(23 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާއާއި، އިޤްބާލާ ދެމީހުން ނަށަން ނުކުމެއްޖެއެވެ. އޭރު އެހެން މީހުންވެސް ނަށަމުންދެއެވެ. ނުބަލާން ވަރަށް މަސައްކަތައް ކޮށްފައިވެސް ފަރުޒާނާ ނަޞީރާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ ފަރުޒާނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހިނިތުންވުމުގެ އަސަރެއް ވެސް ނެތެވެ. ފަރުޒާނާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ވެވޭ ގޮތެއް ނުވިއެވެ. މިއީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އޭނާ އަހަންނާ އެ އަޅައިގަތީ ކީއްވެގެން ހެއްޔެވެ؟
އިޤްބާލް ބުންޏެވެ. "ފަރުޒާނާ- ކޮންމެވެސް ދުވަހަކުން އަހަރެންގެ ގެއަށް ދާން ހިނގާ- ބައްޕައާ ބައްދަލު ކޮށްލަން- ބައްޕައަކަށް ނުހިނގޭ- އަބަދު އެނދުގައި އޮންނަން ވީމާ ވަރަށް ފޫހިވާނެ-"
"އާނ- ކޮންމެވެސް ދުވަހަކުން ދާނަން-"
* * *
ގިޓާޖަހާ މީހާ ހިނިތުން ވާން ފަށައިފިއެވެ. އެއީ ވަރަށް ރީތި ހިނިތުން ވުމެކެވެ. އެ ހިނިތުން ވުމުން ގާތްކަމާއި، ހިތްހެޔޮކަން އިޙްސާސް ކުރެވެއެވެ. ހީވަނީ އެ ދެ މީހުންނަކީ އެތައް އަހަރެން ވެފައިވާ ދެ ރަޙްމަތްތެރިން ހެންނެވެ. މި ފަހަރު ފަރުޒާނާވެސް ދޫނުކޮށް ގިޓާޖަހާ މީހާއާ ދިމާއަށް ބަލާން ފަށައިފިއެވެ. އިޤްބާލްގެ ބަދަލުގައި މި ގިޓާޖަހާ މީގާގެ އަތުގެ ތެރޭގައި ހުރެވުނު ނަމަ ކުރެވޭނީ ކޮން ކަހަލަ އިޙްސާސްތަކެއް ބާވައޭ ފަރުޒާނާގެ ހިތަށް އެރިއެވެ.
"މާ ގިނަ ދުވަހު އަހަރެން ލައްވާ އިންތިޒާރު ނުކުރުވާތި-" އިޤްބާލް ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
"އާނ- މާ ގިނަ ދުވަހު އިންތިޒާރު ކުރާކަށް ނުޖެހޭނެ-" ފަރުޒާނާ ޖަވާބުދިނެވެ.
ނެށުމުގެ ފަހުން އޮތީ ކެއުމެވެ. ކައި ނިމުމާއެކު އޭނާ ފޫހިވާން ފަށައިފިއެވެ. އޭނާ ކުއްލިއަކަށް ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ފާޚާނާއިން ނުކުމެގެން ކޮޓަރިއަށް ނައިސް އޭނާ ނުކުތީ ބެލްކަނީއަށެވެ. އަތިރިމަތީގެ ރީތި މަންޒަރުތައް ބަލަމުން މިއުޒިކްގެ އަޑު އެހުމުގައި ވަރުގަދަ ޖާދޫއެއް އެކުލެވިފައި ވެއެވެ. ޖެހެމުން ދަނީ ވަރަށް ފިނި ވައިރޯޅިއެވެ. އޭނާ އިންތިޒާރު ކުރަމުން ދަނީއެވެ. ހަށިގަނޑު ތުރުތުރުއަޅާ ޙާލުގައެވެ. އެންމެ ފަހުން އޭނާ އަތުވެއްޖެއެވެ.
"މިތާނގައި ހުއްޓާ އަރިދަފުސް އަޅައިދާނެ-" އޭނާބުއްޏެވެ.
"އެއްވެސް މީހަކަށް ނޭނގި މިތަނަށް އައުމުގެ ކުށުގައި ކުލަބުން ކަނޑާލަ ފާނެތީ ޖެހިލުމެއް ނުވޭތަ-؟ ފަރުޒާނާ ބަލައިވެސް ނުލައި އަހައިލިއެވެ.
"އެމީހުން އަހަރެން ކަނޑައެއް ނުލާނެ- އަހަރެންގެ ބަދަލުގައި އަހަރެން ކަހަލަ މީހަކު ނުލިބޭނެ-" އޭނާ ހީނގަތެވެ.
