ދިޔަމިގިލީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ދިޔަމިގިލީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްސަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ހޯމަ ދުވަހު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅު ތިމަރަފުއްޓާއު، ވޭމަންޑުއާއި، ކަނޑޫދުއާއި، ބުރުންޏާއި، ވިލުފުއްޓަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫއުތަކުގައި ނިންމުން ފާހަގަ ކޮށްދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނު މިއަދު ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.