މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތައް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހުށަހެޅި މައްސަލަތަކަށް ވުރެން އިތުރު ވެފައިވާ ކަމަށް ޑިޕާޓްމާންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހަތަރު ހާސް އަށް ސަތޭކަ ވިހި މައްސަލަ ހުށަހަޅައިފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުށަހަޅާފައިވަނީ ފަސް ހާސް ދުއިސައްތަ ފަންސައްވީސް މައްސަލައެކެވެ.
އެގޮތުން ސުޕީރިއާ ކޯޓުތަކަށް ފަނަރަ އިންސައްތަ މައްސަލަ އިތުރަށް ހުށަހަޅާފައިވާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ހަތަރެއް އިންސައްތަ މައްސަލަތައް އިތުރަށް ހުށަހަޅާފައިވާ ކަމަށް އެޑިޕާޓްމެންޓްއިން ވިދާޅުވެއެވެ.
އެޑިޕާޓްމެންޓްއިން އާންމު ކޮށްފައިވާ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމި މައްސަލަތަކުގެ އަދަދަށް ވުރެން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމި މައްސަލަތައް އަށް އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި ފަސް ހާސް ތިން ސަތޭކަ އެއް މައްސަލަ ނިންމާފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަސް ހާސް ހަތް ސަތޭކަ ފަންސަވީސް މައްސަލަ ނިންމަވާފައިވެއެވެ.
މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ނިންމި މައްސަލަތަކުގެ އަދަދު ދަށްވި ނަމަވެސް އެހެން ކޯޓުތަކުން ނިންމާފައިވާ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ދަށްވެފައިވަނީ ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތް އާ އިމާރާތަކަށް ބަދަލު ކުރުމާގުޅިގެން ދިމާވި ކަންކަމާ ގުޅިގެން ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ވިދާޅުވެފައެވެ.
މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މަސައްލަތަކުގެ އަދަދަށް ބަލާއިރު ނިންމި މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމި މައްސަލަތަކުގެ އަދަދަށް ވުރެ 16 އިންސައްތަ މައްސަލަ އިތުރަށް ނިންމާފައިވާކަން ތަފާތު ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާ ގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 21 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި އަށް ހާސް ހަތަރު ސަތޭކަ ނުވަދިހަ ތިން މައްސަލަ ނުނިމި ހުރިއިރު މި އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނުނިމި ހުރީ ހަ ހާސް ހަ ސަތޭކަ ހަތްދިހަ ހަތަރު މައްސަލަކަމަށް، މި ތަފާސް ހިސާބުތަކުން ދައްކައެވެ.