"ތިޔަ ކަހަލަ ދަޢުވާއެއް އެކަކަށްވެސް ނުކުރެވޭނެ-"
"އަހަރެން މިތަނަށް އައީ މިއުޒިކުން ސަލާމަތް ވާން- މޫދާ ކައިރީގައި ހުރެގެން މިއުޒިކް އަޑު އެހުމަކީ ހިތްގައިމު ކަމެއް-"
"ކޮންމެ ވާހަކައެއްގެ ސަބަބު ބަޔާންކޮށް ދިނުމަކީ ކޮންމެހެން ބޭނުން ކަމެއްތަ-؟"
"ކޮންމެ ވާހަކައަކަށްވެސް ސަބަބެއް އޮވޭ-"
ނަޞީރު އަނެއްކާވެސް ހޭން ފަށައިފިއެވެ. ފަރުޒާނާ އެނބުރި އޭނާޔާ ދިމާއަށް ބަލައިލިއެވެ.
"އަހަރެން ދެއްކީ ހޭން ޖެހޭވަރުގެ ވާހަކައެއްތަ-؟"
"ހިތަށް އެރި އެއްޗަކުން ހެވުނީ- އަހަރެންގެ ހިތަށް އެރީ ޔޫސުފްމަލިކުގެ ދެމަފިރިންނަށް އެމީހުންގެ ދަރިފުޅު މިވަގުތު މިތާނގައި އިންކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްބާވައޭ-"
"އަހަރެން މިތަނަށް އައީ އެކަނި- އޭރަކު މިތާނގައި އެކަކުވެސް ނެތް- އިތުރު މީހަކު އައީ މާފަހުން-"
"ފަރުޒާނާ..."
"އޭނ... އަހަރެންގެ ނަން އެނގުނީ ކިހިނެއް-؟"
"އަހަރެން މި ކްލަބުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ- އަހަރެން ޔޫސުފް މަލިކް ދަންނަން- އެއީ މިރަށުގެ އެންމެ ގަދަރުވެރިންގެ ތެރޭގައި ހިމެނޭ ވިޔަފާރިވެރި ހުނަރުވެރިއެއް-"
"ވައި ޖަހަނީތަ-؟"
"ނޫނޭ... ޔަޤީންކުރޭ- އެއްގޮތަކަށްވެސް އެކަހަލަ ކަމެއް ނޫން-"
އޭނާގެ ރާގުގައި އެކުލެވެނީ ސާދާކަމާއި، އިޚްލާސްތެރިކަމެވެ. އެކަމަކު އަމިއްލަ ގޮތެއް ހުރެއެވެ. ބައްޕަހެންނެވެ. ފަރުޒާނާ ވިސްނައިލިއެވެ. "އަހަރެން ދަނީ-"
"އެހައި އަވަހަށް ދަނީ ކީއްވެގެން-؟ އައިތާ އަދި ފަސް މިނިޓުވެސް ނުވޭ-"
"އަހަރެން އައީ މިތާނގައި ގެ އަޅައިގެން ދިރިއުޅެންތަ-؟"
"ސަމާސައަކާ ފަރުޒާނާއަކާ ނުގުޅޭ-" އޭނާ ފަރުޒާނައާ ގާތަށް ޖެހިލިއެވެ. "އިޤްބާލާ ފަރުޒާނާއާ ދެ މީހުންގެ ކާވެނި ހަމަޖެހުނީތަ-؟"
"އަހަންނަށް ހީވަނީ އަދި ހަމައެއް ނުޖެހޭހެން-" ފަރުޒާނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އޭނާ ވާހަކަ ދެއްކިއެވެ. "ފަރުޒާނާ... އަހަރެން ފަދައިން ފަރުޒާނާވެސް މިވަގުތު އެތެރެއަށް ދާކަށް ބޭނުމެއް ނުވޭ-"
"އަހަރެން ދާން ބޭނުންވީމާ ދާނަން- މީހެއްގެ ރުހުން ހޯދާކަށް ނުޖެހޭނެ- އަހަރެން މިތަނަށް އައީ ފިނިކޮށްލަން-"
"ދޮގު... ފަރުޒާނާ މިތަނަށް އައީ ފޫހިވާތީ- ހޮނިހިރު ވިލޭރޭ އަހަންނާއެކީ ބޭރަށް ކާންހިގާ- ހިތް ހަމަޖެހިދާނެ- އެ އިޤްބާލަކަށް އަހަންނާ އެއްވަރަށް ފަރުޒާނާގެ ހިތް ހަމަޖައްސައެއް ނުދެވޭނެ-"
މޮޔަވީިތަ-؟ އަހަންނަށް ހީވަނީ ސިކުނޑި ހަމައިން ނައްޓާލީހެން-"
"އެހެންތަ...؟ ބީރައްޓެއްސަކާ އެކީ ދާން ޖެހިލުންވަނީ ދޯ- އެންމެ ރަނގަޅު- ބީރައްޓެހިކަން ކަނޑުވާލަމާ- އަހަރެންގެ ނަމަކީ ނަޞީރު އަރުޝަދު-"
"ވަރަށް ރަނގަޅު-" އޭނާ ނުގޮސް މަޑުކުރި ވަރަކަށް ވާހަކަ ދިގުލާނީކަން ފަރުޒާނާއަށް އެނގެއެވެ. އަވަހަށް އެތެރެއަށް ދާންވީއެވެ. ވާހަކަ ހުއްޓޭނީ އޭރުންނެވެ. އޭނާ ނުފެނިގެން ފަހަރެއްގައި އިޤްބާލް ނުކުތުންވެސް އެކަށީގެންވެއެވެ.
