އަރައިރުން ހައްލުކުރުމަށް ވާހަކަދެއްކުމަކީ މަޖުބޫރުކަމެއް: އިމްރާން ޚާން

އިމްރާން ޚާން ބޮޑު ވަޒީރުގެ އޮފީހަށް ފުރަތަމަ ވަޑައިގަތުމުން ގާޑް އޮފް އޮނާ އެއް އަރުވަނީ

ކަޝްމީރުގެ މައްސަލައާއި، ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އަރައިރުން ހިނގަމުން އަންނަ މައްސަލަތައް ހައްލުކުރުމަށް "ވާހަކަދެއްކުމަކީ މަޖުބޫރުކަމެއް" ކަމުގައި ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އޭނާގެ މިވާހަކަފުޅު އައިސްފައި ވަނީ ދެފަރާތުން ބިނާކުރަނިވި ގުޅުމެއް އުފައްދަންވެއްޖެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވަނިކޮށެވެ.

އަންގާރަދުވަހު އިމްރާން ޚާން ކުރެއްވި ދެ ޓުވީޓެއްގައި އޭނާވަނީ، އޭނާ ބޮޑުވަޒީރުކަމުގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް ނަވްޖޯތު ސިންގް ސިދޫ ދިޔަ ދިއުންވެސް ދިފާއުކުރައްވާފައެވެ.

"އަހަރެން ހުވައިކުރި ރަސްމިއްޔާތުގައި ބައިވެރިވާން ޕާކިސްތާނަށް އައީތީ އަހަރެން ސިދޫއަށް ޝުކުރުއަދާކުރަން. އޭނާ އައީ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި. އޭނާއަށް ޕާކިސްތާނު މީހުންގެ ފަރާތުން ނުހަނު ލޯބި ލިބުނު. އިންޑިޔާ މީހުންގެ ތެރެއިން އޭނާއާދި ދިމާކުރި މީހުން އެދިނީ ސުލްހައަށް ގެއްލުން" އިމްރާން ޚާންގެ ފުރަތަމަ ޓުވީޓުގައި ވެއެވެ.

"ކުރިއަށް ދިއުމަށްޓަކައި އިންޑިއާއި ޕާކިސްތާނު މައްސަލަތަކާމެދު، ކަޝްމީރުގެ މައްސަލަވެސް ހިމެނޭހެން، ވާހަކަދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އިންޑިއަން ސަބްކޮންޓިނެންޓްގެ މީހުން ފަގީރުކަމުން ސަލާމަތްކޮށް، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވާހަކަދައްކައިގެން ދެބަސްވުންތައް ހައްލުކޮށް، ވިޔަފާރިކުރަން ފެށުން." އޭނާ ކުރެއްވި ދެވަނަ ޓުވީޓުގައި ވެއެވެ.

ޗާންދީގަޅަށް އެނބުރި އައިސް ނަވްޖޯތު ސިންގް ސިދޫ ވަނީ އޭނާ ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ޖާވޭދާ ސަލާމްކުރި މައްސަލައިގައި ބީޖޭޕީން "ދެފުށް ދެގޮތްކަން" ގެންގުޅޭތީ އެކަމަށް ފާޑުކިޔާފައެވެ.

"ނަރެންދްރަ މޯދީ ބޮޑުވަޒީރަކަށް ހޮވިވަޑައިގަތުމުން އޭނާ ހުވަކުރެއްވުގެ ރަސްމިއްޔާތަށް ސާކު ގައުމުތަކުގެ ވެރިންނަށް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވެސް ހިމެނިވަޑައިގަންނަވާހެން، ދަޢުވަތުދެއްވި. އޭނާއަށް ހޫނު މަރުޙަބާއެއް ކިއުއްވި. މިވަރުން ފުދުނީއެއް ނޫން. މޯދީ، ހިތްޕުޅުގައި ކޮންމެވެސް އުއްމީދެއް ބާއްވަވައިގެން، ކުއްލިއަކަށް ލާހޯރަށް ވަޑައިގެން،  އެއްވެސް ރަސްމީ ޕްރޮޓޮކޯލެއްވެސް ނެތި، ޝަވާޒު ޝަރީފު އާއިލީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތް." ސިދޫ ބުންޏެވެ.

އިމްރާާާން ޚާނަކީ ކުރީގެ ކްރިކެޓް ކުޅުންތެރިއަކަށް ވެފައި، އޭނާއަކީ އިންޑިއާގެވެސް ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ، މިއީ ދެގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދަން ރަނގަޅު ވަގުތެއް ކަމުގައި އިންޑިއާގެ ބައެެއް ނޫސްތަކުން ދެކެއެވެ. އަނެއްކޮޅުން އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މެެހްބޫބާ މުފްތީވެސް ވަނީ އިމްރާން ޚާން ދިއްކުރެއްވި ސުލްހައިގެ އަތުގައި ހިއްޕެވުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.