ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސްވުމުން މެޑިކަލް ޓީމެއް ޖަލަށް

ނަވާޒް ޝަރީފްގެ ހާލުކޮޅު ސީރިއަސްވުމާ ގުޅިގެން 5 މެންބަރުންގެ މެޑިކަލް ޓީމެއް އާޑިއާލާ ޖަލަށް ގޮސްފިއެވެ. ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް އިން މިއަދު އެކުލަވައިލި ޓީމުގެ އިސްކޮށް ހުންނެވީ ހިތުގެ ޑޮކްޓަރަކާއި މެޑިކަލް ސްޕެޝަލިސްޓުންނެވެ. ޓީމު ޖަލަށްދިޔައީ މޯބައިލް ލެބް އަކާ ވެސް އެކުއެވެ.

ޕާކިސްތާނުގެ ލޯކަލް ޓީވީ ޗެނަލެއް ކަމުގައިވާ ޖިއޯ ޓީވީ އިން ރިޕޯޓްކޮށްފައިވަ ގޮތުގައި ނަވާޒް ޝަރީފް ވަނީ ޖަލުގައި ހުންނަ ހޮސްޕިޓަލް ފެސިލިޓީ އަށް ބަދަލުކޮށްފައެވެ. ނަވާޒް ޝަރީފްގެ ހާލުކޮޅު ފުރަތަމަ ބައްލަވާފައިވަނީ މޭޖަރ ޖެނެރަލް ރިޓަޔާޑް ޑރ. އަޒްހަރް މަހްމޫދް ކަޔާނީ އެވެ. އޭނާ އަކީ ރާވަަލްޕިންޑީ އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީގެ އިސްވެރިޔާއެވެ. ވަގުތީ ސަރުކާރުން ބޭނުންފުޅުވަނީ ޖަލުގައި ހަރަކާތްތެރިވާ މެޑިކަލް ޓީމުން ޑރ. ކަޔާނީގެ ރިޕޯޓް އިތުރަށް ޗެކް ކޮށް ނަވާޒް ޝަރީފް ގެ ހާލު އަލުން ޗެކް ކުރުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނަވާޒް ޝަރީފް ބޭނުންފުޅުވަނީ ރާވަލްޕިންޑީ އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ އަށް ބަދަލުވެވަޑައިގަންނަވާށެވެ. ނަމަވެސް ސަރުކާރުން ބޭނުންފުޅުވަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް އަށް ބަދަލުކުރެއްވުމަށެވެ. ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ނަވާޒް ޝަރީފަށް ވަނީ ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ވަޑައިގެންފައެވެ.

ނަވާޒް ޝަރީފަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެދި އެމަނިކުފާނުގެ ޕާޓީގެ ރައީސްވަނީ ޕަންޖާބް ޗީފް މިނިސްޓަރަށް ސިޓީ އެއް ފޮނުވާފައެވެ.

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ޖަލު ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ލަންޑަނުން އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ. ޖަލު އޮފިޝަލަކާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރު މަތީން މަރިޔަމް ނަވާޒް ގެސްޓުހައުސް އަކަށް ބަދަލުކުރަން އުޅުމުންވެސް އެކަމަނާ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން ހައި ޕްރޮފައިލް މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ޖަލުގައި ތިބި ނުރައްކާތެރި ކުށްވެރީން މިހާރު ދަނީ އެހެން ޖަލު ތަކަށް ބަދަލު ކުރަމުންނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.