"ހޮނިހިރު ވިލޭރޭގެ ޕްރޮގްރާމް..."
ފަރުޒަނާ ހީނގަތެވެ. "އަހަން ދަޢުވަތު ޤަބޫލު ކުރިންތަ-؟ މިސްޓަރ ނަޞީރު އަރުޝަދު- އަހަރެންގެ ފަހަތުން ތިޔަހެން އަޅައިގަތުމުގެ ޙައްޤެއް އަހަރެން އެއްވެސް މީހަކަށް ނުދެން-"
"ފަރުޒާނާ- އަހަންނަށް ތިއްތި ދައްކަން ނޫޅޭ-" ނަޞީރު ވަރަށް ހަރުކަށި ރާގަކަށް ބުނެލިއެވެ. "ފަރުޒާނާ ބޭރަށް ނުކުތީ އަހަރެން ފަހަތުން އަންނާނެކަން ޔަޤީން ކޮށްގެން- އަހަންނަށް ކުރިމަތިލާން މިޖެހުނީ މާޔޫސީއާ- އަހަރެން ހީކުރީ ފަރުޒާނާ އަކީ ކޮންމެ ގޮތެއް ވިޔަސް ތެދުބުނަން އާދަވެފައިވާ ކުއްޖެއް ކަމަށް - އަހަރެންގެ ދަޢުވަތު ޤަބޫލުކުރޭ- ފަރުޒާނާގެ ޢިއްޒަތަކަށް ތިތްކެއް ނުބުރާނެ- މަންމަ ދެކެ ބިރުގަންނަނީ ކަން ނޭނގޭ- އިޤްބާލާއެކީ އުޅުމުގެ ބަދަލުގައި މިތާނގައި އަހަންނާއެކީ އުޅޭތަން މަންމަ އަށް ފެނިއްޖެއްޔާ ކޮށްލާނެ ވަރު ހިތަށް އަރާފައި ސިހެނީ- އެހެންނު-؟"
ވަގު ހިފުނީއެވެ. ދެން ކުރާނޭ ކަމެއް ނެތެވެ. "ހޮނިހިރު ވިލޭރޭ ކިހާ އިރަކު...؟ ކޮންތާކަށް...؟" އޭނާ ވަރަށް މަޑުމަޑުން އަހައިލިއެވެ.
ލިބުނު ކަމިޔާބީގެ މައްޗަށް ނަޞީރުގެ ހިތް އުފަލުން ފޮޅުނެވެ. "އަށްގަޑި ބައި... ބީޗްލޭން ރެސްޓޯރަންޓަށް-" އޭނާގެ ހިތަށް އެރިއެވެ. ކިހައި ވަރުގަދަ ކަމެއް ހެއްޔެވެ؟ ހުރިހާ އަންހެން ކުދިންވެސް ހަމަ އެއްގޮތެވެ. އިޤްބާލް ވަރަށް އަވަހަށް ހަމައަކަށް އެޅިދާނެއޭ އޭނާ ޝަބާނާ ގާތު ބުނާނެއެވެ. ޝަބާނާ ޝުކުރު އަދާ ކުރުމުގެ ގޮތުން...
ނަޞީރު އެތެރެއަށް ވަނުމުން ގްރޫޕުގެ އެހެން މެމްބަރުން ސުވާލުގެ ނަޒަރަކުން ބަލާން ފެށިއެވެ. އޭނާ ހީނލިއެވެ. ރޫފީ ވަރަށް ފުންކޮށް އޭނާއާ ދިމާއަށް ބަލައިލާފައި ޔޫސުފް މަލިކްމެން ތިބި މޭޒާ ދިމާއަށް ބަލައިލިއެވެ. ފަރުޒާނާ އަދިވެސް ނާދެއެވެ.
މިއުޒިކު ނިމިއްޖެއެވެ. ފަރުޒާނާވެސް މިހާރު އެނބުރި އަތުވެއްޖެއެވެ.
ރޫފީ ނަޞީރާ ކައިރިއަށް ޖެހިލިއެވެ. "ދަރިޔާ- އެއީ ކަލެޔާ ގުޅޭ ކުއްޖެއް ނޫން-"
"ނަވީންއާ ކަލެޔާ ނުގުޅޭ ގޮތަށްދޯ-؟" ނަޞީރު ވެސް ޖަވާބުގައި ޙަމަލައެއް ދޫކޮށްލިއެވެ.
(ނުނިމޭ)