މީދުއާއި ހިތަދުއާ ދެމެދު ބްރިޖު އަޅައިދޭނަން: ރައީސް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފިނަމަ އައްޑޫސިޓީގެ ހިތަދުއާއި މީދުއާ ދެމެދު ބްރިޖެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމީދޫގައި ސަރުކާރުން ހިންގެވި ތަރައްގީގެ ބައެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީދުއާއި ގަމާދޭތެރޭ ބްރިޖެއް އަޅައި ދެއްވުމަށް ކުޑަކުއްޖެއްގެ ފަރާތުން ކުރެހުމެއްގެ ސިފައިގައި އެމަނިކުފާނަށް މިއަދު ހުށަހެޅުނު ކަމަށެވެ. އެހެންނަމަވެސް ގަމާއި މީދުއާ ދެމެދު ބްރިޖެއް އެޅުމުގެ ބަދަލުގައި އެމަނިކުފާނަށް ފަސޭހަފުޅުވާނީ ހިތަދުއާއި މީދުއާ ދެމެދު ބްރިޖެއް އަޅުއްވަން ކަމަށް ވިދާޅުވިއެވެ.

"މިއަދުވެސް ކުއްޖަކު ކުރަހާލައިފައި (އަމަނިކުފާނާ ސަލާމް ކުރެއްވި މީހުންގެ ސަފުގައި ހުރި ކުއްޖަކު) ސަފުންދިނީ ގަމާއި ހުޅުމީދޫއާ ދޭތެރޭ ބްރިޖެއް އަޅާލަދޭށޭ. އެކަމަކު ދަންނަވަންތޯ ވާހަކައެއް، ގަމާއި ހުޅުދުއާ ދޭތެރޭގައި ބްރިޖުގެ ވާހަކަ އަޅުގަނޑުމެން މިހާ ލައިޓްކޮށް ނެގިޔަސް އަޅުގަނޑު މިދަންނަވަނީ ރަނގަޅު ވާހަކައެއް. މީދުއާއި ހިތަދުއާ ދޭތެރޭ އަޅުގަނޑު ބްރިޖު އަޅާނަން. އެކަން ފަސޭހަ. އެކަންކުރަން އަޅުގަނޑަށް ފަސޭހަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާލެއާއި ހުޅުމާލެއާ ގުޅިފައިއޮތް ގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގައި މީދުއާއި ހިތަދުއާ ދޭތެރޭ ބްރިޖު އެޅީމައި އެއްބަރަކަށް ގުޅިގެން ދިޔައީ،" ރައީސް ވިދާޅުވިއެވެ.

މިއަދު ކުޑަކުއްޖެއްގެ ތަސައްވުރު ކުރަހާފައި އެމަނިކުފާނަށް ދެއްކި ކުއްޖާގެ މައިންބަފައިންވެސް އެކުއްޖާއަށް ވިސްނައިދޭންވީ އެކުއްޖާގެ އުންމީދުތައް ވެސް ފުރިހަމަކޮށްދެއްވާނީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ހަމައެކަނި ބްރިޖު އޮންނަތަން ތަފާތީ. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ އެކަން ފުދިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.