އަޅުގަނޑުމެން އުފައްދާނީ ރައްޔިތުންގެ ސަރުކާރެއް: އިބޫ

ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ސަރުކާރަކީ ވަކި މީހެއްގެ ސަރުކާރެއް، ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫންކަމަށާއި އެސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފ. ބިލެއްދޫ ގައި މިހާރު ކުރިއަށްދާ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މި އެކުލަވާލާ ސަރުކާރަކީ އެންމެ މީހެއްގެ ސަރުކާރެއްނޫން. އެންމެ ޕާޓީއެއްގެ ސަރުކާރެއްވެސް ނޫން. މިއީ ރައްޔިތުންގެ ސަރުކާރަކަށް ވެގެންދާނީ. ރައްޔިތުންގެ ބައިވެރިވުން ބޮޑު ސަރުކާރަކަށް ވެގެންދާނީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެސަރުކާރުގައި ޒުވާނުންގެ ކައުންސިލެއް އުފައްދައި ޒުވާނުން ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހެޅޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ޒުވާނުންގެ ބަސް ވިއްކުމަށްޓަކައި ޒުވާނުންގެ ކައުންސިލެއްވެސް އުފެދިގެންދާނެ. މިނިވަންކަމާއެކުގައި ބަހުސްކޮށް އެބޭފުޅުންގެ އަޑު   އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތް ސަރުކާރަށް ހުށަހެޅުމުގެ އިޚްތިޔާރު އެކައުންސިލަށް ލިބިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އޭގެ އިތުރަށް ސަރުކާރުން ކުރާކަންކަމާއި މަޖިލީހުން ފާސްކުރާ ކަންތައްތަކަށް ބަސްބުނުގެ ފުރުސަތު ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން ނިންމާ ނިންމުތަކާމެދު ރައްޔިތުންގެ ކަންބޮޑުވުމެއް އޮވެއްޖެއްޔާ ޕެޓިޝަންގެ ގޮތުގައި ހުށަހެޅީމައި ސަރުކާރުގެ އިސްކޮށް ތިއްބަވާ ބޭފުޅުން ކެބިނެޓަށް ގެންގޮސް އެއަށް ޖަވާބުދާރީ ކުރުވައި އެއަށް ގޮތް ހޯދަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް އެއީ ރައްޔިތުން ބަލައިނުގަންނަ އޭގައި "ކަންބޮޑުވުންތަކެއް ހުރިކަމަށް ވަންޏާ ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެއަށް ވޯޓަށްއަހައި ގޮތެއް ނިންމާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ބަސްބުނެވޭ ގޮތް ނިންމޭ ސަރުކާރަކަށް ކަމަށް އިބޫ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.