(30 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެންމެ ރަނގަޅު ދަރިފުޅާ-" ނަޖްމާ އެއްޗެކޭ ބުނުމުގެ ކުރިން ޔޫސުފް މަލިކު ހުރަސް އެޅިއެވެ. "އެނބުރި އަންނައިރު އޭނާ ގޮވައިގެން އައިސް މަންމައަށް ދައްކާ-"
ފަރުޒާނާ ހިނދުކޮޅަކު ވިސްނައިލާފައި ބުންޏެވެ. "ލައްބަ - މާލަސް ނުވަންޏާ ގެންނާނަން - ބައްޕަ އަޅުގަނޑަށް ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރަން-"
* * *
އެ ދެ މީހުން ކައި ނިމިގެން އައިސް ކާރަށް އަރައިފިއެވެ. "ފަރުޒާޏާ- އަހަންނާ ބައްދަލު ކުރަން އައީ ކީއްވެގެން-؟" ނަޞީރު ކާރު އިސްޓާޓު ކުރަމުން އަހައިލިއެވެ.
"ދަޢުވަތު ދިނީ ކީއްކުރަން-؟" ފަރުޒާނާ ވެސް ކުރީ ސުވާލެކެވެ.
"ވަކި ކަމެއް ފަރުޒާނާއަށް އެނގެއެއްނު-؟"
ފަރުޒާނާ މަޑުމަޑުން ހީނލިއެވެ. "މަސައްކަތު ވަރުބަލި ފިލުވާލާށާ، ފޫހި ފިލުވަން ކްލަބަށް އަންނަން އަންހެން ކުދިންނަށް ދަޢުވަތު ދެނީ- ދޯ-؟"
"މަސައްކަތާ ހެދި ފޫހިވެގެން ނޫނީ ވަރުބަލިވެގެން އަހަރެން ދުވަހަކުވެސް ނޫޅެން-"
ފަރުޒާނާ އިރުކޮޅަކު ވިސްނައިލާފައި ބުންޏެވެ. "ތިޔައީ ރަނގަޅު ގޮތެއް- އަހަރެންގެ ބައްޕަ ނަޞީރަށް ވަރަށް ތަޢުރީފު ކުރި-"
"އަހަންނާ އެކީގައި ބޭރަށް ކާން ދާ ވާހަކަ ބުނީމާ އެ ޚީޔާލު ބަދަލެއް ނުކުރޭތަ-؟"
"ނަޞީރާ އެކީ ދާ ވާހަކަ އަހަންނެއް ނުބުނަން-"
ނަޞީރު ހީނގެންފައި ބުންޏެވެ. "އާނ- އަހަރެން ހަނދާން ނެތުނީ- ކިހިނެއް ބުނާނީވެސް-؟"
"އަހަރެން ކުރާ ހުރިހާ ކަމެއް ކުރަނީ މައިންބަފައިންނަށް އަންގައިގެންނެއް ނޫން-"
"އެންމެ ރަނގަޅު- ދެން އަހަރެންގެ ވާހަކަ ދެއްކިއްޖެއްޔާ ބުނާތި އަހަންނަކީ ޚާންދާނީ ހުނަރުވެރިއެކޭ- އަހަރެންގެ ބައްޕައަކީ ކިތަންމެ ފަޤީރަސް ފެންވަރު ރަނގަޅު މިޔުޒިކް ކުޅުންތެރިއެއް-" ނަޞީރު ކިޔައިދިނެވެ. އިރުކޮޅަކު ހިމޭނުން ކާރު ދުއްވުމަށްފަހު ބުންޏެވެ. "ފަރުޒާނާ އަހަރެންގެ ދަޢުވަތު ޤަބޫލުކުރީ ތަޖުރިބާ ކުރުމުގެ ގޮތުންކަން އަހަންނަށް އެނގޭ- އަހަރެމެން ފެންވަރުގެ މީހަކާ މިހާ ކައިރިކޮށް ދުވަހަކުވެސް ފަރުޒާނާއަށް ނޫޅެވޭކަން ކަށަވަރު- އެހެންވީމާ މިކަންތައް ވާނީ މުޅިން އާ ތަޖުރިބާއަކަށް-"
ނަޞީރު ކާރުގެ މިޞްރާބު ޖަހާފައި ހުރީ ގެޔާ ދިމާއަށް ނޫންކަން ފަރުޒާނާއަށް އެނގިއްޖެއެވެ. "ތިޔަދަނީ ނުބައި ދިމާއަކަށް ނު-؟"
"މިދަނީ ރަނގަޅު ދިމާއަށް- ދެން އޮތީ ކޮފީ ބުއިން-"
ނަޞީރުގެ ކާރު ގޮސް މަޑުކޮށްލީ ކޮފީ ޝޮޕެއްގެ ކުރިމައްޗަށެވެ. ފަރުޒާނާ ގޮވައިގެން އޭނާ އެރީ މަތީބުރިއަށެވެ. މަތީބުރީގައި ހުންނަނީ ވަކި ގޮޅިގޮޅި ހަދައިފައެވެ. އެތަނުން ގޮޅިއަކަށް ވަދެ ދެމީހުން އިށީނދެއްޖެއެވެ.
