މަށަކީ ހެލްތުވޯކަރެއް ސިއްހީ ދާއިރާގައި މަގޭ ހިއްސާ ވަރަށް ބޮޑު: ހެލްތުވޯކަރުން

ހުޅުމާލޭގެ ކެފޭއެއްގެ ތެރޭގައި ތިބިގެން ބަޔަކު ދެއްކި ވާހަކައެކެވެ. އެމްބީބީއެސް ޑޮކްޓަރުންނަށްވުރެ ހެލްތުވޯކަރުންގެ ކުޅަދާނަ ކަމުގެ ވާހަކައެވެ.

ރާއްޖޭގެ ސިއްހީދާއިރާ ވަރަށް ނިކަމެތިކޮށް އޮތް ދުވަސްވަރުވެސް ހެލްތުވޯކަރުން ކުރެއްވި ބުރަމަސައްކަތާއި ކާމިޔާބީގެ ވާހަކައެވެ. ހެލްތުވޯކަރުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ސަބަބުން ހެލްތުވޯކަރުން ސިފަކޮށްފައިވަނީ އާންމު ސިއްހަތު ކުރިއެރުވުމުގައި މަސައްކަތްކުރަމުން އަންނަ ބަތަލުންގެ ގޮތުގައެވެ.

ހެލްތުވޯކަރަކު މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގައި ހަރަކާތްތެރިވަނީ

ރާއްޖެއިން މެލޭރިއާ،ފައިލޭރިއާ، ހިމަބިހި، ކޮލެރާ،ޕޯލިއޯ ފަދަ ބަލިތައް ނައްތާލާ ދުނިޔޭގައި އެންމެ ނަންހިގާފަދަ ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާއިރު މިކަމަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ހެލްތުވޯކަރުން ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެކަކު ބުންޏެވެ.

މި މުޖުތަމައަށް ނޭނގުނަސް ހެލްތުވޯކަރުންގެ ހިތުގައި ވޭނީ ވިންދެއް އެބަޖަހައެވެ. އެމީހުން ކިތަންމެ މޮޅަސް އެ ވިންދުގައި އެހުރި ވޭންކަނޑުވައި ދެވޭނެ ވެކްސިނެއް އެމީހުގެ އަތަކުނެތެވެ. އެއީ ސިއްހަތާ ގުޅުމެއްނެތް ވިންދަކަށްވާތީއެވެ.

ފާއިތުވެ ދިޔަ 10ވަރަކަށް އަހަރުތެރޭ ޓީޗަރުންނާއި ނަރުހުންގެ މުސާރަވަނީ ބޮޑުކޮށްފައި ކަމަށް އެ ވިންދު ބުނެދެއެވެ. މިފަހަރުވެސް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ފަދަ ފަރާތްތަކުންދަނީ އިހްތިޖާޖް ކުރަމުން ކަމަށް ވެއެވެ. ނަމަވެސް 2007 އިން ފެށިގެން މުސާރައިގެ އެއްވެސް ކުރިއެރުމެއް ހެލްތުވޯކަރުންނަށް ލިބިފައެއް ނުވެއެވެ. އެމީހުން ބުނަނީ އެހެންވިޔަސް އިހުތިޖާޖެއް ނުކުރާނެކަމެވެ. ނަމަވެސް އެމީހުންނަކީ ވެސް މުޖުތަމައަށް މުހިންމު ޚިދުމަތެއް ކޮށްދިނުމުގައި ދެމިތިބި ބައެއް ކަމަށް ހަނދާން ކޮށްދޭނެ ކަމަށް އެމީހުން ބުނެއެވެ.

"މީހުންނަށް ފެންނަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔައީމަ ޑޮކްޓަރުގެ މޮޅުކަން. އަހަރުގެ ހުރިހާ ދުވަހެއްގަ ބަލިތަކަށް ފާރަލައި ބައްޔެއް އުޅޭނަމަ މުޖުތަމައު ރައްކާތެރިކޮށް ނުވިތާކަށް ސައުވީސް ގަޑިއިރު ސިއްހަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ މީހުން ފެންނަންޖެހޭ ފަރާތްތަކަށް ނުފެނޭ. ހަމައެކަނި ނުރައްކާތެރި ރޯގާއެއް ފެތުރޭ ހިނދު ނޫނީ ހަނދާނެއްނުވޭ. ނަމަވެސް އެތަކެއް ފަހަރު ނުރައްކާތެރި ބަލިތައް އައިސް ނުފެތުރިދަނީ ހެލްތުވޯކަރުންގެ ބުރަ މަސައްކަތުން،" ރާއްޖޭގެ ތަޖުރިބާކާރު ހެލްތުވޯކަރަކު ބުންޏެވެ.

