(14 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެކަމަކު މުފައްކިރުންގެ މި އުފާވެރިކަން ދެމި އޮތީ ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. ވިހި ވަނަ ގަރުނުގެ ފެށުމާއެކު ސައިންސްގެ އައު ހޯދުންތަކެއް އުފަން ވެއްޖެއެވެ. މި ހޯދުންތަކަކީ މެސެނީ ތައުބީރު ނަފީ ކުރާ ހޯދުންތަކަކަށް ވެގެން ހިނގައްޖެއެވެ. މިސާލަކަށް ރޭޑިއަމް އަކީ ރޭޑިއޯއެކްޓިވް އުންސުރެކެވެ. (ރޭޑިއޭޝަނަކީ ކޮބައިތޯއެވެ؟ ދަގަތްފާނުން ހަދާފައި އޮތް ބޯޅައެއް ވަރަށް ބާރަށް އެނބުރެނީ ކަމަށް ބައްލަވާށެވެ. ބައެއް ފަހަރަށް އެ ބޯޅައިން ދަގަތްފާނުގެ އެތިކޮޅުތައް ބުރައިގެން ގޮސް ފާރުގައި ނުވަތަ އެހެންވެސް ތަނެއްގައި ޖެހެނީއެވެ. ރޭޑިއޭޝަންގެ މިސާލަކީ އެއީއެވެ.) ރޭޑިއަމްގެ އިލެކްޓްރޯންތައް ޚުދު އޭގައި އެކުލެވިފައިވާ ބާރެއްގެ ސަބަބުން އަމިއްލައަށް ވަކިވެގެން ދާގޮތް ވެއެވެ. މި ދެންނެވި ވަކިވުމުގެ ސަބަބަކީ ކޮބައިތޯ ހޯދަން ވަރަށް ގިނަ މަސައްކަތް ވަނީ ކުރެވިފައެވެ. (މާނައަކީ އެއްޗެއް ރޭޑިއޯ އެކްޓިވް އެއްޗަކަށް ވަަނީ ކީއްވެގެންތޯ ހޯދަން ވަރަށް ގިނަ މަސައްކަތް ވަނީ ކޮށްފައެވެ.) އެކަމަކު މި މަސައްކަތަކުން އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ރޭޑިއަމްގެ އެތިކޮޅެއްގައި ހުންނަ އިލެކްޓްރޯނެއް އެޓަމިކް ނިޒާމުން ވަކި ވެގެންދާ ސަބަބަކީ ކޮބައިކަމެއް އަދިވެސް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އެ ސަބަބު އެނގޭ ގޮތެއް ނުވެއެވެ. ދަގަތްފާނު ދަނގަޑަށް ދަމަނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ސަބަބު ބަޔާން ކުރުމަށްޓަކައި އެކި ވާހަކަތައް ވަނީ ދެކެވިފައެވެ. މި ސިއްރު ދެނެގަތުމުގެ މަސައްކަތް ކުރެއްވުމަށް ފަހު ސަރ ޖޭމްސް ޖީންސް ބުނުއްވައިފައި ވަނީ ދަގަތްފާނު ދަގަނޑަށް ދަަމާ ސަބަބެއް ހަމަ އެއްގޮތަކަށްވެސް އެނގިނުލައްވާ ކަމަށެވެ. އޭނާ ބުނުއްވިއެވެ. "ހެއްދެވި ފަރާތުން ދަގަތްފާނަށް އެގޮތަށް ވާން އަމުރު ކުރެއްވީ ކަމުގައި ވެދާނެއެވެ."
މިއީ ހަމައެކަނި ރޭޑިއަމް އާއި ދަގަަތްފާާނުގެ ކަންތައް އޮތް ގޮތެއް ނޫނެވެ. ހޯދުންތަކާއި ދިރާސާތަކުން އެނގުނު ގޮތުގައި މާޒީގައި ބައެއް ކަންތައްތަކުގެ ސަބަބުކަމަށް ގަބޫލު ކުރަމުން އައި ކަންތައްތައް މިހާރު ވެފައި ވަނީ އެ ކަންތައްތަކުގެ މަތިމަތީ މުތާލިއާއެއް ކަމުގައެވެ. ހަގީގަތުގައި އެއްވެސް ކަމެއް ވަނީ ކީއްވެގެން ކަމެއް ސީދާ ބުނާކަށް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ރޭގަނޑު ނިދާން އޮށޯތީމާ ނިދި އަންނަނީ ކީއްވެގެން ކަމެއްވެސް އަދިއެއް އަޅުގަނޑުމެންނަކަށް ހޯދިފައެއް ނެތެވެ.