ކޮފީ ކޯވަރެއް ބޮއިލުމަށްފަހު ނަޞީރު ބުނެލިއެވެ. "ފަރުޒާނާއަކީ އަޖާއިބެއް ކަހަލަ ކުއްޖެއް-"
"ޝަބާނާ ޖައްބާރުހެންތަ-؟" މިހެން ބުނެވި ނިމުމާއެކު މި ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ފަރުޒާނާގެ ހިތަށް އެރިއެވެ. މިގޮތަށް އެހެން މީހުންގެ ވާހަކަ ދެއްކުމަކީ ރީތި ގޮތެއް ނޫނެވެ.
"ތިޔައީ ނަވީން ދައްކާނެ ވާހަކައެއްކަން ޔަޤީން- ޝަބާނާއާ އަހަންނަކާ އެއްވެސް ގުޅުމެއް ނޯވޭ- ފަރުޒާނާގެ އިޤްބާލާ ގުޅުމެއް އޮވެދާނެ-"
އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. ފަރުޒާނާ އިސްޖަހައިގެން އިނދެ ކޮފީ ބޮމުން ދިޔައެވެ.
"އެހެން މީހުންގެ ވާހަކަ ބާއްވާ- ފަރުޒާނާ-" ނަޞީރު ކުއްލިއަކަށް ބުނެލިއެވެ. "އަމިއްލަ ވާހަކަ ދައްކާ- އިގްބާލާ ދެމީހުންގެ ވާހަކަ ދައްކާ-" އޭނާ ފަރުޒާނާގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. "މިހާރުވެސް އޭނާޔާ ބައްދަލު ކުރަންތަ-؟"
"އާނ-" ފަރުޒާނާ ފިނި ރާގަކަށް ބުނެލިއެވެ.
"މާދަމާވެސް ބައްދަލު ކުރާނަންތަ-؟" ނަޞީރު އަހައިލިއެވެ.
"މާދަމާވެސް... އަނެއް ދުވަހުވެސް... އޭގެ އަނެއް ދުވަހުވެސް..."
ނަޞީރު އިރުކޮޅަކަށް ވިސްނައިލިއެވެ. ދެން ފަރުޒާނާގެ އަތް ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. "މި އަންނަ ހޮނިހިރު ވިލޭރޭވެސް އަހަންނާއެކީ ބޭރަށް ދާނަންތަ-؟"
ފަރުޒާނާ މަޑުމަޑުން، ފަރުވާތެރިކަމާއެކު އަތް ދަމައިގަތެވެ. މީހެއްގެ ބީހުމުގެ ސަބަބުން ހަށިގަނޑަށް ޒަލްޒަލާއެއް އައިހެން ހީވީ ފުރަތަމަ ފަހަރަކީ މިއީއެވެ. "ދިޔައިއްޔާ ވާނީ އަހަންނަށް އެޅޭ ނުބައި ފިޔަވަޅަކަށް-"
"އާނ- ވާނީ ނުބައި ފިޔަވަޅަކަށް- އެކަމަކު ވަރަށް ހިތްގައިމު ނުބައި ފިޔަވަޅަކަށް-" ނަޞީރު އޭނާގެ ދަތްދޮޅީގައި އިނގިލި ޖައްސައި އިސް އުފުލުވައިލިއެވެ. އަދި ސީދާ އޭނާގެ ލޮލަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަނެއްކާވެސް ފަރުޒާނާގެ އަތް ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. ފަރުޒާނާގެ އަނގައިން މަޑުމަޑު އާހެއް ބޭރުވީ އަޑު އޭނާއަށް އިވުނެވެ. އެއީ ނޭނގޭ އެތައް ޖަޒުބާތެއްގެ ގޮވުމުގެ އަޑެވެ. ނަޞީރު ހިނިތުން ވެލިއެވެ. އަތްދިއްކޮށް ލުމާއެކު ހަމަޖެހުނީއެވެ. ބޭނުންވަނީ ހިތްވަރެވެ. އަތް ދިއްކުރަން ކެރުމެވެ. "އެންމެ ރަނގަޅު- ފަރުޒާނާ- ބާކީ މިއަންނަ ހޮނިހިރުވިލޭރޭ..." އޭނާ މަޑުމަޑުން ބުނެލިއެވެ.
