ވޯޓަކީ އަމާނާތެއް ކަމަށާއި އެ އަދާކުރަންޖެހޭނީ އޭގެ ހައްގުވެރި ފަރާތަށް ކަމަށް އައްޝައިޚް އަބްދުލް އަޒީޒު ހުސައިން (އަޒީބެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "ދީނީ އިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަޒީ ވިދާޅުވީ ބައެއް މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓުނުލާނަމޭ ވެސް ކިޔަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ އެމީހާގެ މައްޗަށްއޮތް އަމާނާތަކަށްވާތީ އެއަމާނާތް އަދާކުރުމަށް އެންމެން ނުކުންނަންޖެހޭ ކަމަށެވެ.
އަޒީ ވިދާޅުވީ މިހާރުވެސް ބައެއް މީހުން ވޯޓުދޭނެ މީހާ ނޭނގިގެން އޭނާއަށް ގުޅަމުންދާ ކަމަށެވެ. "އަޒީބެއަށް މީހުން ފޯނުކުރަމުން އެބަދޭ ހަދާނެގޮތް ނޭނގިގެން. މިއަދު އެމީހުންގެ ސުވާލަކީ އަޒީބެއޭ ދެމީހުންވެސް ނުބައޭ. ދެންކާކަށްހޭ ވޯޓުދޭނީ ނުދާނަމޭ ވޯޓުލާކަށް. އަޅުގަނޑު ބުނިން އެހެންނަހަދާށޭ. ވޯޓުދިނުމަކީ ކަލޭކުރަންޖެހޭ ކަމެކޭ. އަމާނާތެކޭ ބޮލުގައި އެޅިފައިއޮތް. އެ އަމާނާތް ރައްދުކުރަންޖެހޭނެ. އެއަމާނާތް ރައްދުކުރަންޖެހޭނީ އެންމެ ހައްގުފަރާތަށޭ. އެހެންނޫނީ ސުވާލުކުރެވޭނެޔޭ ކަލެއާ. ހަނދާން ކުރައްޗޭ،" އަޒީބޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޯޓުލުމަކީ އަޅުގަނޑުމެން ވަރަށް އާދައިގެން ކަމެއްކަމަށް ހަދާލައިފައި ތިމަންނަމެންނަށް ކޮންމެ ގޮތެއްވެސް އޯކޭ އޭ ބުނާމީހުން އެބައުޅޭ ކަމަށް އަޒީބެ ވިދާޅުވިއެވެ. އެހެންވީމާ އެއްވެސް ބައެއްގެ ނުފޫޒެއްނެތި އަމިއްލައަށް ވިސްނުމަށްފަހު ވޯޓު ދެއްވުމަށް އަޒީބެ ބާރު އެޅުއްވިއެވެ.
އަޒީބެ ވިދާޅުވީ އިސްލާމްދީނާ އެންމެ ބޮޑު ދުޝްމަން ބަޔަކީ ޔަހޫދީންނާއި ނަސާރާއިން ކަމަށެވެ. "އެމީހުން މުސްލިމުންނަށް ހެވެއްނޭދޭނެ އެމީހުންގެ ގޮތް ގަބޫލު ނުކުރާހާ ހިނދަކު. ނަބިއްޔާގެ ޒަމާނުން ފެށިގެން އިސްލާމްދީން ހަލާކުރުކޮށްލުމުގެ މަސައްކަތް އެމީހުން ފަށައިފި. އެމީހުންނަށްވުރެ އަމިއްލަ އެދުން ބޮޑުބަޔަކު ނުތިބޭނެ،" އަޒީބެ ވިދާޅުވިއެވެ. މިހުރިހާ ކަމަށް ވިސްނުމަށްފަހު އަންނަ އާދީއްތަދުވަހު ވޯޓު ދެއްވުމަށް އަޒީބެ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.