ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ (ޖުލައި 28 ވާ ހޮނިހިރު ދުވަހު) މާލޭސިޓީގައި އޮންނާނެއެވެ.
މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ.
އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.