* * *
ނަވީން އިނީ ބިންމަތީގައި އިށީނދެގެން ރޫފީގެ އުނގުގައި ބޯ އަޅައިގެންނެވެ. ލޮލުގައިވަނީ ކަރުނައެވެ. ރޫފީ އޭނާ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. "ދެން ނިދާ-"
"އަދި ނިދާ ގަޑިއެއް ނުޖެހޭ-"
"ހެނދުނު ނުވައެއް ޖަހާއިރު ފިހާރަވެސް ހުޅުވަން ޖެހޭނެ- ނިދަން ދޭ-"
"އެކަނިތަ-؟"
"އާނ- އަހަރެން ދާނީ ގެއަށް-"
ނަވީން ލޯތްބާއެކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "އަހަރެން މިހުންނަނީ ކަލޭގެ އިޝާރާތަކަށް ތައްޔާރަށް-"
"ތިޔަ ބުނާ އިޝާރާތަކީ އަހަރެން ދަންނަ އިޝާރާތެއް ނޫން-"
"އަހަރެން ދަސްކޮށް ދީފާނަން-"
ރޫފީ ކޮޅަށް ތެދުވެ ނަވީންއާ ދިމާއަށް ބަލައިލިއެވެ.
"މޮޔަވީތަ-؟"
ރޫފީ ހިނިތުން ވެލިއެވެ. "މޮޔައެއް ނުވޭ- މީހުން ބުނާ ގޮތުގައި އަހަންނަކީ ވަރަށް ރަނގަޅު މީހެއް-"
"އަހަރެން ބުނާނީ ކަލެއަކީ މުޢުޖިޒާތެކޭ-"
ރޫފީ އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ. "ކަލޭ ތިޔަ ދަޢުވަތު ނަޞީރަށް ދިން ނަމަ ކުޅިވަރު ފެނުނީސް-"
"އޭނާ..." ނަވީން ޙައިރާން ވިއެވެ. "އެއީ މޮޔައެއް- ރީތި އެކަމަކު މޮޔައެއް- އޭނާގެ ހުންނަނީ ހަށިގަނޑެއް- ސިކުނޑީގެ ބޭނުން ކުރާކަށް އޭނައެއް ނުދަނޭ-"
ރޫފީ ހީނގަތެވެ. "ކަލޭ އޭނަޔާ ނުރުހޭކަން ވަރަށް ދެރަ- އެއީ އަހަރެންގެ މަރަށް ގާތް ރައްޓެއްސެއް-"
ނަވީން ފަރުވާ ކުޑަ ގޮތަކަށް ކޮނޑު ހިއްލައިލިއެވެ. "އަހަރެން އޭނަޔާ ނުރުހެއޭ ބުނީ ކާކު-؟ އަހަރެން އޭނާޔާ ދޭތެރޭ ވިސްނަނީ ވަރަށް މަދުން-"
"ތިޔަ ފާޅުކުރީ މާނައިން ފުރިފައިވާ ޖަޒުބާތެއް-" ރޫފީ ހިނިތުން ވެލިއެވެ.
* * *
(ނުނިމޭ)