އޮނަވިހި ވަނަ ގަރުނުގެ ތެރޭގައި ސައިންސްގެ ދުނިޔެ ގަބޫލު ކުރަމުން އައީ ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން ސަބަބުގެ ގާނޫނަކީ މުތުލަގު ހަގީގަތެއް ކަމުގައެވެ. އެކަމަކު އެތައް ތަހުގީގަކާއި ދިރާސާއަކަށް ފަހު މިހާރު މި ވަނީ އެއީ މުތުލަގު ހަގީގަތެއް ނޫން ކަމަށް ސާބިތުވެ، އެކަން ގަބޫލުވެސް ކޮށްފައެވެ. (ވޭތުވެ ދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި މި މަވްޟޫއުގެ މައްޗަށް އެތައް ފޮތެއް ވަނީ ލިޔެ ޝާއިއު ކޮށްފައެވެ.) ސައިންސްގެ ދަތުރުވެރިޔާ އޭނާ ދަތުރު ފެށި ތަނަށް އެނބުރި އައީއެވެ. ދުނިޔޭގެ ނިޒާމު ހިނގަނީ އަސްބާބާއި ނަތީޖާގެ ގާނޫނުގެ ސަބަަބަަކުންނެއް ނޫނެވެ. އެ ނިޒާމު ހިންގަވާ ފަރާތަކުން ފުރިހަމަ ބާރާއި ވަރުގަދަ ސުލޫކަކާާއެކު ނިޒާމު ހިންގަވާތީއެވެ. ސައިންސްްގެ ދަލީލުތައް ފެށި ތަނަށް އެނބުރި އައީއެވެ. އެންމެ ފަހުން ފުރިހަމަ ތެދު ހަގީގަތް ހާމަ ކުރަން ޖެހިފައި މި ވަނީ ދީނަށެވެ. މިއީ ދީނުގެ ސައްހަކަން އެނގިގެންދާ ވަރުގަދަ ދަލީލެކެވެ.
މީގެ ވިހި ބިލިއަން އަހަރު ކުރީން ދުނިޔޭގައި ތަރިއެއް، ހަނދެއް، ގުރަހައެއް ނެތެވެ. މިއީ ގަބޫލު ކުރެވިފައިވާ ވާހަކައެކެވެ. ފަޒާގައި ހުރީ ހަމައެކަނި މާއްދާއެވެ. އެއީވެސް އެކަތިގަނޑޑެއްގެ ގޮތުގައެއް ނޫނެވެ. ކުދިކުދި ޒައްރާތަކެއްގެ ގޮތުގައެވެ. އެ ޒައްރާތަކަކީ އިލެކްޓްރޯންއާއި ޕްރޮޓޯންއެވެ. އެ ދުވަސްވަރު އެ ޒައްރާތައް ނުވަތަ މާއްދާގައި އެއްވެސް ހަރަކާތެއް ނެތެވެ. ހުރި ގޮތަށް ހުރީއެވެ. ހިސާބު އިލްމުވެރިން ހިސާބު ޖެއްސެވުމަށް ފަހު ބުނުއްވައިފައި ވަނީ އެ ޒައްރާތަކަށް ކުޑަވެސް ޚަލަލެއް އަތުވެއްޖެ ނަމަ ޒައްރާތައް އެ ހުރި ގޮތަކަށް ނުހުންނާނެއެވެ. އެ ލޮޅުން މަޑުމަޑުން ބޮޑު ވަމުން ދާނެއެވެ. މި ދެންނެވި އިބްތިދާއީ ލޮޅުން ނުވަތަ ޚަލަލަކީ ހަގީގަތެއް ކަމުގައި ގަބޫލު ކޮށްފި ނަމަ އޭގެ ފަހުން ހިނގާ ހުރިހައި ކަމަކީ ހިސާބު އިލްމުގެ ޒަރީއާއިން ސާބިތު ކުރެވޭނޭ ކަންކަމެވެ. މިއީ ހިސާބު އިލްމުވެރިން ގަބޫލު ކުރައްވާ ގޮތެވެ. މާއްދާގެ މި ދެންނެވުނު ބޮޑު ވިލާގަަނޑަށް ކުޑަކުޑަ ޚަލަލެއް އަތުވެއްޖެއެވެ. އެއީ ފެން ބާލިދީއެއްގެ ތެރެއަށް އަތް ބޭނީމާ އަންނަ ކަހަލަ ކުޑަ ރާޅެއްގެ ސިފައިގައެވެ. އެކަމަކު ކާއިނާތުގެ ބޮޑުމިން އެނގުމެއް ނުވާ ހަމަހިމޭން ފަޒާއަށް މި ޚަލަލެއް ގެނައީ ކޮން ފަރާތަކުން ކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެކަމަކު ލޮޅުމެއް އެރި ކަމަށް ގަބޫލު ކުރެވިއްޖެއެވެ. އަދި އެ ލޮޅުން ދިޔައީ ބޮޑު ވަމުން ކަމަށްވެސް ގަބޫލު ކުރެވިއްޖެއެވެ. ނަތީޖާއަކަށް ވީ މާއްދާ އެކި ތަންތަނަށް އެކި ވަރުވަރަށް ޖަމާ ވަމުން ބޮނޑިވަމުން ދިއުމެވެ. މިހާރު އަޅުގަނޑުމެން ތަރިތަކޭ ނުވަތަ ގުރަހައޭ ނުވަތަ ގިނިހިލައޭ މި ކިޔަނީ އެ ބޮނޑިވަރުތަކަށެވެ.
މިއީ ސައިންސުން ދީފައިވާ، ކާއިނާތުގެ އެއް ޝަރަހައެވެ. އެކަމަކު މިއީ ކިހައިވަރެއްގެ ބަލިކަށި ޝަރަހައެއްތޯއެވެ؟ މިއީ މާ ބޮޑު ބުރަދަނެއް ހުރި ވާހަކައެއް ކަމަކަށް ޚުދު ސައިންސްވެރިންވެސް ގަބޫލެއް ނުކުރެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެމީހުން ވަނީ ކާއިނާތު އުފެދުމުގެ ފުރަތަމަ ސަބަބު ހޯދައިފައެވެ. އެ ސަބަބަކީ އިއްތިފާގެވެ. އެކަމަކު ކާއިނާތަށް ފުރަތަމަ ހަރަކާތެއް ގެނައީ ކޮން ފަރާތަކުން ކަމެއް ނުވަތަ ކޮން އެއްޗަކުން ކަމެއް އެ މީހުންނަކަށް ބުނެއެއް ނުދެވެއެވެ. މި ނަޒަރިއްޔާގެ އެންމެ ބަލިކަށި ކަމަކީ އެއީއެވެ. ވިސްނައިވަޑައިގެން ބައްލަވާށެވެ. އެންމެ ފުރަތަމަ ކާއިނާތުގައި ނުވަތަ ފަޒާގައި ހުރީ އެއްވެސް ހަރަކާތެއް ނެތް މާއްދާއެވެ. އެ ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. އެހެންވީމާ އުފެދޭ ސުވާލަކީ އެފަދަ ހާލަތެއްގައި އޮތް ތަނަކަށް މުޅި ކާއިނާތު ހަރަކާތަށް އަންނަ ކަހަލަ އިއްތިފާގެއް މެދުވެރި ވީ ކިހިނެއް ހެއްޔެވެ؟ އެ އާދަޔާ ޚިލާާފު އިއްތިފާގުގެ ސަބަބު މާއްދާގެ އެތެރެއަކުވެސް އަދި ބޭރަކުވެސް ނެތެވެ. މާނައަކީ މާއްދާއަށް ޚަލަލެއް އަންނާނޭ ކަމެއް ކުރުމުގެ ބާރެއް މާއްދާއަކުވެސް، އަދި މާއްދާގެ ބޭރުގައިވާ އެއްޗަކުވެސް ނެތެވެ. އެހެން ކަމަށް ވާނަމަ އެ ލޮޅުމެއް އެރީ ކިހިނެއް ބާވައެވެ؟ ސައިންސްވެރިންގެ ނަޒަރިއްޔާއަކީ އާދަޔާ ޚިލާފަށް ފުށުއަރާ ނަޒަރިއްޔާއެކެވެ. އެމީހުން ދެކޭ ގޮތުގައި ކޮންމެ ކަމެއް ހިނގަންވެސް މެދުވެރި ވަނީ އެހެން ކަމެކެވެ. މާާނައަކީ ހަރަކާތެއް އަންނާނީ އެހެން ހަރަކާތެެއްގެ ސަބަބުންނެވެ. ފަހުން ހިނގާ ކަމެއް ހިނގާނީ އޭގެ ކުރިން ހިނގާ ކަމެއްގެ މައްޗަށެވެ. އެކަމަކު އެ ބުނާ ކުރިން ހިނގާ ކަމެއް ނުވަތަ އިބްތިދާއީ ހަރަކާތް ހިނގަނީ ކިހިނެއް ކަމެއް އެ މީހުންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އިބްތިދާއީ ލޮޅުމަށް ބަލާއިރު އެ ލޮޅުމުގެ ނުވަތަ ހަރަކާތުގެ ސަބަބެއް ނެތެވެ. ކާއިނާތު އުފެދުނީ އިއްތިފާގަކުން ކަމަށް ބުނާ ބުނުމުގެ މުޅި ނަޒަރިއްޔާ އެމީހުން ގާއިމުކޮށްފައި ވަނީ މި ދެންނެވުނު ފަދަ ހަަމަ ނުޖެހޭ ވާހަކަތަކެއްގެ މައްޗަށެވެ. އަސްބާބާއި ނަތީޖާގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ސަބަބު ސާބިތު ކޮށެއް ނުދެވެއެވެ.
ކާއިނާތު އުފެދުނީ އިއްތިފާގަކުން ކަމަށް ބަލަމާ ހިންގަވާށެވެ. އެހެން ކަމަށް ވާނަމަ، އޭގެ ފަހުން އައި ބަދަލުތައް އައުން ލާޒިމު ކުރަނީ އެ ބަދަލުތައް އައި ގޮތަށް އެކަނި ތޯއެވެ؟ އެ ނޫން އެހެން ގޮތަކަށް ކަންތައްތައް ބަދަލު ވެގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ބާވައެވެ؟ ތަރިތައް އެކަތި އަނެކައްޗާ ޖެހި ފުނޑުފުނޑު ވެގެން ދިއުމުގެ ފުރުސަތެއް ނެތް ބާވައެވެ؟ މާއްދާތަކަށް އެރި ލޮޅުމަކީ ވަކި އުސޫލެއް ހަމައެއް ނެތި އެރި ލޮޅުމެއް ތޯއެވެ؟ ނުވަތަ ވަކި ކަންތައްތަކެއް ތަރުތީބުން ހިނގާނޭ ފަދަ ގޮތަކަށް އެރި ލޮޅުމެއް ތޯއެވެ؟ އެ ލޮޅުން ބޮޑު ވަމުން ގޮސް މިހާރު އަޅުގަނޑުމެން މި ދެކޭ ކާއިނާތު އުފަންވީ ތޯއެވެ؟ އެ ލޮޅުން ބޮޑު ވަމުން ދިޔައީ ކާއިނާތު އުފަންވުމުގެ މަންޒަރާ ދިމާއަށް، ވަކި އުސޫލެއްގެ މަތީން ތޯއެވެ؟ ތަރިތައް އުފެދުމަށް ފަހު ބޮޑުމިން އެނގުމެއް ނުވާ ފަޒާގެ ތެރެއަށް ފެތުރި، ނުލާހިކު ވަރުގަދަ ތަރުތީބު ނިޒާމެއްގެ މަތީން ގަވާއިދުން ހިނގަން މެދުވެރިވީ މަންތިގަކީ ކޮބައި ތޯއެވެ؟ ކާއިނާތުގައި ސޫރުދަ ނިޒާމު އުފެދިގެން އައީ ކިހިނެއް ތޯއެވެ؟ އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔޭގައި ދިރުން އުފެދި، ދިރިއުޅެވޭފަދަ ތަނަކަށް ބަދަލު ވެގެން ދިޔައީ ކޮން މަންތިގެއްގެ މަތީން ތޯއެވެ؟ މި ދުނިޔޭގައި މި ހިނގާ ފަދަ ކަންތައްތައް އެހެން އެއްވެސް ދުނިޔެއެއްގައި ނުވަތަ އެހެން އެއްވެސް ގުރަަހައެއްގައި ހިނގާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އެހެން ކަމަށް ވާނަމަ އެއްވެސް ދިރުމެއް ނެތް މާއްދާއަކުން ދިރުން އުފެދިގެން އައި ގޮތަކީ ކޮބައި ތޯއެވެ؟ މި ދުނިޔޭގައި ދިރުން އުފެދުނު ގޮތާއި އުފެދުނީ ކީއްވެގެންކަން ސާބިތު ކުރާނޭ މައުގޫލު ދަލީލެއް އެބައޮތް ތޯއެވެ؟ އަދި އެ ދިރުން އާދަޔާ ޚިލާފު ފުރިހަމަަ ކަމަކާއެކު މެދުނުކެނޑި ވަކި ހަމަތަކެއްގެ މަތީން ކުރިއަށް ދަނީ ކިހިނެއް ކަމާމެދު ދެއްކޭނޭ މައުގޫލު ދަލީލެއް އެބައޮތް ތޯއެވެ؟
އަދި ހަމަ އެހެންމެ ކާއިނާތުގެ އެންމެ "ބޯޅަ"އެއްގައި ދިރިއުޅުމަށާއި ތަހުޒީބަށް ބޭނުން ވާނޭ ހުރިހައި އެއްޗެއް ވަޒަން ހަމަކޮށް ހައިރާންވާ ފަދަ ފުރިހަމަ ކަމާއެކު އުފެދިފައިވަނީ ކިހިނެއް ތޯއެވެ؟ މިފަދަ ހުރިހައި ކަމެއް، މިހައި ރީތިކޮށް، ފުރިހަމަކޮށް އުފެދި ތަރުތީބުން އެއްތައް މިލިއަން އަހަރެއް ވާންދެން އެއްވެސް އޮޅުމެއް، ހުއްޓުމެއް، ކުނި ޖެހުމެއް ނެތި ހިނގަމުން މި ދަނީ ހަމަ އިއްތިފާގުން ދިމާވީ ކަމަކުން ތޯއެވެ؟ އިއްތިފާގަކުން ދިމާވާ ކަމަކުން މިފަދަ ބޮޑު ނިޒާމެއް އުފެދި ކުށެް ނުޖެހި މިހައި ޒަމާން ވާންދެން ހިނގާނޭ ކަމަށް ހަމަ ގަބޫލު ކުރަންވީތޯއެވެ؟
މި ހުރިހައި ވާހަކައެއް ނުވަތަ ދަލީލެއް ބިނާާ ކޮށްފައި ވަނީ މި ދެންނެވުނު ފަދަ ބަލިކަށި އަސާސެއްގެ މަތީގައި ކަމަށް ވުމާއެކުވެސް ކާއިނާތު އުފެދުމުގެ އަސްލަކީ މިއީ ކަމަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ވަނީ ގަބޫލު ކޮށްފައެވެ. މި ސުވާލުގެ ޖަވާބުން އަނެއްކާވެސް އުފެދެނީ ސުވާލެކެވެ. "މިހައި ފުރިހަމަ ހަމަތަކެއްގެ މަތީން މި މެސެނު ހިންގަނީ ކާކު ހެއްޔެވެ؟" އެމީހުން އެ ބުނާ ޚާލިގު "އިއްތިފާގު" އެއީ ކާއިނާތުގެ ކަލާނގެ ކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އެއީ ކަލާނގެ ކަމަށް ގަބޫލު ކުރާނަމަ ކާއިނާތަށް ދެ ކަލެއްގެ ބޭނުން އެބަޖެހެއެވެ. އެންމެ ފުރަތަމަ ލޮޅުން އެއީ އިއްތިފާގު ކަމަށް ބަލަމާ ހިންގަވާށެވެ. އެކަމަކު އެ ލޮޅުން ނޫން އެހެން ކަމެއް އެއީ އިއްތިފާގު ކަމަކަށް ބެލެވޭކަށް ނެތެވެ. އެހެންވީމާ އޭގެ ފަހުން ހިނގި ކަންތައްތައް "ހަވާލު ކުރާނޭ" ކަލަކު ހޯދަން އެބަ ޖެހެއެވެ.
(ނުނިމޭ)