ހެލްތުވޯކަރުންތަކެއް މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގައި ހަރަކާތްތެރިވަނީ

ހެލްތުވޯކަރުން ހަމަހިމޭން ކަމާއެކު ސަރުކާރުގައި އެދަންނަވަނީ އެމީހުންގެ މުސާރައިގެން ވާހަކައެވެ. މުސާރަ ބޮޑުކޮށްދިނުމުގެ ވާހަކައެވެ. އެ ދާއިރާއިން މާސްޓަރ ހަދައިގެން އަންނަ މީހާގެ މުސާރައަކީ 5610 ރުފިޔާ ކަމަށް އެމީހުން އަޑަށް ބާރުލައި އެބުނަނީ އެވެ. އެއީ އެޑްމިން މީހަކަށްވުރެ ކުޑަ މުސާރައެކެވެ. އޮނިގަނޑެއް ނެތްތާ ކުރިއެރުމެއް ލިބޭނެ އެއްވެސް ގޮތެއް އެމީހުންނަށްނެތް ކަމަށް ހިމޭން ކަމާއެކު އެ ބުނަނީއެވެ.

ބައެއް މީހުން ގޮތެއް ނެތިގެން ދާއިރާ ދޫކޮށްފައިވެއެވެ. އަނެއް ބައިމީހުން ބުނަނީ ރައްޔިތުންގެ ހައްގުގައި ޚިދުމަތުގައި ދެމި ތިބޭނެކަމަށެވެ.

ހެލްތުވޯކަރުން މިހާރުވަނީ އެމީހުންގެ އިހުސާސް ބޭރުކޮށްލުމުގެ ކެމްޕޭނެއް ފަށައިފައެވެ. "މަށަކީ ހެލްތުވޯކަރެއް ސިއްހީ ދާއިރާގައި މަގޭ ހިއްސާ ވަރަށް ބޮޑު" ނަމުގައެވެ. މި ހަރަކާތުގައި ވަނީ އެތައް ހާސް ބައެއްގެ ސޯޝަލް މީޑިއާ ޕްރޮފައިލް ބަދަލުކޮށްފައެވެ. އެމީހުން އޮނިގަނޑު ކޮބައިހޭ އަހާފައެއް ނުވެއެވެ. އެމީހުން ބުނެފައިވަނީ އެމީހުންނަކީ ހެލްތުވީކަރުން ކަމަށާއި ޞިއްޙީ ދާއިރާގައި އެމީހުންގެ ހިއްސާ ބޮޑު ކަމަށެވެ.

ހެލްތުވޯކަރުން އަމިއްލައަށް އެހެންބުނާ އަޑު ސަރުކާރަށް އިވެން އެބަޖެހެއެވެ. އެ މެސެޖު ސަރުކާރަށް ވަރަށް ސާފުވާން އެބަޖެހެއެވެ. އެމީހުން ގަދަބަސް ބުނާކަށް ބޭނުމެއް ނޫނެވެ. އެމީހުންގެ ބޭނުމަކީ ސަރުކާރަށް އެމީހުންގެ އަޑު އިއްވާށެވެ. މެސެޖު ފޯރުކޮށްދޭށެވެ.

މި އަޑު އައްސަވައި ސަރުކާރާއި،އިދިކޮޅު ފަރާތްތަކުން އުފާވެރި އިޖާބައެއް ދެއްވަން މިއީ އެންމެ މުނާސަބު ވަގުތެވެ. ހެލްތުވޯކަރުންގެ އަގުނުކުރެވޭ ބުރަ މަސައްކަތުގެ ހައްގުގައެވެ. ދިވެހި މުޖުތަމައަށް އެމީހުންވަމުންދާ މަތިވެރި ގުރުބާނީއަށްޓަކައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

5 ޚިޔާލު

  1. ހެލްތު ވޯކަރުންނަކީ ޕްރޮފެޝަނަލް ބައެއް، އަހަރެމެން މިކަން ކުރާނީ ޢާއްމު ރަތްޔިތުންނަށް ދޭ ޚިދުމަތައް ބުރޫ ނާރާނެހެން ޕްރޮފެސަނަލްކޮށް، އިންޝާﷲ މިކަން މިފަހަރު ނިންމާނަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.