކޮށްލައެވެ. މިފަދަ އެހެން ޑްރަގެއް ބޭނުން ކުރުމުގެ ހުއްދަވެސް މިއަހަރުގެ މޭމަހު އެމެރިކާއިން ވަނީ ދީފައެވެ. ލޭގެ ޕްރެޝަރު ފަދަ އެހެން ބަލިތަކަށް ބޭނުންކުރާ ބޭހުން ވެސް ބައެއްފަހަރު މައިގްރެއިން އަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭ ކަމަށް ވެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ސީދާ މައިގްރެއިން ބައްޔަށް ފަރުވާ ހޯދުމެވެ. އޭރުން ބޭހުގެ ސަބަބުން ދިމާވާ ސައިޑް އެފެކްޓްސް ނިސްބަތުން ކުޑަކުރެވޭނެއެވެ.

   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Mashah dhimaavi enme undhagoo bali
    .aharennah migraine attack ahnanulheykan ingey. Magey vaa gothakee attack aumuge kurin lolah faadehge avaamendhuru kahala ehchehi thakeh fennanee.. e enme vahtharu vaanee fengandakah iruge ali elhifa fengandu thelhey manzara..miah sparkly eyes ves kiyaa thowcheh.. mi fennan fesheema ma nafsaanee gothun shutdown vaane.. ei dhen vaane gotheh neyngeythee.. ekamaku e ulhenee attack ahnankan ingeyne 100% .ekamaku rissanee kihaa bodu koh kameh kihaa ireh vandhekah kameh neyngeyne.. ehenve meehaa shut down ve gabu vaane.. dhen loluge fenun rangalhu veytho andhiri thaaku madukollanee.. loluge fenun rangalhuvaa hisaabun e nimuneekee noon.. adhi e start vee.. loluge fenun rangalhuvaa minute ga boluga rissun start vaane.. hafthaayaku madhuven dhe faharu mikameh vaane.. mihaaru loa sakarai vaairah beys kanee.. migraine beys.. continue koh nukan beyheh.. nukan. Mee varugadha kameh.. mulhi meehaa gabu kollaa kameh.. ma beys kaan mufashaa iru attack aima hama roala roalaa ohnanee.. dhen noonee kei nuvegen gos injection eh jahanee.. rissaalaa than dhedhuvas vaa i4uves rihun hunnaane..

  2. Aharen ves maigrane hurey..
    Aharen hadhaa gothakee thadhu aran fesheema maa boduvaru nuvanin gadhamun nuvatha angayah ailaagen ves hodu lanee.
    Bandu hama ehkoh hus kollanee.
    Ginafaharu kaamiyaabu vey..
    Dhen boakolhah thiri kollaigen ove nidhaalanee..
    In sha ahllah .. varah avahah thadhu fillaa

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.