މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު މިއޮތީ ދިވެހިރާއްޖޭގައި: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރި ކޯޑް އެފްގެ ރަންވޭ ހުޅުވުމާއެކު، މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މިހާރު އޮތީ ދިވެހިރާއްޖޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު އާ ރަންވޭ ހުޅުއްވައިދެއްވުމަށްޓަކައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފެންވަރުގެ ރަންވޭއެއް ތަރައްޤީކުރެވިގެންދިއުމަކީ ރާއްޖެއަށް ލިބުނު ކުޑަ ޝަރަފެއްނޫންކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މިއަދު ސިފަވެގެންދަނީ ދެއީދު އެއްވެގެން ދިވެހިންނަށް އައި ދުވަހެއްގެ ގޮތުގައި ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާ ރަންވޭއަށް ފުރަތަމަ ޖެއްސި އޭ 380 މަރުކާގެ މަތިންދާބޯޓުގެ ޕައިލެޓްކަން ކުރެއްވި ދިވެހި ޒުވާނާ އަހްސަން ދައްކައިދިނީ، ދުނިޔޭގެ އެންމެ ބޮޑު ފްލައިޓަށް ކޮމާންޑް ކުރުމަކީ ވެސް ދިވެހި ޒުވާނުންނަށް ކުރެވިދާނެ ކަމެއްކަމުގައެވެ. އަދި އެމަނިކުފާނު ވަނީ އެކަމަށްޓަކައި ފަޚުރުވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރައްވައި އޭ 380 މަރުކާގެ ބޯޓު މިއަދު ދުއްވި ދިވެހި ޕައިލެޓަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ޒުވާނުންގެ ތަރުބިއްޔަތާ ކުރިއެރުމަށް އިސްކަންދެއްވާނެކަމަށެވެ.

އެއާޕޯޓު ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮތީ އެއާޕޯޓުގެ މައްޗަށް ކަމުގައެވެ. އަދި މިއަދު އާ ރަންވޭ ހުޅުވުމުން ދޭހަވެގެންދަނީ ދިވެހިރާއްޖެ ކުރިއަރަމުން އަންނަ މިންވަރު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އިޤްތިސާދީގޮތުން ރާއްޖެ ފުދުންތެރި ވެއްޖެނަމަ ރާއްޖެ އަޅުވެތި ކުރާނެބަޔަކު ނާންނާނެކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަކީ އެހެން ބަޔަކަށް ބަރޯސާ ނުވާވަރުގެ ފުދުންތެރިބަޔަކު ދިރިއުޅޭ ތަނަކަށް ރާއްޖެ ހެއްދެވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ  ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ އަބަދުވެސް ދިވެހިން މިކުރާ މަސައްކަތުގައި ކުރިބޯއްޓާހަމައަށް ވާސިލުވުންކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުރާކުގެ ވަޒީރުންނާއި ރައްޔިތުން  މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.