ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަން އެވޯރޑް ޒާހިރު ނަސީރަށް

1704389361

ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަނޓް އެވޯރޑް ރާއްޖޭގެ ދުވަސްވީ ނޫސްވެރިއެއްކަމަށްވާ ޒާހިރު ނަސީރަށް ލިބިވަޑައިގެންފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް މީޑިއާކައުންސިލުން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ދޭންފެށީ މިއަހަރުއެވެ.

ޒާހިރު ނަސީރަކީ ރާއްޖޭގައި ނޫސްވެރިކަން ތަޢާރަފުވީއްސުރެ ތަފާތު ގިނަ ނޫސްތަކަށް ކުޅިވަރުގެ ދާއިރާއިން ލިޔުއްވަމުން ގެންދެވި ބޭފުޅެކެވެ. އެމަނިކުފާނަށް ވަނީ ކުޅިވަރުގެ ދާއިރާއިންވެސް ލައިފްޓައިމް އެވީވްމަންޓް އެވޯރޑް ލިބިވަޑައިގެންފައެވެ. ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އިތުރު ހަ ދާއިރާއަކުން އިނާމު ދެއްވިއެވެ. މި އިނާމުތަކުގެ ތެރެއިން ދެ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްގެ އިނާމު ލިބިފައިވަނީ ހަވީރުނޫހުގެ ނޫސްވެރިނަށެވެ. ސިޔާސީ ދާއިރާގެ ޚަބަރުތައް ކަވަރކޮށްގެން އެވޯރޑް ލިބިފައި ވަނީ ހަވީރުނޫހުގެ ފަޒީނާ އަޙުމަދަށެވެ. ނޫސްވެރިކަމުގެ އިނާމު ދެއްވަން ފެށްޓެވި ފުރަތަމަ އަހަރުވެސް އޭނާވަނީ އޮންލައިން ދާއިރާ އިން އެ އެވޯރޑް ހޯދައިފައެވެ. އިގްތިޞާދާއި ވިޔަފާރީގެ ދާއިރާއިން އެވޯރޑް ލިބުނީ ހަވީރު ނޫހުގެ ޢާޝިއަތު މުޙައްމަދު ސަޢީދަށެވެ.

ސަރުޢީދާއިރާގެ ޚަބަރުތައް ކަވަރކޮށްގެން އެވޯރޑް ހޯދީ ހަވީރު ނޫހުގެ މުޢިއްޒު މުޙައްމަދެވެ. ކުޅިވަރުގެ ދާއިރާއިގެ ޚަބަރުތައް ކަވަރކޮށްގެން އެވޯރޑް ލިބުނީ ހަވީރު ނޫހުގެ ޢައްޒާމު އަލިފުޅަށެވެ. ފޮޓޯގްރަފީގެ އެވޯރޑް ލިބުނީ ހަވީރު ނޫހުގެ ނިޝާން ޢަލީ އަށެވެ. އިޖްތުމާއީ ދާއީރާއިން އެވޯރޑް ލިބުނީ ވީ ނިއުސްގެ ޝިފްޒާ މުސްޠަފާއަށެވެ. އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯރޑް ލިބުނީ ސަން އޮންލައިންގެ އަޙްމަދު ސާޢިލަށެވެ. ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ވީޑިއޯގްރަފީގެ ދާއިރާއިން އެއްވެސް ނޫސްވެރިއަކަށް އެވޯރޑް ލިބިފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ އިނާމަކީ 2014 ވަނަ އަހަރުން ފެށިގެން މީޑިއާ ކައުން ސިލުން ދެމުން ގެންދާ އެވޯރޑެކެވެ. މި އެވޯރޑް ތަޢާރަފުކޮށް ދެމުން އަންނަނީ ނޫސްވެރިންގެ މަސައްކަތުގެ އަގުވަޒަން ކޮށް ނޫސްވެރިނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުން ސްކޫލު ކުދިންނަށް ހިންގި ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ވަނަވަނަ ހޯދި ސްކޫލުތަކަށްވެސް ވަނީ އިނާމު ދެއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.