އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމު ކޮށްދޭނަން: ރައީސް

ރިޔާސީ ދެވަނަ ދައުރެއްގައި އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ފަރުވާ ދެވޭވަރުގެ ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،  މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށް މިއަދު  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ކަންކަމާއި، އަދި ކުރިއަށް ރާއްވަވާފައި ހުރި ތަފާތު އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވައިފައެވެ. އެގޮތުން، މި ސަރުކާރުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި  ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން މި ސަރުކާރުގެ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކްލާސް ރޫމް އަޅުއްވައި ދެއްވައިފައިވާކަމަށާއި، އަތޮޅުތެރޭގައި މިހާތަނަށް ބިނަކުރި އެންމެ ބޮޑު ސްކޫލް ބިނާ ކުރެއްވީވެސް މިސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިހިނގާ ދައުރުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވާފައިވާކަމަށާއި، އެކި ބަލިތަކަށް ފަރުވާކުރުމަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރަމުންދާކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަވަހަށް ނިމެމުންމިދަނީ ސަރުކާރު ކުންފުނިތަކުގައި ހަކަތަ ހުރުމުންކަމަށާއި، އެގޮތުން ކުރިން ރާއްޖޭގައި އޮތީ ފެނުގެ ނިޒާމު ޤާއިމު ކުރެވި ޚިދުމަތްލިބޭ އެންމެ 6 ރަށްކަމަށާއި ނަމަވެސް މިސަރުކާރު ކުންފުނިތައް މެދުވެރިކުރައްވައިގެން 30 ރަށެއްގައި މިހާރު ފެނުގެ ނިޒާމު ޤާއިމުކޮށް ނިމިފައިވާކަމަށެވެ. އަދި ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރިޔަށްދާ އިތުރު 15 ރަށެއްގައި އަންނަ އަހަރު މެދުތެރޭގައި ފެނުގެ ނިޒާމުގެ ޚިދުމަތްލިބޭ ވަރަށް މަޝްރޫޢުތައް ނިމޭނެކަމަށް ވެސް ވިދާޅުވިއެވެ. ރައިސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މިދަތުރުފުޅު ފެއްޓެވީ މިއަދު ހެދުނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.